އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިނުކުރި ކްލަބްތަކާ އެކު ފީފާގެ ވަފުދުން ހާއްސަ މަޝްވަރާތަކެއް
އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިނުކުރި ކްލަބްތަކާ އެކު ފީފާގެ ވަފުދުން ހާއްސަ މަޝްވަރާތަކެއް

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު ފީފާގެ ވަފުދުން ހާއްސަ މަޝްވަރާތަކެއް ކުރަން ހަމަޖެހިޖެ އެވެ.

އެފްއޭއެމް އާއި ފުޓްބޯޅައިގެ ތެރޭގައި އޮތް މައްސަލަތަކުގެ ހާލަތު ދެނެގަންނަން ރާއްޖެ އަށް ޒިޔާރަތް ކުރާ ފީފާ އާއި އޭއެފްސީގެ ވަފުދުގެ އޮފިޝަލުން މިއަދު ރާއްޖެ އަންނާނެ އެވެ.

ހަތަރު އަހަރު ވީ އިރު ވެސް އެފްއޭއެމުން ނުހަދައި ހުރި ކޮމިޓީތަކުގެ ތެރެއިން ބައެއް ކޮމިޓީތައް އެކުލަވާލަން ފެބްރުއަރީ މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކުރިއަށް ގެންދިޔައީ ބައެއް ކްލަބްތައް ބައިވެރި ނުކޮށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކޮންޓްރޯލް ގެއްލުނު، ވެލެންސިއާ އަށް ކޮންގްރެސް އަށް ދައުވަތު ނުދޭކަމަށް އެ ކްލަބުން ބުނެ އެވެ. އެކަމަކު އެފްއޭއެމުން ބުނަނީ ވެލެންސިއާ އަށް ވެސް ދައުވަތު ފޮނުވާފައިވާ ކަމަށާއި އެ ކްލަބްގެ ޗެއާމަން އަބްދުﷲ އަޒުމީނާއި ނައިބު ރައީސް އިލްމާއު ހުސައިން އިބްރާހިމްގެ ނަމުގައި ކޮންގްރެސްގައި ބައިވެރިވާ ރަޖިސްޓަރީ ވެސް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ވެލެންސިއާއިން އެ ކަން ދޮގު ކުރެ އެވެ. ފީފާގެ ވަފުދު ރާއްޖެ އަންނަ އެއް ސަބަބަކީ ވެސް ވެލެންސިއާއިން ހުށަހެޅި އެ ޝަކުވާތަކެވެ. ކޮންގްރެސްގައި ބައިވެރި ނުކުރި ބައެއް އެހެން ކްލަބްތަކުން ވެސް ވަނީ ފީފާ އަށް ޝަކުވާ ހުށަހަޅައިފަ އެވެ.

ފީފާ އާއި އޭއެފްސީގެ އޮފިޝަލުން ވެސް ހިމެނޭ ޖޮއިންޓް ޓީމުން އެފްއޭއެމްގެ ލީޑާޝިޕާ ވެސް ބައްދަލު ކުރާނެ އެވެ. އަދި "މިހާރު" އަށް ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އާއި އޮލިމްޕިކް ކޮމިޓީ އާ ވެސް އެ ވަފުދުން ބައްދަލު ކުރާނެ އެވެ.

"ފުޓްބޯޅައިގެ ހިއްސާދާރުންނާ ބައްދަލުކުރާނެ. އަދި ހާއްސަ މަޝްވަރާތަކެއް ކުރިއަށްގެންދާނެ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު ވެސް،" ފީފާ އާއި އޭއެފްސީގެ ވަފުދާ ގުޅުން ހުރި އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ ހޯމަ ދުވަހުން ފެށިގެން ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ.

ކުރިން ހަމަޖައްސާފައި އޮތް ގޮތުން އެފްއޭއެމްގެ އިންތިހާބު މިއަދު އޮންނާނެ އެވެ. ނަމަވެސް އިންތިހާބު މަޑުޖައްސާލަން ފީފާއިން މިދިޔަ މަހު އެންގި އެވެ.

މިއީ އެފްއޭއެމްގެ އިންތިހާބު ހުއްޓާލަން ފީފާއިން އެންގި ދެވަނަ ފަހަރެވެ. ޖެނުއަރީ 31 ގައި ބާއްވަން އެފްއޭއެމުން މަސައްކަތް ކުރި އިންތިހާބު ހުއްޓާލަން ފީފާއިން އެންގީ އިންތިހާބާ ގުޅޭ ބައެއް ކޮމިޓީތައް އެފްއޭއެމުން އުފައްދާފައި ނެތުމުންނެވެ. އެ ކޮމިޓީތައް ހަދަން އެފްއޭއެމުން ބޭއްވި ކޮންގްރެސްގެ ސައްހަ ކަމާ މެދު ބައެއް ކްލަބްތަކުން ސުވާލު އުފައްދަ އެވެ.