ޓްރޭޑްމާކަކަށް "ޕަބްލޯ އެސްކޮބާ" ބޭނުމެއް ނުކުރެވޭނެ: އީޔޫ ކޯޓް
ޓްރޭޑްމާކަކަށް "ޕަބްލޯ އެސްކޮބާ" ބޭނުމެއް ނުކުރެވޭނެ: އީޔޫ ކޯޓް

މަސްތުވާތަކެތީގެ ވިޔަފާރިކުރި ކޮލަމްބިއާގެ ބޮޑު ކުށްވެރިޔާ ޕަބްލޯ އެސްކޮބާގެ ނަން ކުންފުންޏެއްގެ މުދާ ވިއްކުމުގައި ޓްރޭޑްމާކަކަށް ބޭނުންކުރަން އުޅުމުން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން ވެސް އެކަން ހުއްޓުވައިފި އެވެ.

"އެސްކޮބާ" ކިޔާ ކުންފުންޏަކުން ޓްރޭޑްމާކެއްގެ ގޮތުގައި "ޕަބްލޯ އެސްކޮބާ" ރަޖިސްޓްރީކުރަން އުޅުމުން އެކަން އެންމެ ފުރަތަމަ ހުއްޓުވީ 2021 ވަނަ އަހަރު ޔޫރަޕިއަން ޔުނިއަން އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުންނެވެ. މި ނިންމުމަށް ކޯޓުން އިއްޔެ ތާއީދުކުރީ އެވެ.

މި ޓްރޭޑްމާކް ބޭނުންކުރާ ނަމަ ޑްރަގް ޓްރެފިކިން އާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ޓެރަރިޒަމްގެ އަމަލުތަކާއި މިފަދަ ބޮޑެތި ކުށްތަކުގެ ސަބަބުން އެތައް ބަޔަކަށް އުފުލަން ޖެހުނު ކެކުޅުންތަކާ މި ނަން އާންމުން ގުޅުވާނެ ކަމަށް ކޯޓުން ނެރުނު ބަޔާނުގައި ބުންޏެވެ.

އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުން އެންމެ ފުރަތަމަ "ޕަބްލޯ އެސްކޮބާ" ޓްރޭޑްމާކް ރަޖިސްޓްރީކޮށްނުދިނީ އެ ނަމަކީ އާންމު އުސޫލުތަކާއި އާންމު މިންގަނޑުތަކާ ހިލާފް ނަމެއް ކަމަށް ބުނެ އެވެ.

ކޯޓުން ބުނީ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

ކޮލަމްބިއާގެ މެޑެލިން ކާޓެލްގެ ބާނީ އަދި ވެރިޔާ އެސްކޮބާ 1993 ވަނަ އަހަރު ފުލުހުންނާ ހިނގި ކުރިމަތިލުމެއްގައި މަރާލާފައި ވާއިރު އޭނާގެ ނަމަކީ އަދިވެސް އާންމުންގެ ތެރޭ ބޮޑެތި ޖަރީމާތަކާ ގުޅުވައިގެން ބޭނުންކުރާ ނަމެއް ކަަމަށާއި އެހެންވެ ވިޔަފާރީގެ ނަމެއްގެ ގޮތުގައި އެއީ ބޭނުންކުރަން އެކަށީގެންވާ ނަމެއް ނޫން ކަމަށް ކޯޓުގެ ބަޔާނުގައިވެ އެވެ. -- އޭއެފްޕީ