21 އެޕްރީލް 2024 - 12:52

މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓު ލާން ހަވީރަށް މަޑުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މަޖިލިސް އިންތިހާބުގައި ރައީސް ވޯޓު ލައްވާފައި ވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. އެމަނިކުފާނު ވޯޓު ލައްވަން ވަޑައިގެންފައި ވަނީ ހެނދުނު 8:40 ހާއިރެވެ.
ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮންމެ ރައްޔިތަކަށް ލިބިފައިވާ އިންތިހާބީ ހައްގު ވީހާ ވެސް އަވަހަށް ބޭނުންކޮށް ވޯޓު ލުމުގެ ކަންކަން ނިންމަވާލެވުމަށް އިލްތިމާސްކުރައްވައިފަ އެވެ.
"ވޯޓު ލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް. އަދި ޒިންމާއެއް. އެހެންވީމަ ހުރިހާ ރައްޔިތުން ވެސް ނިކުމެވަޑައިގެން ވީހާ ވެސް އަވަހަކަށް ވޯޓު ލުމުގެ ހައްގު އަދާކޮށްދެއްވާ. ހަވީރު ވަންދެން މަޑުނުކުރައްވާ އެ ބޭފުޅަކު ވޯޓު ލާން ޖެހޭ މަރުކަޒަކަށް ވަޑައިގަނެ ވޯޓު ލެއްވުމަކީ ރައްޔިތުންގެ ޒިންމާއެކޭ،" ރައީސް ވިދާޅުވި އެވެ.
މިއަދުގެ އިންތިހާބުގައި ވޯޓު ލުން ހަވީރު 5:30އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،337 މީހަކަށް ލިބެ އެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.