ލަންކާގައި ރޭސިން އެކްސިޑެންޓެއްގައި ހަތް މަރު
ލަންކާގައި ރޭސިން އެކްސިޑެންޓެއްގައި ހަތް މަރު

ސްރީ ލަންކާގައި މިއަދު ބޭއްވި މޮޓޯސްޕޯޓް އިވެންޓެއް ބަލަން ތިބި މީހުންގެ ތެރެއަށް ރޭސް ކާރެއް ވަދެ ހިނގި އެކްސިޑެންޓެއްގައި ހަތް މީހަކު މަރުވެ 21 މީހަކު ޒަހަމްވެއްޖެ އެވެ.

ލަންކާގައި ރޭސިން އެކްސިޑެންޓެއްގައި ހަތް މަރު
ލަންކާގައި ރޭސިން އެކްސިޑެންޓެއްގައި ހަތް މަރު

ފޮކްސް ހިލް ސާކިޓްގައި ބޭއްވި އިވެންޓުގައި ކާރު ގޮސް ވަނީ ޓްރެކްގައި ބަންދު ނުކޮށް އޮތް ސަރަހައްދަކަށް ޖަމާވެފައި ތިބި މީހުންތަކުގެ ތެރެއަަށެވެ. މިއީ ލަންކާ ސިފައިން ބަލަހައްޓާ ތަނެކެވެ.

ލަންކާގައި ރޭސިން އެކްސިޑެންޓެއްގައި ހަތް މަރު
ލަންކާގައި ރޭސިން އެކްސިޑެންޓެއްގައި ހަތް މަރު

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ރޭހުގައި ބައިވެރިވި ކާރެއް ފުރޮޅާލުމާ އެކު ޓްރެކް މާޝަލް އިން ރީނދޫކުލައިގެ ދިދަ ހޫރައި އެހެން ޑްރައިވަރުން ކާރުތައް ހުއްޓަން އަންގަ އެވެ. އެކަމަކު ކާރުތައް ހުއްޓަނީ ރަތް ކުލައިގެ ކާރެއް ގޮސް މީހުންތަކުގެ ތެރެއަށް ވަންނަ ފަހުންނެވެ.

"އެކްސިޑެންޓުގައި 27 މީހަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ. އޭގެ ތެރެއިން ހަތް މީހަކު ވަނީ މަރުވެފައި،" އިވެންޓުގެ ތަރުޖަމާނެއް ކަމަށްވާ ނިހާލް ތަލްދުވާ ބުންޏެވެ.

އޭނާ ބުނީ މަރުވި މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

މި އެކްސިޑެންޓު ހިނގުމުގެ ކުޑަ އިރުކޮޅެއް ކުރިން ސިފައިންގެ ޗީފް ވިކަމް ލިޔަނަގެ ވަނީ ރޭސް ބަލަން އާންމުންނަށް ހިލޭ ހުޅުވާލާފައިވާ ކަމަށާއި މިއީ ލަންކާގައި މޮޓޯސްޕޯޓް ޕްރޮމޯޓްކުރަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ.

މިއީ ކޮވިޑްގެ ސަބަބުން މި ރޭސިން އިވެންޓް ހުއްޓާލާފައި އޮންނަތާ ފަސް އަހަރު ފަހުން ބޭއްވި ފުރަތަމަ އިވެންޓެވެ.

"މިއީ ވަރަށް ހާއްސަ ދުވަހެއް ... ބޭނުން ކޮންމެ މީހަކަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލަން މި ވަނީ ނިންމާފައި،" ލިޔަނަގެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިވެންޓް ބެލުމަށް އޭރު ވެސް 100،000 މީހުން ޖަމާވެފައި ތިއްބެވެ.

ސްރީ ލަންކާގެ މަގުތައް ހިމެނެނީ މުޅި ދުނިޔޭގައި ވެސް އެންމެ ނުރައްކާ މަގުތަކުގެ ތެރޭގަ އެވެ. ލަންކާގެ 12،500 ކިލޯމީޓަރުގެ މަގުތަކުގައި ދުވާލަކު އަށް މީހަކު އެކްސިޑެންޓުތަކުގައި މަރުވެ އެވެ. -- އޭއެފްޕީ