20 ފެބުރުއަރީ 2017 - 09:32

ޝެއިޚް ކަމާލް ކްލަބް ކަޕްގައި ކިރްގިސްތާންގެ އަލްގާ ބިޝްކެކްއާ ދެކޮޅަށް މިއަދު ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބްގެ އެންމެ ބޮޑު އަމާޒަކަށްވާނީ ސެމީގެ ޖާގަ ޔަގީންކުރުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޓީސީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ ލިމިޓެޑް އަތުން 1-0 އިން މޮޅުވެފަ އެވެ. އަލްގާ ފުރަތަމަ މެޗުން ބަލިވީ ދެކުނު ކޮރެއާގެ ޕޮޗެއޯން އެފްސީ އަތުންނެވެ.
ނިޒާމްބެ ބުނީ މިއަދުގެ މެޗަށް ނުކުންނައިރު ޓީސީން ހުރިހާ ގޮތަކުން ސަމާލުވާން ޖެހޭ ކަމަށެވެ.
"ޓީސީ އޮތީ މި މެޗަށް ތައްޔާރަށް. މެޗަށް ނުކުންނައިރު ވިސްނަން ޖެހޭ އިދިކޮޅަށް ނުކުންނަ ޓީމަކީ ވަރުގަދަ ޓީމެއްކަން. ކުޅުންތެރިންނަށް ވިސްނައި ދޭނީ ވެސް އެ އިހުތިރާމް ދީގެން މެޗަށް ނުކުތުމަށް،" ނިޒާމްބެ ބުންޏެވެ.
ފުރަތަމަ މެޗުން އަލްގާ ބަލިވެފައި އޮތުމުން އެ ޓީމުން މި މެޗަށްދޭ ސަމާލުކަން ބޮޑުވާނެ ކަމަށް ނިޒާމްބެ ފާހަގަކުރި އެވެ.
"ފުރަތަމަ މެޗުން އެ ޓީމު ބަލިވެފައި އޮތުމުން މި މެޗަށް ނުކުންނާނީ އިތުރަށް މަސައްކަތް ކޮށްގެން މޮޅުވާން. އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ޓީސީ ނުކުންނާނީ އިތުރު ހިތްވަރު ލައިގެން ސެމީގެ ޖާގައެއް ކަށަވަރުކުރަން،" ނިޒާމްބެ ބުންޏެވެ.
އަލްގާ އަކީ ކިރްގިސްތާންގެ ފުރަތަމަ ޑިވިޝަނުގެ ކާމިޔާބު ޓީމެކެވެ. އެ ޓީމުން ވަނީ ކިރްގިސްތާން ލީގާއި ކަޕް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމަކީ މިދިޔަ އަހަރު ކިރްގިސްތާން ލީގު ތިން ވަނަ ހޯދި ޓީމެވެ. އަލްގާ ޓީމުގައި ގިނައީ އެ ގައުމަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ކިރްގިސްތާން ގައުމީ ޓީމަށް ކުޅެފައިވާ ތިން ކުޅުންތެރިޔަކު ހިމެނެ އެވެ.
ޓީސީ އާއި އަލްގާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 6 ޖަހާއިރު އެވެ.