17 އެޕްރީލް 2024 - 09:59

އާދިއްތަ ދުވަހާ ގުޅޭ
އޭގެ ހަގީގަތް އޮޅުންފިލުވަން ދިފްލާ ވަރަށް ބޭނުމެވެ. ކިތަންމެ ފަހަރަކު ރާއިދު ގާތުގައި ވެސް އެ ވާހަކަ އަހައިފިއެވެ. ކިތަންމެ ފަހަރަކު ރާއިދު ޖަވާބު ވެސް ދީފިއެވެ. އެ ޖަވާބު ދިފްލާ ގަބޫލެއް ނުކުރެއެވެ.
"ކޮބާ ދެމައިން ވަދޭވަދޭ!" ކޮޓަރިން ނުކުންނަމުން ފާއިޒާ ބުންޏެވެ. "ދިފްލާ އާދޭ އުނދޯއްޔަށް."
ދިފްލާ ދުވެފައި ގޮސް އުނދޯލީގައި އިށީނެވެ. މައުސޫމާ އިށީނީ ސޯފާގައެވެ. ފާއިޒާއަށް ދިފްލާ ފެންނަ އިރަށް ގެެނެސް އުނދޯލީގައި ބެއިންދުމަކީ އާދައެކެވެ. ދިފްލާ އަނގަތަޅާ ވަރުން ފާއިޒާ ވަރަށް ފޫހިފިލައެވެ. ގިނައިން ވާހަކަދައްކާނެހެން ހީވާ ކަހަލަ ސުވާލުތައް ވެސް ކުރެއެވެ. އަވަށްޓެރިންކަމުން އެންމެން އެންމެނާ ވެސް ރައްޓެއްސެވެ.
"މި ގޭގެ މި ތަންކޮޅު ކިހާ ލޯބި؟" ދެފައި ތަޅުވައިލާފައި، އުނދޯލީގެ ވަށައިގެން އިޝާރާތްކޮށްލަމުން ދިފްލާ ބުންޏެވެ. "މި ގެއަށް އައިއްސިއްޔާ އަހަރެން ނުވޭ އުނދޯލިން ފައިބާ ހިތެއް."
"ދެން އަންނަންވީނު މި ގެއަށް؟" ފާއިޒާ ލާނެތް ރާގަކަށް ބުނެލިއެވެ.
އުމުރު ހަގަސް ފާއިޒާ އެ ބުނަނީ ކީކޭކަން ދިފްލާއަށް ވިސްނެއެވެ. އެނގޭކަމަށް ނަހަދަނީއެވެ.
"މިހިރީ އައިއްސައެއްނު!" ދިފްލާ ބުނެލިއެވެ. "މުޅި މި ހިސާބުގަނޑުން ވެސް އަހަރެން އެންމެ ގިނައިން ވަންނަނީ މި ގެއަށް."
"އަހަރެން އައިސްބަލާށޭ ކިޔާކިޔާ ވާޅުވި ފަހުން މި ފަހަރު ތި އައީ،" ދިފްލާގެ ބުރަކަށީގައި ފިރުމައިލާފައި ފާއިޒާ ބުންޏެވެ. "މިހާރު ކީއްވެތަ ނާންނަނީ؟ ކަނބުލޮ އައިމަ ހާދަ ފަޅުފިލައޭ! ރާއިދު ވެސް ބުނާނެ ދިފްލާ އަތުވެއްޖެއްޔާ އަޑު ނުކެނޑޭނެޔޭ! އެއީ ހަމަ ތެދެއް. އަޅެ ކީއްވެތަ މިހާރު ނާންނަނީ؟"
"މިހާރު މާ ގިނައިން ކޭކުއަޅަންޖެހޭތީ ނާދެވެނީ،" ފާއިޒާގެ އަތުގައި ހިފައިލަމުން ދިފްލާ ބުންޏެވެ. "ވަރަށް އޯޑަރުތައް ވެސް ގިނަ. ފަހަން ހުރި އެއްޗެހި ވެސް އެހާ ގިނަ. މިހާރު މި އުޅެނީ މެޓާގަނޑު ހިލަން ދަސްކުރަން. ހުރޭ އެއްދުވަހަކުން މެޓާގަނޑެއް ގެނެސްދޭނަން. މީރަސް ނުބަޔަސް ބުނަންވާނެ."
"މީ ހާދަހާ މުރާލި ކުއްޖެކޭ ދޯ މައުސޫމާ؟" ވަރަށް ލޯތްބާ އެކުގައި ފާއިޒާ ބުނެލިއެވެ. "އަހަރެން ނުދެކެން މިހާ ކުޑަ، މިހާ މަސައްކަތް ދަންނަ ކުއްޖެއް. އަޅެ ދޮގެއްތަ؟"
"އާނ! ހުރިހާ ކަމަކަށް މުރާލިވާނެ،" ސަމާސައިގެ ރާގެއްގައި މައުސޫމާ ބުންޏެވެ. "އަނގަ ވެސް އެހާ މުރާލިވާނެ. މީހަކު ނިކަން އޭނަ ނުރުހޭ އެއްޗެއް ބުނެލަބަލަ! އަރައިގެންހުންނަ ބޫޓު ވެސް އެ މީހަކާ ދިމާއަށް ހޫރައިލާނެ. އެހާ ވެސް މުރާލިވާނެ."
"އެ ވެސް ރަނގަޅު ގޮތެކޭ،" ހެމުންހެމުން ފާއިޒާ ބުންޏެވެ. "މީހަކު ހަދާހާ އެއްޗެއް ހެދިގެން ނުވާނެ. ދޯ ދިފްލާ؟"
"އާނ! މި ފިރިހެންކުދިންގެ މަންމަތައް ދިފްލާ ދެކެ ނިކަން ލޯބިވާނެ،" މައުސޫމާ ބުންޏެވެ. "އެ ހުރިހާ ކުދިން އައިސް ގޭދޮށުގަ އެނބުރޭވިއްޔަ!"
ދިފްލާއަކީ ގޭދޮށު އެންމެންގެ ރައްޓެއްސެކެވެ. ދޮނެއް ކަޅެއް، ހުސްހަށިބަޔެއް، މީހެއްގެ ފިރިއެއް ތަފާތެއް ނެތެވެ. ގިނަ ރައްޓެހިންތަކެއް ލިބުނު އިރު ބައެއް ހަސަދަވެރިން ވެސް އުފެދުނީ އެހެންވެއެވެ. މީހުންގެ އަނބިންތައް ތިބެނީ ތުންފިއްތައިގެންނެވެ. ހުސްހަށިބައި އަންހެންކުދިންގެ މަންމަތަކުގެ ނިތްކުރިޔަށް އަރާ ރޫތައް ވެސް މަދެއް ނޫނެވެ. މަގުގެ ޒުވާން ފިރިހެންކުދިންނަށް ދިފްލާ ނޫން ކުއްޖެއް ނުފެންނާތީއެވެ. މައުސޫމާ ހުލާސާކޮށްލީ އެ ހުރިހައި ވާހަކައެކެވެ.
"މަންމަ ހާސްނުވޭ! އަހަރެން އެއްވެސް ކުއްޖަކާ ރައްޓެއްސެއް ނުވާނަމޭ!" ވަރަށް ހަމަޖެހިލާފައި ދިފްލާ ބުންޏެވެ. "އެ ހުރިހާ އެންމެން ވެސް އަހަންނަށް ވުރެ މާ ބޮޑެއްނު!"
"މަ ބުނީ ދޮގެއް؟" މައުސޫމާ ބުންޏެވެ. "އުމުރުން ފަނަރަ. ދުލަށް ފަންސަވީސް. ފާއިޒާ ހިނގާ އެއްކަލަ ގަސްތައް ދައްކަން. ތި ކުއްޖާގެ ދުލަކުން ބަހެއް ހުހެއްނުވާނެ. އޭނަ ބައިންދާ އުނދޯލިހެއްލަން."
މައުސޫމާ ތެދުވުމުން ފާއިޒާ ވެސް ތެދުވިއެވެ. ދިފްލާ އިނީއެވެ. ފާއިޒާ އުނދޯލިން ފޭބުމުން ތަންކޮޅެއް ބާރަށް ހެއްލައިލާނަމޭ ހިތައެވެ.
"ދިފްލާ ދޭބަލަ ރާއިދަށް ގޮވައިލަން،" ގޯތިތެރެއަށް ނުކުންނަމުން ފާއިޒާ ބުންޏެވެ. "އުޅޭނެ ކޮޓަރީގަ."
ފާއިޒާއާއި މައުސޫމާ ވާހަަކަދައްކަމުން ގަސްތަކު ތެރެއަށް ވަނެވެ. އިނގެރޭސި ލަވައެއްގެ ރާގަށް ހަންމާކުރަމުން، މަޑުމަޑުން ދިފްލާ އުނދޯލިން ތެދުވިއެވެ. ތެދުވާ ހިތަކުން ނޫނެވެ. ފާރުގައި ހަރުކޮށްފައިހުރި، ކުރީ ޒަމާނުގެ ފޮޓޯތަކަށް ބަލަމުން ރާއިދުގެ ކޮޓަރިޔާ ދިމާއަށް ގޮސް، ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. އެތެރެއިން ޚަބަރެއް ނުވުމުން ދޮރު ހުޅުވައިލިއެވެ. ރާއިދު ފެންނާކަށް ނެތެވެ. ސަލާންގޮވައިލާފައި ދިފްލާ ކޮޓަރިއަށް ވަނެވެ. ރާއިދުގެ ކޮޓަރި ވަރަށް ބޮޑެވެ. އެ ކޮޓަރީގެ ބޮޑެތި ބިއްލޫރި ކުޑަދޮރުތަކާއި، ދޮރުފޮތިތައް ދިފްލާއަށް ވަރަށް ރީއްޗެވެ. އެނދުގެ ފައިލާކޮޅުގައި ހުންނަ ކުޑަދޮރު ހުޅުވޭނީ ގޯތިތެރޭގައި އޮންނަ ކުޑަ ބަގީޗާއަށެވެ. ދިފްލާއަށް އަބަދު ވެސް އެ ތަންކޮޅު ހީވަނީ ރީތި ހުވަފެހެނެއްހެންނެވެ. ލޭކޮކާ އައިސް އެ ތަނުގައި އުދުހޭ މަންޒަރުން ދިފްލާގެ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދެއެވެ. ދިފްލާއަކީ، ފެންނަހާ ފިރިހެނެއްގެ ކޮޓަރިއަށް ވަންނަ ކުއްޖެއް ނޫނެވެ. ކޮޓަރި ކިތަންމެ ރީތިވެފައި، ކިތަންމެ ވަންނަ ހިތްވިޔަސްވެހެވެ. ތަނަކަށް ދިފްލާ ވަންނާނީ އެ ތަނެއްގައި އުޅޭ މީހަކަށް ސަތޭކަ ޕަސަންޓު އިތުބާރުކުރެވޭ ނަމައެވެ. ރާއިދަކީ ދިފްލާ ވަރަށް އިތުބާރުކުރާ، ދިފްލާއަށް ވުރެ ފަސް އަހަރު ދޮށީ އަވަށްޓެރިއެކެވެ. ރައްޓެއްސެކެވެ. ދިފްލާ ގައިގަ އޭނަ އިނގިލިކުރި ވެސް ޖައްސައިނުލާނެކަމުގެ ޔަގީންކަން ދިފްލާއަށް އޮވެއެވެ.
ރާއިދުގެ ކޮޓަރީގައި، ތަފާތު މައުލޫއަށް ލިޔެފައިވާ ފޮތް ހުންނަ ފޮތް ހަރުގަނޑެއް ހުރެއެވެ. ފޮތްކިޔުމަށް ޝައުގުވެރިކަން ހުންނަ ދިފްލާ އެންމެ ކިޔާ ހިތްވަނީ އެ ތަނުގައި ހުންނަ، ކޭކާ ބެހޭ ފޮތްތަކެވެ. ބިއްލޫރިން މާ ހެދުމާއި، ކަރުދާހުން އެކި ފާޑުފާޑުގެ އެއްޗެހި ހަދަން ދަސްކޮށްދޭ ފޮތަކީ ވެސް ދިފްލާ ވަރަށް ގަޔާވާ ފޮތްފޮތެވެ. ހަގީގަތުގައި ކޮޓަރިއަކު އެ ވަގުތު ރާއިދެއް ނެތެވެ. އޭނަ ހުރީ އައިސްއަލަމާރި ތެރެއަށް ބޯކޮއްޕައިލައިގެންނެވެ. ވަން މަގުސަދު ހަނދާންނެތިފައި ދިފްލާ ފޮތްކިޔަން އިންދައި، ބިންގަރާސް މަތިން ހަނދާންވިއެވެ. ދިފްލާ ހިތަށްއެރިއެވެ. އެ ތަނަށް ވަދެވެނީ ކޮޓަރިތެރެއިންބާއެވެ؟ ފޮތް ބާއްވައިފައި ދިފްލާ ގޮސް އެނދުގެ ތަންދޮށް ބަލައިލިއެވެ. މުސްކުޅި ޒަމާނުގެ ވަރުގަދަ، ހައިވަކަރު އެނދު ތަންދޮށުގައި ބޮޑު ޖާގައެއް އޮތެވެ. ބޮޑު ފޮށްޓެއް ހުއްޓެވެ.
"ޕޮއް!" މީހަކު ބުނި އަޑުއިވުނެވެ.
ހަޅޭއްލަވައިގެންފައި ދިފްލާ ފަހަތް ބަލައިލި އިރު ރާއިދު ބަލަހައްޓައިގެން ހުއްޓެވެ.
"ތިޔޯ؟" ރާއިދު އެހިއެވެ.
"މި ތަނުގެ އަޑިންތަ ބިންގަރާހަށް ވަދެވެނީ؟" ތެދުވަމުން ދިފްލާ އެހިއެވެ. "އެއީ ކޮން ފޮށްޓެއް؟"
"ދިފްލާ ވަންނަންވީ ޕޮލިހަށް،" އެނދުގައި އިށީންނަމުން ރާއިދު ބުންޏެވެ. "ސީރިޔަސްކޮށް މި ބުނީ. އަހަރެން ކިތައް ފަހަރު ބުނެފިން މި ގެއަކު ތި ބުނާ ބިންގަރާހެއް ނުހުންނާނޭ! އެ ފޮށީގަ ވެސް ހުންނާނީ ފޮތް. އެކަމަކު ހިޔެއްނުވޭ ދިފްލާއަށް ކިޔަން އެނގޭނެހެނެއް. ކާފަ ޒަމާނުގެ ދިވެހިން ލިޔެފަ ހުންނާނީ. އަހަންނަށް ހީވަނީ ޓޫތުޕިކްތަކެއްހެން. އެހެން ބުނީމަ މި ހަނދާންވީ. އެއްކަލަ ދުވަހު އިނގިއްޔަށް ކީއްޔެއް ވަނޭ ބުނީމެއްނު. އަދި ވެސް ހަމަ ތަދުވެޔޭ!"
"ދައްކަބަލަ!" އެނދުގައި އިށީންނަމުން ދިފްލާ ބުންޏެވެ. "އަހަރެން އޭރު ވެސް ބުނީމެއްނު ކީލި ނުނެގިއްޖެއްޔާ ތަދުވާނޭ، ދޮސްއަރާނޭ!"
ރާއިދުގެ ކަށިއިނގިލީގައި ކީއްޔެއް އިންހެން ދިފްލާއަށް ހީވިއެވެ. ރަނގަޅަށް ބަލައިލުމަށް ޓަކައި ރާއިދު ގޮވައިގެން ގޯތިތެރެއަށް ދިފްލާ ނުކުތެވެ. ހެރިފައިވާ އެތިކޮޅު ވަދެފައިވާލެއް ފުންކަމުން އެތައް އިރަކު ދިފްލާ ބެލިއެވެ. އެ މަންޒަރު ފާއިޒާއަށާއި މައުސޫމާއަށް ވެސް ފެނުނެވެ. އެކަކު ވެސް އަޅައެއްނުލައެވެ. ދިފްލާއާއި ރާއިދުގެ އެކުވެރިކަން އެއީ ސިއްރެއް ނޫންވީމައެވެ.
"އަހަންނަށް ފެންނަނީ ޑޮކްޓަރަށް ދައްކަން،" ނަގަން މަސައްކަތްކޮށް ނާކާމިޔާބުވުމުން ދިފްލާ ބުންޏެވެ. "މުޅި އިނގިލި ދުޅަވެދާނެ."
"އަހަރެން ވެސް ހަމަ ތިހެން ހިތަށްއެރީ،" ރާއިދު އެއްބަސްވިއެވެ. "އެކަމަކު ނަޖޫ ބުނީ މީ އެ ވަރުގެ ކަމެއް ނޫނޭ! ރަނގަޅުވެދާނޭ! އަހަރެން މާ ފިނޑީޔޯ!"
"ނަޖޫ ބުނާ ގޮތް ކޮންމެހެން ވެސް ހަދަންވާނެ،" ދިފްލާ ވަގުތުން ބުންޏެވެ. "އޭނައަށް ބޮޑަށް އެނގޭނީ."
އެ ވަގުތު ނަޖްވާންގެ ފޯނެއްއައެވެ. ދިފްލާއަށް ރާއިދު ފޯނު ދައްކައިލައިފައި ފޯނުން ވާހަކަދައްކަން ފެށިއެވެ. އެ ހިސާބުން ދިފްލާ ދިޔައީ މަންމަ ކައިރިޔަށެވެ. ނަޖްވާން އިނީ ކަންފަތަށް އިއަފޯނު ޖަހައިގެން ފައިގެ ނިޔަފަތީގައި ކުލަޖައްސާށެވެ. ކޮއްކޮ މެހެރީން ދޮވުނު ދޮރުފޮތިތައް ހިފައިގެން އައިސް، އެ ބަހައްޓައިފައި ނަޖްވާންގެ ދާއެއްޗެހި އެއްކުރަން ފެށިއެވެ. އެތައްމިތަނުގައި ހުރި އަންނައުނުތައް ވަށިގަނޑަކަށް އަޅައިގެން މެހެރީން ކޮޓަރިން ނުކުތެވެ. މަންމަ ނާސިހާ އައިސް ނަޖްވާންގެ ކޮޓަރި ކުނިކަހަން ފެށިއެވެ.
ކުނިތަކާއި ފަތްތައް ވަޔާ ވިހުރެމުންދިޔައެވެ. ދަންވަރުގެ ވަގުތެވެ. މަގު އޮތީ ހިމޭންވެފައެވެ. މަގުމެދުން ހިނގާފައިދިޔަ ދިފްލާ ހުރީ ހުސްފައިގައެވެ. ލައިގެންހުރީ އަތްދިގު، ގަޔަށް ދޫ، ހުދުކުލައިގެ ހެދުމެކެވެ. ހެދުމުގެ ބޮޑު ބަޔާއި ދިފްލާގެ ފަން އިސްތަށިގަނޑު އޮތީ ވަޔާކުޅެން ދޫކޮށްލައިފައެވެ. އެ ގޮތަށް، އެ ގަޑީގައި ދިފްލާ ގެއިން ނުކުތީ ކީއްވެގެންކަމެއް ދިފްލާއަކަށް ނޭނގެއެވެ. އެކަމަކު ދާންވީ ތަން ދިފްލާއަށް އެނގެއެވެ. ޖެހެމުންދިޔަ މަޑު ރޯޅިން ވިހާލިވަމުންދިޔަ ފަތްތައް ދިފްލާއަށް މަގެއް ދައްކާ ކަހަލައެވެ. އަންނާށޭ ބުނާ ކަހަލައެވެ. ދިފްލާ ގޮސް ހުއްޓުނީ ރާއިދުގެ ގޭގެ ދޮރާށި ކައިރިއަށެވެ. މަޑުމަޑުން ކޮއްޕައިލުމާއެކު ދޮރާށީގެ ދެ ދޮރުފަތް ދެފަރާތަށް ހުޅުވުނެވެ. އެ ގަޑީގައި އެ ގެއަށް ވަނުމަކީ ދިފްލާ މާ ގަޔާވާކަމެއް ނޫނެވެ. އެތެރެއަށް ފުރަތަމަ ފިޔަވަޅުއެޅި އިރު ވެސް އެހެން ހިތަށްއެރިއެވެ. ގޭގެ ވަށައިގެން ހަނިހަނި މަގެއް އޮތެވެ. އެއީ ކުރިން ދިފްލާ ނުދެކޭ މަގެކެވެ. އެކަކަށް ދެވޭ އެ މަގުން ހިނގާފައި ގޮސް، ކުރީ ދުވަހު ރާއިދާ އެކުގައި ހުއްޓިހުރި ބަގީޗާއަށް ދިފްލާއަށް ނުކުމެވުނެވެ. މުޅި ތަނަށް ވެރިވެފައިވަނީ ހަނދުވަރުގެ ތޫނު އަލިކަމެވެ. ދިފްލާގެ ލޮލުގައި އަޅައިގަތީ، މާގަސްތަކުގެ މެދުގައި އޮތް މަގެވެ. އެ މަގުގައިހުރި ހަރުފަތްތަކުން ފޭބެނީ އަޑިޔަށެވެ. ބިންގަރާހަށެވެ.
ނުނިމޭ