21 އެޕްރީލް 2024 - 21:20

ދަ ޑިމޮކްރެޓްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް ނާކާމިޔާބު ވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން މި އިންތިހާބުގައި 39 ކެންޑިޑޭޓުން ވާދަ ކުރި އެވެ. އޭގެ ތެރޭގައި މިހާރު މަޖިލީހުގައި ތިއްބެވި ހަތް މެންބަރަކު ވެސް ހިމެނެ އެވެ.
އެއިން އެއްވެސް މެންބަރަކަށް ގޮނޑިއެއް ކާމިޔާބު ނުވި އިރު އޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ދާއިރާގެ ގޮނޑި ދަމަހައްޓަމުން އައި މެންބަރުން ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް ވެސް މި އިންތިހާބުގައި ގޮނޑި ދިފާއެއް ނުކުރެއްވުނެވެ.
އެމްޑީޕީން ވަކިވި ގިނަ އަދަދެއްގެ މެންބަރުންނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް ޕާޓީ އުފައްދާފައި ވަނީ މިދިޔަ އަހަރު ޖުލައި މަހު އެވެ.