21 އެޕްރީލް 2024 - 07:41

ބުދަ ދުވަހާ ގުޅޭ
އެ މަގުގައިހުރި ހަރުފަތްތަކުން ފޭބެނީ އަޑިޔަށެވެ. ބިންގަރާހަށެވެ. އެ ގޭގައި ހުންނަކަމަށް ދިފްލާއަށް ހީވެފައިވާ ބިންގަރާހަކީ، އެ ތަނަކަށް ވަނުމުގެ ޝައުގުވެރިކަން ދިފްލާގެ ހިތުގައި އާވެއާވެހުންނަ ތަނެކެވެ. ދިފްލާގެ ނަޒަރުގައި ރާއިދު ހަދަނީ ދޮގެވެ. ދޮގެއްކަން ސާބިތުކުރުމަށް ޓަކައި، ބިންގަރާހަށް ވަންނަން ދިފްލާ ހިނގައިގަތެވެ. ހިތަށްއެރިއެވެ. ފޯނު ގެނެވުނު ނަމައެވެ. އެކަމަކު ފޯނު ކީއްކުރަންހެއްޔެވެ؟ ދިފްލާއަށް ގެއިން ނުކުމެވިފައިވަނީ ފައިވާނަށް ވެސް ނާރައެވެ. މަޑުމަޑުން ހިނގައިފައި ގޮސް ސިޑިން ތިރިޔަށް ފޭބި އިރު އެއީ ވަރަށް ތަނަވަސް، އަލި، ހުސްކޮށް އޮތް ތަނެކެވެ. ފާރުގައި ފޮޓޯލޯގަނޑުތަކެއް ހުއްޓެވެ. ހުރިހައި ފޮޓޯގަނޑެއް ހުރީ ނުބައިފުށަށް އަނބުރައިފައެވެ. ރަނގަޅު ފުށަށް ހުރީ އެންމެ ލޯގަނޑެކެވެ. އެއަކު ފޮޓޯއެއް ނެތެވެ. އެ ހިސާބުން ދިފްލާއަށް ހޭލެވުނެވެ. ދިފްލާ އޮތީ ދިފްލާގެ ކޮޓަރީގައެވެ. ގަޑިން ދަންވަރު ތިނެއްޖަހަން ސާދަ ވަރަކަށް މިނެޓު ހުއްޓެވެ. ދިފްލާ ހިތަށްއެރިއެވެ. އެ ގޭގައި ސިއްރު ބިންގަރާހެއް ހުރީއެވެ. ނޫން ނަމަ، ތަކުރާރުކޮށް އެ ހުވަފެނެއް ދިފްލާއަކަށް ނުފެންނާނެއެވެ. ރާއިދު ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެއެވެ.
ސިއްރު ނުހިފޭއްޓޭ ވަރުގެ ރައްޓެހިންނާ ގުޅުންކަނޑައިލަންވީއެވެ. އެހެން ނޫނީ ދެން ލިބޭނީ މާ ބޮޑު ދެރައެކެވެ. ބުރަކަށީގައި އޮތް ދަބަހަށް ނޭޅުނު ފޮތްތައް އަތުން ހިފައިގެން، އިސްޖަހައިލައިގެން، މަގުގެ އެއްކައިރިން ހިނގާފައި އައި ޔަމާނީގެ ސަމާލުކަންހުރީ މަގަކަށް ނޫނެވެ. މަގުހިނގާ މީހުންނަކަށް ވެސް ނޫނެވެ. ސުކޫލުގައި އެ ދުވަހު ދިމާވި ހާދިސާއަށެވެ. ގެއަށް ވަންއިރު ދިފްލާ ހުރީ ރެހި ތެއްލާށެވެ. މުޅި ތަން އޮތީ އެއްވަސްވެފައެވެ.
"މާ ދުރުން ވަސްދުވައިފި ދޯ؟" ދިފްލާ އެހިއެވެ.
ސުވާލަށް ޖަވާބުދިނުމަކާއި ނުލައި ޔަމާނީ ގޮސް ކޮޓަރިއަށް ވަނެވެ. ދިފްލާއަށް ޔަމާނީ އެނގެއެވެ. ރެހި ތެއްލާ އިރު ރެހިކޮޅެއް ކާން ޔަމާނީ ނާންނާނީ ބޮޑު ސަބަބެއް އޮވެގެންނެވެ.
"މި ކުއްޖާއަށް ކިހިނެއް މި ވީ؟" މަޑުމަޑުން އެހެން ބުނެލައިފައި ދިފްލާ މަންމައަށް ގޮވައިލިއެވެ. "މަންމާ! މި ރެހިކޮޅު ބަލާލައްޗޭ!"
ޔަމާނީގެ ކޮޓަރިއަށް ދިފްލާ ވަން އިރު، ޔަމާނީ އިސްޖަހާލައިގެން އެނދުގައި އިށީނދެގެން އިނެވެ. ދިފްލާ އެއްވެސް ސުވާލެއް ނުކުރެއެވެ. އައި ގޮތަށް އައިސް ޔަމާނީ ކައިރީގައި އިށީނދެލިއެވެ. ޔަމާނީ ބޭނުން ވަގުތަކުން ވާހަކަދައްކަން ފުރުސަތުދިނެވެ. ފަސް މިނެޓުވިއެވެ. ދިހަ މިނެޓުވިއެވެ.
"ސީކްރެޓް ނުހިފޭއްޓޭ މީހުން ދެކެ ވަރަށް ފޫހިވޭ!" ޔަމާނީ ވާހަކަދެއްކިއެވެ.
"މަ ވެސް،" ދިފްލާ އެއްބަސްވިއެވެ. "ބައި ދަ ވޭ، ކޮން ސީކްރެޓެއް ކާކަށް ކިޔައިދިނީ؟"
ވީ ގޮތް ޔަމާނީ ކިޔައިދިނެވެ. ކުރިން ޔަމާނީ އަޅައިނުގަންނަ ފިރިހެންކުއްޖެއް ކުއްލިއަކަށް ޔަމާނީގެ ހިތުގައި ވަޒަންވެރިވީއެވެ. އޭނަގެ ނަމަކީ ރަޔާންއެވެ. އެއީ ޔަމާނީއާ އެއް ކުލާހުގައި އުޅޭ ކުއްޖެކެވެ. އެ ވާހަކަ އެކަކާ ވެސް ހިއްސާނުކޮށް ހުރެފައި، ކެތްނުކުރެވިގެން، ވަރަށް ގާތް އެކުވެރިއެއް ގާތުގައި އެ ވާހަކަ ބުނެވުނީއެވެ. އެކުވެރިޔާގެ ފަރާތުން ކުލާހުގެ އެހެން އަންހެންކުއްޖަކަށް އެ ކަން އެނގުނީއެވެ.
"މައްސަލައަކީ ފްރެންޑެއް ނޫނޭ!" ވިސްނައިދޭ ރާގެއްގައި ދިފްލާ ބުންޏެވެ. "މާނީ މައްސަލައަކީ. ހިތުން ބޭރަށް އެއްޗެއް ނެރެންވާނީ މި ކުރެވެނީ ކީއްކަން އެނގިގެން. ހިތާމަކުރުމަށް ވުރެ މާ ރަނގަޅުވާނެ ކެތްކުރިއްޔާ! ފްރެންޑްޝިޕަކީ ވަރަށް ކޮންފިއުޒިންގް މެސެޖުތަކެއް ފޮނުވާ އެއްޗެއް. ކޮށްލާ ކަމަކުން، ބުނާ އެއްޗަކުން ހިތަށްއަރާފާނެ އެއީ ލަވްއޭ! ވަރަށް ބޮނޑިބޮވިގެން ދޮންތައަށް މީހުން ދަސްވީ. މިހާރަކު އެ ކަހަލަ ލަނޑެއް ނުލިބޭނެ. ވަރިހަމަ ނައިންޓީ ނައިން ޕަސަންޓު ޔަގީންކަން ލިބުނަސް، އަހަރެން ހަމަ މަޑުކޮށްލައިގެން ހުންނާނީ. އެކަކަށް ވެސް ނާންގާނަން."
"ތިހެން ތި ބުނަނީ ދޮންތަ ލައިކްވާ މީހަކު ނުފެންނާތީ،" ފިކުރަކަށް ގެއްލިގެންއިނދެ ޔަމާނީ ބުންޏެވެ. "ދޮންތައަކަށް ނޭނގޭނެ މި ފީލްއެއް."
އެ ވަގުތު ދިފްލާގެ މަންމަ ދިފްލާއަށް ގޮވައިލި އަޑުއިވުނެވެ.
"މާނީއަކަށް ނޭނގެ ދޮންތައެއް ވެސް،" ދިފްލާ ހިނިތުންވެފައި ބުންޏެވެ. "ހިނގާ ކާންދާން. ނުކައިއިނީމަ ބަނޑުހައިވެފަ ރުޅިގަދަވާނީ. އެ ނޫން ކަމެއް ނުވާނެ."
"އަހަރެން ރުޅިމަޑޭ!" ނަޖްވާން ތަންކޮޅެއް ބާރަށް ބުންޏެވެ. "ސީރިޔަސްކޮށް މި ބުނީ. އިއްޔޭއްސުރެ ރޭވި ޓްރިޕެކޭ މީ. މިއަދު ހެނދުނު ވެސް ރާއިދު ބުނި ހަވީރު ފޭސް ޓޫއަށް ދާނަމޭ! އަހަންނެއް ނޫނޭ! ރާއިދު ބުނީ. ދެން ކީއްވެހޭ ޕެޓްރޯލް ނޭޅީ؟"
ހެލްމެޓު އަޅައި ތައްޔާރުވެގެން ސައިކަލު ފަހަތުގައި އިން ނަޖްވާން ހެލްމެޓު ބޭލިއެވެ. ހަވީރުގެ ވަގުތެވެ. ސައިކަލު ހުއްޓިފައިވަނީ އޮލިންޕަސް ކައިރިޔަށެވެ. ސައިކަލު އިސްޓާޓުވޭތޯ ރާއިދު މަސައްކަތްކުރަމުންގެންދިޔައެވެ.
"މިތާ ކައިރީގަ ނުވެސް ހުންނާނެ ޕެޓްރޯލްއަޅާ ތަނެއް،" ނަޖްވާން ސައިކަލުން ފައިބަމުން ބުންޏެވެ. "އެންމެން އެބަ ބަލާ! ދެން ތި ވަރަށް ސްޓާޓަށް ނުފިތަބަލަ! އެނގޭ ދޯ ޕެޓްރޯލް ނެތްކަން. ލަދުން މަރުވާވަރުވޭ!"
"އަހަރެން އެންމެ ފަހުން ބެލި އިރު ވެސް އެއް ބާރ ހުއްޓޭ!" ކުށް ގަބޫލުކުރާ ކަހަލަ ރާގެއްގައި ރާއިދު ބުންޏެވެ. "ޕެޓްރޯލު ފުޅިއެއް ގެނެސްދޭ ވަރުގެ ފްރެންޑެއް ނެތްތަ؟ ކުޑަފުޅިއެއް ވެސް އޯކޭވާނެ. އޭރުން ކާނިވާ ޕެޓްރޯލްޝެޑާ ހަމައަށް ދެވޭނެ."
"ޕެޓްރޯލް ގެނެސްދޭ ވަރުގެ ފްރެންޑެއް ނުހުންނާނެ،" ރާއިދުގެ މޫނަށް ބަލައިލަން ވެސް ބޭނުންނުވާ ވަރަށް ރުޅިއައިސްފައިވާ ނަޖްވާން، ފޯނާކުޅެމުން ބުންޏެވެ. "ރާއިދު އަސްލު ހާދަ ކެއަރލެސްއޭ! މިއަދު އަހަރުމެން ރައިޑަކަށް ދާން އެހާ ކުރިން ރޭވީމަ ޕެޓްރޯލްއަޅާފައެއްނު ހުންނަންޖެހޭނީ."
ނަޖްވާން ދެނީ ހޫނު ޖަވާބެވެ. ފަހަރަކު ތުހުމަތެއް ރާއިދުގެ ބޮލުގައި ނަޖްވާން އެޅުވިއެވެ. އެއީ ނަޖްވާންގެ މިޒާޖެވެ. އެ ޖަވާބުތައް ރާއިދު ބަލައިގަންނަނީ ވަރަށް ފިނިކޮށެވެ. ރައްދެއްދިނުމަކާ ނުލައި، ކުށް ގަބޫލު ވެސް ކުރިއެވެ. އެއީ ރާއިދުގެ މިޒާޖެވެ. އިރުކޮޅަކުން ނަޖްވާންގެ ރައްޓެހި އަންހެންކުއްޖަކު ސައިކަލުގައި އައިސް އެ ތަނަށް މަޑުކޮށްލިއެވެ.
"ނަސީބަކުން ވަރަށް ކައިރީގަ ހުއްޓާ ނަޖޫ މެސެޖުކުރީ،" އޭނަ ބުންޏެވެ. "ސައިކު ހުއްޓުނީތަ؟"
"ނޭނގެ މަށަކަށް،" ފޫހި ގޮތަކަށް އެހެން ބުނެލައިފައި އެކުވެރިޔާގެ ސައިކަލު ފަހަތަށް ނަޖްވާން އެރިއެވެ. "ލެޓްސް ގޯ!"
އެ ގޮތަށް ނަޖްވާން ކަންތައްކުރީމައި ކުޑަކޮށް ދެރަވެފައިހުރި ރާއިދުގެ މޫނަށް، ނަޖްވާންގެ އެކުވެރިޔާ ބަލައިލިއެވެ. އެހެނަސް، އެއްޗެއް ބުނުމުގެ ކުރިން ނަޖްވާން އަމުރުކުރިއެވެ.
"ނައްޓާލާ!" ނަޖްވާން ބުންޏެވެ.
އެކުވެރިޔާގެ ސައިކަލަށް އަރައިގެން ގޮސް ރާއިދުގެ ލޯމަތިން ނަޖްވާން ގެއްލުނެވެ. ނަޖްވާން ރުޅިއައީ ރާއިދާ ހެދިއެވެ. ހުޅުމާލެ ދަތުރު ކެންސަލުވީ ވެސް ރާއިދާ ހެދިއެވެ. އެކަމަކު އެ ކަމާ ވީ ދެރަޔަށް ވުރެ، ރާއިދު ދޫކޮށްލައިފައި ނަޖްވާން ދިޔުމުން ރާއިދު ވީ ދެރަ މާ ބޮޑެވެ. ލޯބިވުމަކީ، ކަމެއް ޖެހޭ ވަގުތު ވެވުނު އެހީއެއް ވުމެވެ. ގާތުގައި ހުރުމެވެ. އެހެން ނުވުމުން، އެ ކަމާ ކުޑަކޮށް ހިތުގަޖެހިގެންހުރެ، ސައިކަލު އަތުން ހިފައިގެން ރާއިދު ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ ދިފްލާ ފެނުނެވެ. އެހެން އަންހެންކުއްޖަކާ އެކުގައި ދިފްލާ އައީ ހިނގައިފައެވެ. ރާއިދު ފެނުމާއެކު، އެކުވެރިޔާ ދޫކޮށްލައިފައި ރާއިދު ގާތަށް ދިފްލާ އައެވެ. ވެގެންއުޅޭ ގޮތް އޮޅުންފިލުވިއެވެ. ރާއިދު ހުރިހައި އެއްޗެއް ކިޔައިދިނެވެ. ދިފްލާ ވަގުތުން ފޯނު ނަގައިފައި އެކި މީހުންނަށް ގުޅަން ފެށިއެވެ. ރައްޓެއްސަކު އަތުޖެއްސިއެވެ. ދެން ފެނުނީ ޕެޓުރޯލު ފުޅިއެއް ހިފައިގެން މީހަކު އައި ތަނެވެ. ރާއިދު ސައިކަލަށް ޕެޓުރޯލު އެޅިއެވެ. އެއީ ނަޖްވާންގެ މިޒާޖުގައި ހުންނަން ރާއިދު ބޭނުންވި ސިފައެވެ. ޕެޓުރޯލަށް ލާރިދޭން އުޅުމުން އޭގައި ނުހިފާކަށް ދިފްލާ ނޫޅެއެވެ. ދިފްލާގެ ނަޒަރުގައި އެއީ ރައްޓެއްސަކު ރައްޓެއްސަކަށް ކޮށްދިން ކަމެކެވެ. އެ ކަން އެ ނިމުނީއެވެ.
"ރައްޓެއްސެއްވީމަ އަހަރެން ހީކުރީ ލާރިދޭށޭ ބުނާކަށް ނުކެރޭނެކަމަށް." އާމިރު ބުންޏެވެ.
ދިފްލާ ހުރީ ކޭކެއް ހިފައިގެން ނުކުމެ ގޭގެ ދޮރުމަތީގައެވެ. އާމިރު ފޯނުން ދިފްލާއަށް ފައިސާ ފޮނުވުމުގެ މަސައްކަތްކުރިއެވެ. ދިފްލާއާއި އާމިރަކީ އެކުވެރިންނެވެ. އާމިރުގެ ގެ ހުންނަނީ ދިފްލާގެ ގެ ހުންނަ މަގަށް ވަންނަތާ ކައިރީގައެވެ.
"ތީ އަދި އަހަރެން ދަސްނުވަނީ،" ހިނިއައިސްފައިހުރި ދިފްލާ ބުންޏެވެ. "އަހަރެން ބުނަން ބޭނުން އެއްޗެއް ބުނާނަން. ނުބުނަން ބޭނުން އެއްޗެއް ނުބުނާނަން. އަގުކިޔާފަ ކޭކުއެޅީ. ކޭކު ލިބޭނީ ލާރިދިނީމަ."
ހެމުންހެމުން ލާރި ފޮނުވައިފައި އާމިރު ކޭކު ހިފައިގެން ދިޔައެވެ. ލާރި ޖަމާވިތޯ ބަލަން ދިފްލާ ހުއްޓައި، ސައިކަލެއް މަޑުކޮށްލިހެން ދިފްލާއަށް ހީވިއެވެ. ބަލައިލި އިރު އެއީ ރާއިދެވެ. އޭނަ ހުރީ ކަމަކާ ހިތްހަމަނުޖެހިފައެވެ.
"މީ ކޮން ބަނަ ވިލާގަނޑެއް؟" ދިފްލާ އެހިއެވެ.
"ވަރަށް މޫޑްސަކަރާތްވެފަ މީނީ،" ދެއަތަކަށް ބޯހަލުވައިލާފައި ރާއިދު ބުންޏެވެ. "އަހަރެން ހިތަށްއަރާ، ބައެއް މީހުންނަށް މީހުން ދަސްވާނެބާއޭ؟ ކެއާކުރަން، އެޕްރިޝިއޭޓްކުރަން އެނގޭނެބާއޭ؟"
"އެއްވެސް ސުވާލެއްގެ ޖަވާބެއް އަހަންނަކަށް ނޭނގެ،" ފުން ނޭވައެއް ބޭރުކޮށްލައިފައި ދިފްލާ ބުންޏެވެ. "ތީގެ ޖަވާބު އެނގޭނީ ބޮޑެތިމީހުންނަށް. އަހަންނަށް އަދި އެންމެ ފިފްޓީންއޭ! އެކަމަކު އެނގޭ ކަމެއް ބުނެފާނަން. ވަރަށް މީރުކޮށް ކޮފީހަދަން އެނގޭ. މި ވަގުތު ހީވޭ ރާއިދަށް ކޮފީއެއް ވަރަށް ރަނގަޅުވާނެހެން. ބޭނުންތަ؟"
"ތީ ވަރަށް ސަޅި އައިޑިޔާއެއް." ސައިކަލުން ފައިބަމުން ރާއިދު ބުންޏެވެ.
ދެމީހުން އެކުގައި ގެއަށް ވަނެވެ. ދިފްލާ ކޮފީހެދި އިރު ރާއިދު އިނީ ފޯނު ހިފައިގެން، ދިފްލާއަށް ފުރަގަސްދީގެން މޭޒު ކައިރީގައި އިށީނދެގެންނެވެ. ދިފްލާ ފަސްއެނބުރި ބަލައިލި އިރު ރާއިދުގެ ފޯނު ވަރަށް ރީތިކޮށް ދިފްލާއަށް ފެނެއެވެ. އެކަމަކު، ޗެޓުގައި ދައްކާ ވާހަކަ އެނގޭ ވަރެއް ނުވެއެވެ. ދެން އިވުނީ ރާއިދުގެ ފޯނު ރަނގަބީލުވި އަޑެވެ. ދިފްލާ ބަލައިލި އިރު އަރާފައި އޮތީ ނަޖޫގެ ފޮޓޯއެކެވެ. ފޯނު ނެގުމުގެ ބަދަލުގައި ރާއިދު ފޯނުގެ އަޑު ކަނޑައިލައިފައި، މޭޒުމަތީގައި ބަންޑުން ފޯނު ބޭއްވިއެވެ. ދިފްލާ ކޮފީތަށި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" ކޮފީފޮދެއް ބޯލަމުން ރާއިދު ބުންޏެވެ.
"އަހާބަލަ!" ކޮޅަށްހުރި ދިފްލާ ބުންޏެވެ.
"ދުވަހަކު ވެސް މީހެއް ދެކެ ލޯބިވިންތަ؟" ރާއިދު ސުވާލުކުރިއެވެ.
-ނުނިމޭ-