16 އެޕްރީލް 2024 - 13:29

ރާއްޖެ ފަދަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ކުޑަ އިންޓްރެސްޓް ރޭޓުތަކެއްގައި ލޯނު ލިބި، ރީފައިނޭންސިން ކުރުމުގައި ވެސް ލުއި ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އދ. ގެ ހައި ލެވެލް ތުމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކުއަލިޓީ ފޯ އޯލް ގައި އޭނާ ވިދާޅުވީ، ކުދި ގައުމުތަކަށް ތިމާވެށީގެ މައްސަލަތަކުގެ އިތުރުން އެހެން ގައުމުތަކާ ގުޅިފައިވާ އެހެން މައްސަލަތަކުގެ އަސަރު ވެސް ކުރާ ކަމަށެވެ. މިފަދަ މައްސަލަތަކާ ހެދި އުމްރާނީ މަޝްރޫއުތަކަށް ހޭދަކުރަން ޖެހޭ ވަރު އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ލޯނު ހޯދުމާއި އެނޫން ގޮތް ގޮތަށް ފައިނޭންސިން ހޯދުމަށް ހުންނަނީ ހަނި ފުރުސަތުތަކެކެވެ.
އޭނާ ވިދާޅުވީ، މިކަން ބަދަލުކުރަން ބައިނަލްއަގްވާމީ މާލީ އޮނިގަނޑަށް އަވަސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެންމެ ނާޒުކު އިގްތިސާދުތަކަށް ދިމާވާ މާލީ ކާރިސާތަކުން ސަލާމަތްވެވޭނެ ފަދަ ލުއި ފިޔަވަޅުތައް ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ކުދި ގައުމުތަކޭ އެއްގޮތަށް ރާއްޖެއަށް ވެސް ބޭރުން ފައިސާ ހޯދުމަށް ދާ ހަރަދު ބޮޑު. އެހެންވެ، ދަރަނި އަނބުރާ ދައްކަން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވޭ. އެހެންވެ، މުހިއްމު ދާއިރާތަކަށް އިންވެސްޓްކުރަން ބޮޑެތި ހުރަސްތައް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، އިގްތިސާދު ކުރިއަށް ގެންދިއުމަށް ދެމެހެއްޓެނިވި، ކުޑަ އިންޓްރެސްޓް ރޭޓުތަކުގައި ލޯނު ލިބެން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކާމިޔާބީއާ އެކު މިހާރު މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ހާލަތަށް ބަދަލުވެފައިވާތީ ކޮންސެޝަނަލް ފައިނޭންސިން ހޯދަން ހުރަސްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ރާއްޖެއަށް މަޖުބޫރުވަނީ އެއަށް ވުރެ އަގު ބޮޑު އޮޕްޝަންތަކަށް ބަރޯސާވާން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން ދަރަނި އަދާކުރުމުގެ ގާބިލުކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އެކަމަށް ހުރަސްއެޅޭ،" އޭނާ ވިދާޅުވި އެވެ.