21 އެޕްރީލް 2024 - 14:00

ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމުގެ ތެރޭގައި މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައިނުވާ ކަމަށާއި ވޯޓުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާ ކަމަށް އެޗްއާރުސީއެމުން މިއަދު ބުނެފި އެވެ.
މިހާރު ކުރިއަށްދާ އިންތިހާބު އޮބްޒާވްކުރުމަށްފަހު އެޗްއާރުސީއެމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކަނޑައަޅާފައިވާ ވަގުތު، ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވަނީ 77 ޕަސެންޓު މަރުކަޒުގައި ކަމަށެވެ. ވޯޓުލާން ފެށުން ލަސްވެފައިވަނީ ވެސް އޮފިޝަލުން ތައްޔާރުވުން ލަސްވުމުގެ ސަބަބުން ކަމަށް ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން އޮބްޒާވްކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލުން ފެށިފައިވަނީ 8:35 ގައި ކަމަށެވެ.
"ހުރިހާ ވޯޓުލާ ސަރަހައްދެއްގައިވެސް މަރުކަޒު ފާހަގަވާގޮތަށް ދާންވާ މަގު އަންގައިދިނުމަށް ރަނގަޅު އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން ފާހަގަކުރެވިފައިވޭ. މިހާތަނަށް މައްސަލަތަކެއް ފާހަގަކުރެވިފައެއް ނުވޭ. ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދޭ." އެ ކޮމިޝަނުން ބުންޏެވެ.
ކުރިއަށް އޮތް ފަސް އަހަރަށް މަޖިލީހުގެ 93 ދާއިރާ ތަމްސީލުކުރާނެ މެމްބަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން ހަވީރު 5:30 ވަންދެން ކުރިއަށްދާނެ އެވެ. މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.