ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި
ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަން ފަށައިފި

އާދިއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އީސީން ވަމުންދާ ތައްޔާރުވުމަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ފެށީ މިއަދު ފަތިހު 4:00 ގައި ކަމަށް އީސީން ބުންޏެވެ.

އެގޮތުން މިއަދު ވޯޓުލާ މަރުކަޒަށް ބޭނުންވާތަކެތި ފޮނުވުމަށް ހަމަޖެހިފައި ވަނީ ށ، ނ، ރ، ބ. އަދި ޅ. އަތޮޅަށެވެ.

މިފަހަރުގެ އިންތިހާބަށް ޖުމްލަ 287،462 ވޯޓު ޗާޕުކޮށްފައިވެ އެވެ. ވޯޓުކަރުދާހާއި ވޯޓު ލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަނީ، ފުލުހުންގެ ބެލުމުގެ ދަށުން، އެންމެމަތީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ކަމަށް އީސީން ބުންޏެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގައި ޖުމްލަ 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. ވޯޓު ފޮށި ބަހައްޓަން ހަމަޖައްސާފައި ވަނީ މެލޭޝިއާގެ ކުއާލަލަމްޕޫރާއި ސްރީލަންކާގެ ކޮލޮމްބޯ އަދި އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ.