20 ފެބުރުއަރީ 2017 - 10:12

އިސްލާމްއާބާދު (ފެބްރުއަރީ 20) - ޕާކިސްތާންގެ ކުޅަދާނަ އޯލްރައުންޑާ ޝާހިދު އަފްރީދީ 21 އަހަރަށް ފަހު ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔަކޮށްފި އެވެ.
އުމުރުން 36 އަހަރުގެ އަފްރީދީ ވަނީ 2010 ވަނަ އަހަރު ޓެސްޓް ކްރިކެޓުން ރިޓަޔަކޮށްފަ އެވެ. އަދި 2015 ވަނަ އަހަރު ވަންޑޭ އިންޓަނޭޝަނަލް ކުޅުން ހުއްޓާލުމަށް ފަހު މިދިޔަ އަހަރު އޭނާ ވަނީ ޕާކިސްތާންގެ ޓްވެންޓީ20 ޓީމުގެ ކެޕްޓަން ކަމުން ވެސް އިސްތިއުފާ ދީފަ އެވެ.
"އަހަރެން ބައިނަލްއަގްވާމީ ކްރިކެޓް ކުޅުން ހުއްޓާލައިފިން،" ޕާކިސްތާންގެ ސުޕަ ލީގު މެޗަކަށް ފަހު އަފްރީދީ ބުންޏެވެ. "ބައިނަލްއަގްވާމީ ކްރިކެޓުން އަހަރެން ނުފެނުނަސް މި ލީގުގައި އިތުރު ދެ އަހަރު އަހަރެން ކުޅޭނަން."
އޭނާ ބުނީ ޕާކިސްތާން ގައުމީ ޓީމުގެ އިތުރުން ވެސް ބައިނަލްއަގްވާމީ ކްރިކެޓުގައި އޭނާ އަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި އެ ހުރިހާ ކަމަކަށް ފަހުރުވެރިވާ ކަމަށެވެ.
އަފްރީދީ އަކީ 2009 ވަނަ އަހަރު އައިސީސީ ވޯލްޑް ޓްވެންޓީ20 މުބާރާތް ކާމިޔާބު ކުރި ޕާކިސްތާން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޕާކިސްތާން ގައުމީ ޓީމަށް އަފްރީދީ ފުރަތަމަ މެޗެއް ކުޅުނީ 1996 ވަނަ އަހަރު އެވެ. އޭނާ ވަނީ ކެރިއަރުގައި 27 ޓެސްޓް މެޗާއި 398 ވަންޑޭ އިންޓަނޭޝަނަލް މެޗުގެ އިތުރުން 98 ޓްވެންޓީ20 ބައިނަލްއަގްވާމީ މެޗު ކުޅެފަ އެވެ.
އޭނާ ވަނީ ބައިނަލްއަގްވާމީ ކްރިކެޓްގައި 500 އަށް ވުރެން ގިނަ ވިކެޓް ނަގައިފަ އެވެ.