22 އެޕްރީލް 2024 - 21:49

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަކަރާއި ހީލަތާއި ދޮގު އަދި ކަންކަން ސިއްރުކުރުމުގެ އެތައް ފަށަލަތަކެއް އަޅައި އެ ކަންކަމުގައި ބައިވެރިވެވަޑައިގެންފައި ކަމަށް، އެ ގައުމުގެ ކުރީގެ ރައީސަކަށް ކުރާ ފުރަތަމަ ޖިނާއީ ދައުވާގައި ބުނެފި އެވެ.

ތާރީހީ ދައުވާގައި ޓްރަމްޕް ހޯމަ ދުވަހު ކޯޓަށް ހާޒިރުކޮށް އެސިސްޓެންޓް ޑިސްޓްރިކްޓް އެޓާނީ މެތިއު ކޮލަންގެލޯ ވިދާޅުވީ ޓްރަމްޕް 2006 ވަނަ އަހަރު ޖިންސީ ގުޅުން ބޭއްވި ޕޯން ސްޓާ ސްޓޯމީ ޑެނިއަލްސް އެ ވާހަކަ ނުދައްކަން ޝަރުތުކޮށް 130،000 ޑޮލަރު ދިނުމަށް ފަހު މާލީ ހިސާބުތައް އޮޅުވާލި ކަމަށާއި އެއީ އެ ފައިސާ ދިންކަން ސިއްރުކުރަން ކަމަށެވެ. އެއީ 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ތެރޭ އެ ވާހަކަ ދައްކައިފި ނަމަ ޓްރަމްޕަށް އިންތިހާބުގައި ހުރަހަކަށް ވެދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ޖިނާއީ އަމަލުތަކަކާއި ކަންތައްތަކެއް ސިއްރުކުރުން ހިމެނޭ މައްސަލައެއް،" މެންހަޓަންގެ ކޯޓް ރޫމަކަށް ހާޒިރުކޮށްފައި ތިބި ނިއު ޔޯކްގެ ޖޫރީންނާ މުހާތަބުކޮށް ކޮލަންގެލޯ ވިދާޅުވި އެވެ.
ކަޅު ސޫޓަކާއި ނޫ ޓައީއެއް ތުރުކުރައްވައިގެން، ދައުވާ ލިބޭ ފަރާތުގެ ގޮނޑީގައި ޓްރަމްޕް މި ވާހަކަތައް އައްސަވަން އިންނެވީ ފަރުވާތެރިކަމާ އެކުގަ އެވެ.
މައްސަލައަށް ކަނޑައަޅާފައިވާ 12 ޖޫރިންނާއި ހަ އޯލްޓަނޭޓުންނަށް މުހާތަބުކުރައްވައި ޓްރަމްޕުގެ އެއް ދިފާއީ ވަކީލް ޓޮޑް ބްލާންޗް ދިފާއީ ބަޔާން ހުށަހަޅުއްވަމުން ވިދާޅުވީ "ރައީސް ޓްރަމްޕް އެއްވެސް ކުށެއް ނުކުރައްވާ" ކަމަށެވެ.
"އަޅުގަނޑުގެ އެބަ އޮތް ސްޕޮއިލާ އެލާޓެއް. އިންތިހާކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމަކީ މައްސަލައެއް ނޫން،" ބްލާންޗް ވިދާޅުވި އެވެ. "މިއަށް ކިޔަނީ ޑިމޮކްރަސީ."
"މެންހަޓާންގެ ޑީއޭ [ޑިސްޓްރިކްޓް އެޓާނީ] މި މައްސަލައިގައި ދައުވާކޮށްގެން ވެސް ނުވާނެ،" އޭނާ ވިދާޅުވި އެވެ. "ރައީސް ޓްރަޕް ވަނީ މައުސޫމްކަމުގެ ފޭރާމަކުން ނިވާވެފައި."
މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ވެސް ޓްރަމްޕް ވަނީ އޭނާ އެއްވެސް ގޯސްކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި މި ދައުވާ އަކީ އޭނާ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވަފާނެތީ ހުރަސްއަޅަން ކޮށްގެން އުޅޭ ދައުވާއެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
"މިއީ އެމެރިކާގެ ތާރީހުގައި ވަރަށް، ވަރަށް ހިތާމަވެރި ދުވަހެއް،" ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އުމުރުން 77 އަހަރުގެ ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އޭނާ ކޯޓަށް ހާޒިރުވެ ވަޑައިގަންނަވަން ނުޖެހުނު ނަމަ އުޅުއްވާނީ ކެމްޕެއިން ދަތުރެއްގައި ކަމަށެވެ.
ޖިނާއީ ދައުވާއެއްގައި ކޯޓަށް ހާޒިރުކުރި އެމެރިކާގެ ފުރަތަމަ ކުރީގެ ރައީސަަކަށް ޓްރަމްޕް ވެފައި ވާއިރު މިއީ އިންތިހާބަށް އެންމެ ހަތް މަސް ދުވަހަށް ވެފައި ވާއިރު ޓްރަމްޕްގެ އުންމީދުތައް ފެނަށް ދިއުމުގެ ބިރު އޮތް ދައުވާއެކެވެ.
މި ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާ ހެކިންގެ ތެރޭގައި ޑެނިއެލްސް އާއި ޓްރަމްޕު ގުޅުވައިދިން މެދުވެރިޔާ ކަމަށްވާ މައިކަލް ކޯހެން ހިމެނޭނެ ކަމަށް ބެެލެވެ އެވެ. ޑެނިއެލްއާ އެކު ކައިވެނިން ބޭރުގައި ޓްރަމްޕް ހިންގި ގުޅުމުގެ ވާހަކަ ސިއްރުކުރުމަށް ފައިސާ ދިނީ ކޯހެން މެދުވެރިކޮށް ކަމަށް ދައުވާގައި ބުނެ އެވެ. އަދި ކޯހެން އަށް ޓްރަޕްމް މި ފައިސާ އަނބުރާ ދިނުމަށް ފަހު ވިޔަފާރީގެ ރެކޯޑްތަކުން އެކަން ފޮރުވަން 34 ދޮގެއް ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.
މި ދައުވާ އަކީ ޓްރަމްޕާ ދެކޮޅަށް ހުރި މައްސަލަތަކަށް ބަލާއިރު ކުޑަ މައްސަލައެކެވެ. މިހާރުގެ ރައީސް ޖޯ ބައިޑެން ޓްރަމްޕުގެ މައްޗަށް 2020 ވަަނަ އަހަރު ކާމިޔާބު ހޯއްދެވި އިންތިހާބަށް ފަހު ދައުލަތުގެ ސިއްރު ލިޔުންތަކެއް ޓްރަމްޕް ގެންދަވައި އެ ފޮރުވައިގެން ގެންގުޅުނު ސީރިއަސް މައްސަލައެއް ވެސް އަދި އެބަ އޮތެވެ.
މިހާރު ކުރިއަށްދާ ދައުވާ ސާބިތުވެއްޖެ ނަމަ ޓްރަމްޕަށް ޖަލު ހުކުމެއް، ޖޫރިމަނާއެއް ނުވަތަ ޕްރޮބޭޝަނެއް ވެސް އަތުވެދާނެ އެވެ. -- އޭއެފްޕީ