19 އެޕްރީލް 2024 - 10:07

އީރާންގެ މެދުތެރޭގައި އޮންނަ އިސްފަހާން އިން ބާރުގަދަ ގޮވުންތަކެއް އަޑު އިވިފައި ވާއިރު އިޒްރޭލުން އީރާންގެ ކިބައިން ބަދަލު ހިފުމަށް ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފި އެވެ.
އީރާންގެ އެކި ސިޓީތަކުގައި އެއާ ޑިފެންސް ސިސްޓަމް އެކްޓިވޭޓްކޮށްފައި ވާއިރު ދައުލަތުގެ މީޑިއާއިން ބުނީ އިސްފަހާން ސިޓީން ގޮތުންތަކެއްގެ އަޑު އިވިފައިވާ ކަމަށެވެ. އެކަމަކު "ގައުމުން ބޭރުން" ހަމަލާތަކެއް އައި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.
މިކަން ހިނގާފައި މި ވަނީ މިދިޔަ ހަފްތާ ބަންދުގައި އިޒްރޭލަށް އީރާނުން ހަމަލާދިނުމުން އެކަމުގެ ބަދަލުހިފާނެ ކަމަށް އިޒްރޭލުން ބުނެފައި ވަނިކޮށެވެ. އީރާނުން އިޒްރޭލަށް ހަމަލާދިނީ ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓް އިމާރާތަކަށް އިޒްރޭލުން ހަމަލާދީ ސިފައިންގެ އިސް ބަޔަކު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށެވެ.
އީރާންގެ ފާސް ނިއުސް އެޖެންސީން ބުނީ ގަހްޖަވަރެސްތާން އާއި ޝެކާރީ ވައިގެ މަރުކަޒު ކައިރިން ތިން ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ. އީރާންގެ ސްޕޭސް އެޖެންސީގެ ތަރުޖަމާނު ހުސައިން ދަލިރިއަން ވިދާޅުވީ "ގިނަ އަދަދެެއްގެ" ޑްރޯން ވައްޓާލާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިސައިލެއްގެ ހަމަލާއެއް އައި ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ.
"ނުރައްކާތެރި ގޮވުމެއް އަދި ބޮޑު ގެއްލުމެއް ވެސް މި ކަންކަމުގެ ސަބަބުން ލިބުނު ކަމުގެ ރިޕޯޓެއް އަދި ނެތް،" އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުންޏެވެ.
މީގެ އިތުރުން އިސްފަހާންގައި ހުންނަ ނިއުކްލިއާ ފެސިލިޓީއަށް ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުންޏެވެ.
މިއީ އިޒްރޭލުން ދިން ބަދަލު ހިފުމުގެ ހަމަލާއެއް ކަމަށް އެމެރިކާގެ މީޑިއާ އިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައި ވިޔަސް މިކަމާ ބެހޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ. އަދި އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވެސް ރަސްމީ ބައެއް ނުބުނެ އެވެ.
ސީއެންއެން އިން ބުނީ އިޒްރޭލުން ދިން ހަމަލާގެ އަމާޒަކީ ނިއުކްލިއާ ފެސިލިޓީއެއް ނޫން ކަމަށެވެ.
އޭއެފްޕީން އިޒްރޭލުގެ އަސްކަރިއްޔާއާ ސުވާލުކުރުމުން ބުނީ "މިވަގުތު އަދި ދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ.
އިޒްރޭލަށް ޑްރޯން އާއި މިސައިލުން 300 އަށްވުރެ ގިނަ ހަމަލާ ދިނުމުގެ ކުރިން އީރާނުން އެކަން އެމެރިކާއަށް ކުރިން އެންގި ކަމަށް ބުނެފައި ވާއިރު އިޒްރޭލުން ވެސް ހަމަލާގެ މައުލޫމާތު ކުރިން އެމެރިކާއަށް މައުލޫތު ދިން ކަމަށް އެމެރިކާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިޒްރޭލުން ބަދަލު ހިފުމުގެ ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓާ އެކު އީރާނަށް ދަތުރުކުރުން އެތައް އެއާލައިނަކުން ވަނީ މެދުކަނޑާލައިފަ އެވެ. ހަމަލާތަކާ އެކު އީރާނުން އެއާޕޯޓްތައް ހުއްޓުމަކަށް ގެނައުމަށް ފަހު މިހާރު އަލުން ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. -- އޭއެފްޕީ