20 ފެބުރުއަރީ 2017 - 11:11

ލަންޑަން (ފެބްރުއަރީ 20) - އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި ރަށުން ބޭރުގައި، ނޮން ލީގު ޓީމެއް ކަމަށްވާ ސަޓަންއާ ދެކޮޅަށް މިރޭ ކުޅޭ މެޗު ޓާފް ދަނޑެއްގައި ކުޅޭތީ އާސެނަލްގެ ކޯޗު އާސެން ވެންގާ ރުޅިގަދަވެއްޖެ އެވެ.
ވެންގާ ބުނީ ރަސްމީ މެޗެއް ޓާފް ދަނޑެއްގައި ކުޅުމަކީ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އަހަރެެމެންނަށް މީގެ ވަރަށް ބޮޑު ގެއްލުމެއް އެބައޮތް. ވިސްނަން ޖެހޭ ކަންތައްތައް ވެސް ގިނަ. އެއީ އާސެނަލް ޕްރެކްޓިސް ކުރަނީ ވެސް ހަމަ ރަސްމީ މެޗެއް ކުޅޭފަދަ ވިނަ ގަނޑެއްގައި. އެ ގޮތަށް ކުޅެފައި ސިންތަޓިކް ދަނޑެއްގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. ކުޅުންތެރިންނަށް އަނިޔާވުމުގެ ބިރު ބޮޑު،" ވެންގާ ބުންޏެވެ.
މުބާރާތް އިންތިޒާމްކުރާ ފަރާތަށް މެޗު ކުރިޔަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމަށްވާ ނަމަ އާސެނަލުން ވެސް މާބޮޑު ޝަކުވާއެއް ނުކުރާނެ ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.
"އަހަރެމެންނަށް ވެސް އެނގޭ ނޮން ލީގު ޓީމެއްގައި ރަނގަޅު ފެންވަރުގެ ދަނޑެއް ނޯންނާނެކަން. އެކަމަކު މިފަދަ މުބާރާތެއްގައި މެޗުތައް ކުޅޭނެ ދަނޑުތަކުގެ ފެންވަރު ކަނޑައެޅުމުގައި އެފްއޭ އިން މިންގަނޑެއް ގެންގުޅުން ރަނގަޅު،" ވެންގާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން އެންމެ ފަހުން ބޭއްވި އާސެނަލް ބޯޑުގެ ބައްދަލުވުމުގައި މި ސީޒަނުގައި އާސެނަލަށް ރަނގަޅު ކާމިޔާބެއް ނުލިބިއްޖެ ނަމަ ވެންގާ މަގާމުގައި ނުބަހައްޓަން ވަނީ ނިންމައިފަ އެވެ.
މިރޭގެ މެޗުގެ ކުރިން ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ބުނީ އޭނާ އެ ކްލަބުގައި ހުރުން ބިނާވެފައި އޮތީ މި ސީޒަނުގައި ނެރޭ ނަތީޖާތަކެއްގެ މައްޗަށް ކަމަށެވެ.
ސަޓަންއާ ދެކޮޅަށް ނެރޭނީ މެޗު ކާމިޔާބުކުރެވޭ ފެންވަރުގެ ޓީމެއް ކަަމަށާއި މުހިއްމު ބައެއް ކުޅުންތެރިން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.
ސަޓަން ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 1 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނީ ލިންކޮން ސިޓީއާ ދެކޮޅަށެވެ.