ބިންގަރާސް
ބިންގަރާސް

އާދިއްތަ ދުވަހާ ގުޅޭ

"ދުވަހަކު ވެސް މީހެއް ދެކެ ލޯބިވިންތަ؟" ރާއިދު ސުވާލުކުރިއެވެ.

"ކޮފީ މީރުތަ؟" ޖަވާބުގެ ބަދަލުގައި ދިފްލާ ވެސް އެހީ ސުވާލެކެވެ.

ރާއިދު ކުރި ސުވާލަށް، އެހައި ފާޅުގައި ބީރުކަންފަތްދިނުމުން، ތިމާއަށް ކުރެވުނު ކަންތަކާ މެދު ރާއިދު ވިސްނައިލިއެވެ. ވީ ގޮތް ހަމަ އެ ވަގުތު ރާއިދަށް ވިސްނުނެވެ.

"އަހަރެން ވެސް ހާދަހާ މޮޔައޭ ދޯ؟" އަމިއްލަ ނަފުސަށް މުހާތިބުކޮށް ބުނާ ކަހަލަ ގޮތަކަށް ރާއިދު ބުންޏެވެ. "އެންމެ ފަނަރަ އަހަރުގެ ކުއްޖަކާ އެ ކަހަލަ ސުވާލެއް ކުރަންވާނެތަ؟ ސޮރީ އިނގޭ!"

"އެއީ ކީއްވެ؟" ކޮފީފުޅިއާއި ކިރުދަޅުގެ މަތިޖަހައި، އެ ހުރި ތަންތަނުގައި ބަހައްޓަމުން ދިފްލާ ބުންޏެވެ. "ފަނަރަ އަހަރުގެ އަންހެންކުއްޖެއްގެ ހިތެއް ނޯވޭ؟ ޑްރީމެއް، ކްރަޝްއެއް ވެސް ނޯންނާނެ؟ ކިޔަވާ ހިތްނުވެގެން އަހަރެން ކިޔެވުމޭ ހުއްޓާލީ! ހިތުގެ ވިންދެއް ނުހުއްޓެޔޭ!"

"އެއީ ކޮން ނަމެއް ކިޔާ ވިންދެއް؟" ރާއިދު އެހިއެވެ.

"ހިތުގެ ވިންދަށް އެހެން ނަމެއް ކިޔާކަމެއް އަހަރެން ނުދެނަހުރިން،" ދިފްލާ ބުންޏެވެ. އެ ހިސާބުން ދިފްލާ ބޭނުންވީ ރާއިދުގެ މައުލޫ ބަދަލުކޮށްލާށެވެ. "ކީއްވެގެންތަ ފޯނުގަނޑު ބަނޑުންޖަހާފަ އެ އޮތީ؟ އެއީ ރޮށްޓެއްތަ؟

ރޮށީގެ ބައްޓަން ގެއްލި، އެކި ދިމަދިމާއިން އޮރިދެމެން ފެށިއެވެ. ނަޖްވާންގެ ކޮއްކޮ މެހެރީން، އުކުޅުގައި އަތްވިދިފައި ދައްތަ ޖަހާ ސަކަރާތް ބަލަން ހުއްޓެވެ.

"ތަންކޮޅެއް ބަލައިގެން، މަޑުމަޑުން ދަމާބަލަ ދޮންތާ!" މެހެރީން އެދުނެވެ. "ތިހެން އުޅެގެނެއް ދުވަހަކު ވެސް ދަހެއްނުވާނެ."

ރޮށީގެ ވަށްބުރުގެ ބައްޓަން ދެން ނުގެނެވޭނެކަން ނަޖްވާނަށް ޔަގީންވިއެވެ. ވަގުތުން ފޮޓޯއެއް ނެގިއެވެ. ކުރިޔަށްވުރެ ވެސް ބޮޑަށް ރޮށި އެގޮތްމިގޮތް ހަދައިލާފައި، އަލުން ގުޅައަކަށް ވަށްކޮށްލާފައި ރޮށިދަމާއެތި މައްޗަށް ޖެހިއެވެ.

"އަހަރެން ނުވެސް އުޅެން ދަސްކުރާކަށް،" ގޮނޑިއެއް ދަމައިލާފައި އިށީންނަމުން ނަޖްވާން ބުންޏެވެ. "މިހާރު ތި ހުންނާނެ ވިއްކަން. ނާނާ، ފަރާޓާޔާ، ޗަޕާޓީޔާ، ހުނިލީރޮށި ވެސް ހުރޭ! ކާން ބޭނުންވީމަ ގަނެލާފަ ފިހެލީމަ ނިމުނީ. ފިހޭކަށް ވެސް ނުޖެހޭ! އޯޑަރުކޮށްލީމަ ރޮށި ފިހެގެން ގެއަށް ވެސް ގެނެސްދޭ! އެހެންނޫނަސް ރޮށްޓަކީ ރާއިދަށް މާ މީރު އެއްޗެއް ވެސް ނޫން."

"އެހެންވިއްޔާ ދޮންތައަށް މިހާރު އެނގޭނެތަ ބަތްކައްކަން؟" ރޮށި ދަމަމުން މެހެރީން އެހިއެވެ.

"ބަތްކައްކަން ވެސް މިހާރަކު ނުޖެހޭނެ ދަސްކުރާކަށް. ހުންނާނެ ރައިސް ކުކަރ،" ފޯނާކުޅެންއިން ނަޖްވާން ބުންޏެވެ. "އެނގޭތަ؟ އެ ގޭގަ ތިބޭ ކައްކާމީހުންނާ، ކްލީންކުރާ މީހުންނާ، ލޯންޑްރީ ކަންތައްކުރާ މީހުން ވެސް. މިޒަމާނުގަ ވައިފް ނުޖެހޭ މެއިޑަކަށް ވާކަށް. މެއިޑެއް ގެނެއްސަ ވައިފް ގެންނާނީ. ވައިފަށް އޮންނާނީ ހަސްބަންޑު ހެޕީކޮށްދިނުން. މޭކަޕްކޮށްގެން، ބްރޭންޑަޑް ބޭގްހިފައިގެން، ހަސްބަންޑް އިނގިލިކުރީގަލައިގެން ހިނގުން. ޕާޓީތަކަށް ގޮސްލާ، ޝޮޕިންކޮށްލާ، ރެސްޓޯރަންޓްތަކަށް ޖައްސާލާ، އިންސްޓާއަށް ފޮޓޯ ވައްޓާލާ، އެންޖޯއިކޮށްލީމަ ނިމުނީ."

"ސީރިޔަސްކޮށް؟" މެހެރީން ބުންޏެވެ. "އެކަމަކު، ރައުންޑްކޮށް ރޮށިދަމަން އެނގުނީމަ ކިހާ ސަޅި؟ ހަސްބަންޑް ވެސް ހެޕީވާނެ."

"އެއްޗެއް ދައްކާލަންތަ؟" ނަޖްވާން އައިސް މެހެރީނަށް ފޯނު ދައްކައިލިއެވެ.

ފޯނުން ފެންނަނީ ނަޖްވާން ދެމި ރޮށީގެ ފޮޓޯއެކެވެ. އެ ފޮޓޯ އޮތީ ރާއިދަށް ފޮނުވައިފައެވެ.

"ސޯ ކިއުޓް!" ރާއިދު ފޮނުވި ޖަވާބުގައި އޮތެވެ.

"ވަޓް ދަ..." އެ ހިސާބަށް ބުނެފައި މެހެރީން ދެން ކުރީ ސުވާލެކެވެ. "ކިހިނެއް ތިހާ ރަނގަޅަށް ރާއިދު ދަސްކުރީ؟"

ނަޖްވާން ފޯނުން ކަލްކިއުލޭޓަރު ނެގިއެވެ. އެކެއް އެއްކުރަން އެކެއް ޖެހިއެވެ. ޖަވާބަކީ ދޭކެވެ.

"ވަން ޕްލަސް ވަން ކޯޗެއް؟ ޓޫ! ތިނެއް ނޫނީ ވަންއެއް ނާންނާނެ. އަހަރެން ކިއި ފޮތެއްގަ އޮތީ، ފިރިހެނުންނަކީ ހިސާބު ނަންބަރެކޭ،" ނަޖްވާން ބުންޏެވެ. "އަންހެނުންނޭ ކޮންޕްލިކޭޓީ. ފިރިހެނުން ކަލްކިއުލޭޓް ކުރެވޭނޭ! އެއީ ތެދެއް. އަހަންނަށް މިހާރު ރާއިދުގެ ފޯމިއުލާ ދަސްވެ ބާވެއްޖެ!

ބާވެ، ކުލަވެއްޓިފައިވާ ދެ ފައިލު ހިފައިގެން ރާއިދު މޭޒުކައިރީގައި އިށީނެވެ. ފުރަތަމަ ފައިލު ހުޅުވައިލައި، އޭގައިހުރި ނަންބަރުތަކަށް ފީނައިގަތެވެ. ލެޕްޓޮޕް ހުޅުވައިލިއެވެ. ހުރިހައި ފައިލަކީ ވެސް ރާއިދު ބައްޕަގެ ވިޔަފާރިޔާ ގުޅޭ އެއްޗެއްސެވެ. ވަރަށް ކުޑައިރުއްސުރެ ވެސް، ވިޔަފާރީގައި ބައްޕައަށް އަތްގާތްކޮށްދިނުމަކީ ރާއިދު ކުރާހިތްވާ ކަމެކެވެ. ފިހާރައިގައި އެކި މުދާ ހުންނަ ތަންތަނާއި، މުދަލުގެ ބާކީހުރި ވަރާއި، މުއްދަތު ހަމަވާން ކައިރިވެފައިހުންނަ މުދާ ވެސް ރާއިދަށް އެނގެއެވެ. ރާއިދުގެ ސަބަބުން ބައްޕަގެ ވިޔަފާރިޔަށް އަންނަ ކުރިއެރުމަކީ އަވަށްޓެރިން ދަންނަ ހަގީގަތެކެވެ. ހިސާބުގަނޑު އެންމެން ހެކިވާ ކަމެކެވެ. ރާއިދު ދަނބިދަރިޔަކަށް ހެދުމަކީ، ހުސްހަށިބައި އަންހެންދަރިޔަކު ހުރި ކޮންމެ ބައްޕައެއްގެ އުންމީދެކެވެ.

ރާއިދުގެ ބައްޕަ އެދުނު ގޮތަށް ލިސްޓެއް ތައްޔާރުކޮށްގެން، އެ ހިފައިގެން ރާއިދު ފިހާރަޔަށް އައެވެ. ބައްޕަ އަތަށް ލިސްޓު ދީފައި، މަޝްވަރާކޮށް، ލަފާދީފައި ރާއިދު ނުކުތެވެ. އޭރު ކައިރީގައި ހުރި ގޮނޑިއެއްގައި، ނިކަން ފަރުވާތެރިކަމާއެކު ދެބަފައިންގެ ވާހަކަ އަޑުއަހަން ޖަލީލު އިނެވެ.

"ކޮބާ ހީވޭ؟ އިއްޔެ ބުނީ، މިއަދު މިއޮތީ ލިސްޓު ތައްޔާރުކޮށްފަ،" އަތުގައި އޮތް ލިސްޓަށް ބަލައިލަމުން ނަސީމު ބުންޏެވެ. "އަވަހޭ ދަސްކޮށްލާލެއް. ހަމަ ރަންގަނޑެއް."

"އެހެންވެތާ އަހަރެން މި ކިޔަނީ ހިނގާބަލާށޭ އޭގަ ޖަވާހިރެއް ޖަހަމާ!" ޖަލީލު ބުންޏެވެ. "އޭނަ އިންނަން ނާސިހާގެ ދަރި އެއީ ކާކު؟ އަހަރެންނަކީ އެ ގެއަށް ވަންނަ މީހެއް. އަހަރެންގެ ލޯކުރިމަތީގަ ނާސިހާގެ ނަޖްވާނާ، މެހެރީން ބޮޑުވީ. މެހެރީން ނިކަން މުރާލިވާނެ. އެކަމަކު ނަޖްވާނަކީ ކަންނެތް ފުޅައެއް. އޭނަޔާ ރާއިދު ނުދެވާތި! ހެޔޮނުވާނެ! ތަކުރާރުކޮށްފަ، ފަށްފަށްކޮށްފަ މި ބުނަނީ، އަހަރެންގެ ދަރިފުޅު މާ ރަނގަޅުވާނެ. ނުލާހިކު މޮޅަށް ކިޔަވާފަ އެހެރީ. މަތީ ވަޒީފާއެއްގަ އުޅެނީ. އުޅުންހުންނާނެ. ހަރުދަނާވާނެ."

"ޖަލީލު! ތި ހުރިހާ ކަމެއް އަހަންނަށް އެނގެޔޭ!" ގޮނޑީގައި ހަމަޖެހިލަމުން ނަސީމު ބުންޏެވެ. "އަހަރެން ވެސް ހަމަ ފަށްފަށްކޮށްފަ ބުނަން އޮތީ، ދަރިފުޅު އިންނާނެ މީހަކު އެނގޭނީ ދަރިފުޅަށޭ އަހަންނަކަށް ނޫނޭ! އަހަރެން ވެސް އިނީ އަހަރެން ބޭނުން މީހަކާ. އަހަރެންގެ މައިންބަފައިން އޭގެ ތެރެޔަށް ވަދެ އަމުރުކޮށެއް ނަހަދާ! ލައްކަ ދުވަހު ތި ވާހަކަ ދެއްކިއްޖެއްނު! ދެން ހިނގާ އެހެން ވާހަކައެއް ދައްކަމާ!"

"ވާހަކަދެއްކިދާނެ،" ފާއިޒާ ތަންކޮޅެއް ގަޔާނުވާ ކަހަލަ ރާގެއްގައި ބުންޏެވެ. "އަހަރެން ބުނާ ގޮތް ރާއިދު ހަދާނެ. އެކަމަކު ނަޖްވާނާ ނީނދެ އެހެން މީހަކާ އިނދެގެން ރާއިދަށް ނޫޅެވިއްޖެއްޔާ ކީކޭ އޭނަ ބުނާނީ؟ އެއީ މައްސަލައަކީ."

ޖަލީލު ގާތުގައި އެ ވާހަކަ ނުދެއްކުމަށް ބުނި ނަމަވެސް، ފާއިޒާ ގާތުގައި އެ ވާހަކަ ނުބުނެޔެއް ނަސީމަކަށް ކެތެއްނުވިއެވެ. އެކަމަކު ފާއިޒާ ވެސް އެ ކަމަށް ހުރަސްއަޅާކަށް ބޭނުމެއް ނުވިއެވެ. ތަފާތު ސަބަބަކާ ހެދިއެވެ. ފާއިޒާގެ އެދުމަކަށް ދުވަހަކު ވެސް ރާއިދު އިންކާރެއް ނުކުރެއެވެ. އެކަމަކު، ފަހުން ރާއިދު ހިތާމަކުރަންޖެހޭ ވަރުގެ ކަމެއް ރާއިދު ލައްވައި ކުރުވާކަށް ފާއިޒާ ބޭނުމެއް ނޫނެވެ.

"ރަނގަޅަށް ތަރުބިއްޔަތު ނުކުރެވޭ ކުދިން ވެސް މީހުނާ އިނީމަ ބަދަލުއަންނަތަން އަހަންނަށް ފެނިފަ އެބަ ހުރި،" ފާއިޒާ ބުންޏެވެ. "އަތަށް އުރަލައްވައިގެން ބޮޑެތިކޮށްފަތިބޭ ކުދިން، ބޭރު ގެޔަކަށް ދެވުނީމަ ނުލާހިކު ގެވެހިކޮށް އުޅޭ! ހުރިހާ މަސައްކަތެއް ދަސްކުރޭ! މިހެން ވިސްނާ! އިނދެގެން ރާއިދު އެ ގެޔަކަށް ނުދާނެ. އެ ކުއްޖާ މި ގެޔަށް އަންނާނީ. އަހަރުމެން ވެސް އަދި މި ތިބީ ގަދަވެ ސަލާމަތުން. ހާނާލީމަ ނިމުނީނު. ކޮން ކަމަކާ ހާސްވާންވީ؟"

ހާސްވެގެން ތެޅިގެންފައި ދިފްލާ ހޭލިއެވެ. އަނެއްކާ ވެސް އެ ހުވަފެނެވެ. އަލިގަދަ ބިންގަރާސް އެ ފަހަރު ކުއްލިއަކަށް އަނދިރިވީއެވެ. ހުވަފެނެއްކަން އެނގުނު އިރު ދިފްލާއަށް ހުރެވުނީ އެނދުން ފައިބައި ކޮޅަށެވެ. ނޭވާ އަވަސްވެފައެވެ. ދެން ހިތަށްއެރިއެވެ. ނުނިދާނަމެވެ. ނިންމަން އޮތް ހެދުމެއް އެބަ އޮތެވެ. އެ ކަން ކޮށްލިއްޔާ މާ ރަނގަޅުވާނެއެވެ. ކައިރީގައިހުރި ފެންފުޅިން ފެންފޮދެއް ބޯލަމުން ދިފްލާ އެނދުގައި އިށީނެވެ. ކުރިމަތީގައިހުރި ލޯގަނޑުން ދިފްލާއަށް ބަލައިލިއެވެ. ފަނޑުއަލީގައި، ތުނި ނިދާހެދުމުގައި ދިފްލާއަށް ދިފްލާ ފެންނަލެއް ރީއްޗެވެ. އުފާވާހައި ރީއްޗެވެ. މޭކަޕެއް ނެތަސްވެހެވެ. އެހެނަސް، އެ ހަށިގަނޑު ބައެއް ފަހަރު ދިފްލާއަށް ބުރަޔަކަށްވެއެވެ. އެހެން މީހަކާ ނުލައި ދިރިއުޅުން ފުރިހަމަ ނުވާތީއެވެ. ހިތް ކޮންޓުރޯލު ނުކުރެވޭތީއެވެ. ދިފްލާ ހިތަށްއަރައެވެ. އެއްވެސް މީހަކު ނޫޅޭ ތާކަށް ދާންވީއެވެ. ގޮސްފައި... އެ ހިސާބުން ދިފްލާގެ ސަމާލުކަން ފޯނާ ދިމާއަށް އެނބުރުނެވެ. މެސެޖެއް އައި އަޑުއިވިގެންނެވެ. މެސެޖު ބަލައިލި އިރު އެއީ ރާއިދުގެ މެސެޖެކެވެ.

"ނިދާފަ؟" ރާއިދު އަހައިފައި އޮތެވެ.

އެނދުމައްޗަށް ފޯނުއެއްލައިފައި، ހެދުން މަތިން ބޮޑު ޓީޝާޓެއް ލައިގެން ދިފްލާ ކޮޓަރިން ނުކުތެވެ. އިރުއަރަންދެން ދިފްލާ އިނީ ފަހާށެވެ. އެއީ ދިފްލާއަށް އާކަމެއް ނޫނެވެ. އާކަމެއް ކުރީ ރާއިދެވެ. މެންދުރު އޮފީސް ނިންމައިފައި ގެއަށް އައި މަގުމަތީގައި މާބޮނޑިއެއް ގަތެވެ. ފިނިފެންމަލެއް ނޫނެވެ. ހުދު ލިލީމަލެވެ. އެއީ، ކުރީ ދުވަހަކު ނަޖްވާނާ ޖެހުނު ކުންޏެއް ފިލުވައިލުމުގެ ނިޔަތުގައި ގަތް މާބޮނޑިއެކެވެ. އޮފީހުން އަންނަ އިރު، ނަޖްވާންގެ ގެއަށް ވުރެ ކުރިން ޖެހޭނީ ދިފްލާގެ ގެއެވެ. އެ މަގަށް ސައިކަލު ލަނބައިލި އިރު ދިފްލާ، ގޭގެ ދޮރުމަތީގައި ހުރެފައި ގެއަށް ވަންނަނީއެވެ. ދިފްލާ ލައިގެންހުރީ ފެހި ފަތްތަކެއް ހުރި، ހުދު ދިގުހެދުމެކެވެ. އެއީ ދިފްލާ އުމުރުގެ އަންހެންކުދިން އާންމުކޮށް ލައިއުޅޭ ހެދުމެއް ނޫނެވެ. ސައިކަލު ޕާކުކޮށްފައި، ދިފްލާގެ ފަހަތުން ކަހަލަ ގޮތަކަށް ރާއިދު ވަނެވެ. ސަލާންގޮވައިލިއެވެ. ދިފްލާ ބަލައިލިއެވެ.

"މި ގެއަށް ރީތި ޕަރީއެއް ވަންތަން ފެނުނީމަ އަހަންނަށް ވެސް މިހިރީ ވަދެވިފަ." ރާއިދު ބުންޏެވެ.

ދިފްލާ ރަކި ގޮތަކަށް ހިނިތުންވެލިއެވެ. އެ ހެދުން ދިފްލާގެ ގަޔަށް ވަރަށް ރީއްޗެވެ. ދިފްލާޔާ ވަރަށް ގުޅެއެވެ. މޭކަޕުނުކުރިޔަސް ދިފްލާއަކީ، ގުދުރަތީ ރީތިކަމެއްހުންނަ ކުއްޖެކެވެ.

"ލޯބިތަ؟ މީ މިއަދު ނިންމަންޖެހޭ ހެދުމެއް،" ދިފްލާ ބުންޏެވެ. "އަހަންނާ އެއްވަރުގެ ކުއްޖެއް. އޭނަ ބުނީ ލައިގެން ނުކުމެބަލާށޯ ދައްކާލަން. ހާދަ ލޯބި މާބޮނޑިއެކޭ! އަހަންނަށްތަ؟"

-ނުނިމޭ-