24 އެޕްރީލް 2024 - 05:58

އިޒްރޭލުން ހިސާރުކޮށްގެން ތިބި ޣައްޒާގެ ދެ ހޮސްޕިޓަލެއްގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ މަރައި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައިގައި ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން އދ. އިން އިއްޔެ ގޮވާލައިފި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ "ޝިފާ" އަދި ދެ ވަނަ އަށް އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެސްގައި އަސްކަރީ ހަރަކާތްތައް ހިންގައި އެ ތަންތަން ހަލާކުކޮށްފައި ވާތީ ކަންބޮޑުވާ ކަމަށެވެ.
މި ދެ ހޮސްޕިޓަލް ހިސާރުކޮށްގެން ތިބި އިޒްރޭލު ސިފައިން ދިޔަތާ ދެތިން ދުވަސް ވެފައި ނާސިރު މެޑިކަލް ކޮމްޕްލެކްސް އިން އެކަނި ވެސް 283 މީހެއްގެ ހަށިތައް ފެނިފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުންޏެވެ.
މި މަހު ކުރީކޮޅު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ އިޒްރޭލުގެ ހިސާރުގެ ސަބަބުން ޝިފާ ހޮސްޕިޓަލް "ތޮށިގަނޑަކަށް" ވެފައިވާ ކަމަށް ބުނެފަ އެވެ.
ހިއުމަން ރައިޓްސް އޮފީހުން ބުނީ ދެ ހޮސްޕިޓަލެއްގެ ތެރޭގައި މީހުން މަރައި ވަޅުލާފައި ހުރި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން، މިނިވަން އަދި ހާމަކަން ބޮޑު ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށެވެ.
މަރާ ވަޅުލާފައިވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ޒަހަމްވެފައިވާ މީހުން ހިމެނޭ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް އޮފީހުން ބުންޏެވެ.
"މީހުން ވަޅުލާފައި ވަނީ ވަރަށް ފުނުގައި ކަމަށާއި ވަޅުލިއިރު މައްޗަށް ކުނި އަޅާފައި ހުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވާ،" ހިއުމަން ރައިޓްސް އޮފީހުގެ ތަރަޖަމާނަކު ވިދާޅުވި އެވެ.
ހޮސްޕިޓަލްތަކަކީ ހަނގުރާމައިގެ ހާލަތުގައި ވެސް ހިމާޔަތް ދޭންޖެހޭ ތަންތަނަށް ވިޔަސް ޣައްޒާގައި ކަން ހިނގާފައިވާ އެހެން ނޫން ކަމަށް އދ. އިން ބުންޏެވެ.
އިޒްރޭލުން ބުނަނީ ހޮސްޕިޓަލްތަކަށް ގެއްލުންވާ ގޮތަށް ކަންތައް ކުރަން މަޖުބޫރުވަނީ ހަމާސްގެ ހަނގުރާމަވެރިން މެޑިކަލް ފެސިލިޓީތަކުން ހިމާޔަތް ހޯދައި އެ ތަންތަނުގައި ތިބެގެން ހަމަލާތައް ރާވާތީ ކަމަށެވެ. އެކަމަކު މި ތުހުމަތަށް ހަމާސް އިން އިންކާރުކުރެ އެވެ. -- އޭއެފްޕީ