17 އެޕްރީލް 2024 - 10:22

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފަހި ދިރިއުޅުން ފްލެޓުގެ މަޝްރޫއުގައި މުހިއްމު ބައިތަކެއް ހިމަނާފައިނުވާތީ އެ ކަންކަން ފުރިހަމަކުރަން އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.
ހަމްދާން "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރީގެ ސަރުކާރުން 4،000 ފްލެޓުގެ މަސައްކަތް ފެށުމަށް ފަހު، 22 މަސް ދުވަހުގެ ތެރޭގައި 216 ސްލެބު ޖަހާފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރަށް މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 192 ސްލެބު ޖަހައި، މަސައްކަތްތައް އަވަސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަހަކު އެވްރެޖްކޮށް 10 ސްލެބުން، މަހަކު އެވްރެޖްކޮށް 48 ސްލެބް އަންނަނީ ބަހައްޓަމުންނެވެ.
އެ ފްލެޓުތައް ހަދަނީ 17-18 ބުރީގެ 32 ޓަވަރުގަ އެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ޖޭއެމްސީއާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.
ނަމަވެސް، ހަމްދާން ވިދާޅުވީ އެ މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާ ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ފަދަ މުހިންމު ވަސީލަތްތައް ހިމަނާފައި ނުވާ ކަމަށެވެ.
އެހެންވެ، އެ މަސައްކަތްތައް ނިންމުމަށް 454.5 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާތީ ސަރުކާރާ ގުޅިގެން އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ސޮއިކުރި އެއްބަސްވުމުގައި ހިމަނާފައިވަނީ ހަމައެކަނި ކޮންސްޓްރަކްޝަން، ދޮރު، ފަންކާ، ފަޔާ ސޭފްޓީ އަދި ޓޮއިލެޓް ފިކްސްޗާ އެކަނި." ހަމްދާން ވިދާޅުވި އެވެ.