22 އެޕްރީލް 2024 - 09:55

ނަންޓް (އޭޕްރީލް 22) – ފަސް އަހަރު ކުރިން ފްރާންސްގެ ނަންޓް ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އޭނާ މަރުވުމުން އިގްތިސޯދީ ގެއްލުމުގެ ބަދަލު ހޯދަން ކާޑިފްއިން ކޯޓުގައި އެދިއްޖެ އެވެ.
ޖެނެއަރީ 21 2019 ގައި ފްރާންސުން ފުރައިގެން ސަލާގެ މަތިންދާބޯޓް ދަތުރު ކުރީ ވޭލްސްގެ ކާޑިފް އަށް ދިއުމަށެވެ. އެއީ އޭރު ޕްރިމިއާ ލީގުގައި ވާދަކުރި ކްލަބަށް އޭނާ ސޮއިކުރަން ހަމަޖެހިފައިވުމުންނެވެ.
އެ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާގައި، 17 މިލިއަން ޑޮލަރަށް ކާޑިފަށް ސަލާ ވިއްކާލަން ނަންޓްސް އެއްބަސްވި އެވެ. އެ ފައިސާ ވެސް ކާޑިފްއިން ނަންޓް އަށް ދެއްކި އެވެ.
އެ ސީޒަނުގައި ކާޑިފް ރެލިގޭޓް ވި އެވެ. އެ ކްލަބުން ގަބޫލު ކުރަނީ ސަލާ އެ ޓީމަށް ކުޅުނުނަމަ، ރެލިގޭޓް ނުވެ ސަލާމަތް ވިސް ކަމަށެވެ.
މި އަސާސްގެ މައްޗަށް ބިނާކޮށް ކާޑިފް އިން މައްސަލަ ހުށަހެޅީ ގެއްލުމުގެ ބަދަލަށް 127.5 މިލިއަން ޑޮލަރު ނެންޓް އަތުން ހޯދުމަށެވެ. ފްރާންސްގެ ގާނޫނީ އަދި މާލީ ތަޖުރިބާކާރެއް ކަމަށްވާ މޮރިސް ނޫސެންބަމްއާ ހަވާލުކޮށްގެން ހުށަހެޅި މައްސަލައިގައި އޭނާ ވަނީ ކްލަބަށް ލިބުނު ގެއްލުން ބައިތަކަކަށް ބަހާލަފަ އެވެ.
ސަލާ މަރުވުމުން ކްލަބަށް ލިބުނު ކަމަށް ގަބޫލުކުރާ ޖުމްލަ ގެއްލުން ކަނޑައެޅީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ އިތުރުން އެ ޓީމަށް ލިބުނު ގެއްލުންތަކެވެ. އެ ޓީމާ މެދު އާންމުން ދެކޭ ގޮތް ބަދަލުވި ކަމަށް ބުނެ ބަދަލު ހޯދުމަށް އެދިފައި ވެއެވެ.