ކިޑްނީގެ މައްސަލަ ހުންނަ މީހުން ލޮނު މަދުކޮށްލުން ރަނގަޅު
ކިޑްނީގެ މައްސަލަ ހުންނަ މީހުން ލޮނު މަދުކޮށްލުން ރަނގަޅު

ކިޑްނީގެ ބަލި ހުންނަ މީހުން ލޮނު ބޭނުންކުރުން މަދުކޮށްފި ނަމަ ލޭގެ ޕްރެޝަރު ހަމަޔަކަށް އަޅުވައި، ހަށިގަނޑުން ފެން ބޭރުކުރުމަށް އެހީވެދޭ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

ދިރާސާގައި ބައިވެރިކުރި މީހުން ކާނާގައި ލޮނު މަދުކުރުމުން ސިސްޓޮލިކް ބްލަޑް ޕްރެޝަރު (ޕްރެޝަރު އެންމެ މަތީގައި ހުންނަ މިންވަރު) އެވްރެޖްކޮށް 11 ޕޮއިންޓް ދަށަށް ދިޔަ އެވެ. އަދި އެ މީހުންގެ ހަށިގަނޑުން އެވްރެޖް ގޮތެއްގައި އެއް ލިޓަރުގެ ފެން ބޭރުވި އެވެ.

ލޭމައްޗަށް ގޮސް، އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ހަށިގަނޑުގައި ލޮނާއި ފެން ހުންނަ ނަމަ ހިތާއި ލޭނާރުތަކަށް ބާރު ބޮޑުވާނެ ކަމަށް މި ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް މިޝިގަންގެ ޑރ. ރަޖީވް ސަރަން ވިދާޅުވި އެވެ.

ކިޑްނީ ބަލި ހުންނަ ނަމަ، ލޭމައްޗަށް ގޮސް ފެން ގިނަވުމަކީ ނުރައްކާތެރި ކަމެކެވެ.

"ކިޑްނީ ބަލި ހުންނަ މީހަކަށް މި ދެ ކަންތައް ދިމާވެއްޖެ ނަމަ ހިތުގެ ބަލީގައި މަރުވުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑު،" އިންޓާނަލް މެޑިސިން އަދި ކިޑްނީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޕްރޮފެސަރު ސަރަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ކެއުމުގެ އާދަ ބަހައްޓަންވީ ގޮތާ މެދު އެ މީހުންނާ އެކަށީގެންވާ ގޮތެއްގައި ޑޮކްޓަރުން ވާހަކަ ނުދައްކާ ކަމަށެވެ.

މި ދިރާސާ ކްލިނިކަލް ޖާނަލް އޮފް ދަ އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީގެ، މި މަހުގެ 16 ވަނަ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.