23 އެޕްރީލް 2024 - 23:33

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ބުލެޓުތަކެއް ދިރުވާލައިގެން ފުލުހުންގެ ބަންދުގައި ހުރި މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
"މިހާރު" އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާލު ދެރަވެފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށެވެ.
އޭނާގެ ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ބުލެޓު ފޮރުވާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އޭނާގެ ހާލު ދެރަވެ، އައިޖީއެމްއެސްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން އިތުރަށް ބުނީ، އެ މީހާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.