16 އެޕްރީލް 2024 - 10:40

މެންޗެސްޓާ (އޭޕްރީލް 16) – މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގަށް ފާޑުކިޔާފައިވާ ޕޯސްޓަކަށް، އެ ޓީމުގެ ފޯވާޑް އަލްހެންޑްރޯ ގާނާޗޯ ލައިކް ކުރި މައްސަލަ ކްލަބްގެ އެތެރޭގެ މައްސަލައެއްގެ ގޮތުގައި ބަލަން ފަށައިފި އެވެ.
ޓެން ހަގަށް ފާޑުކިޔައި، އެހެން މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓަކަށް ގަނާޗޯގެ އެކައުންޓުން ލައިކް ކުރި ނަމަވެސް، ފަހުން އަން ލައިކް ކުރި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކްލަބްގެ އެތެރެއިން ގަނާޗޯއާ މެދު އިއުތިރާޒެއް ނުކުރެ އެވެ. ސަބަބަކީ އޭނާ އަލުން އެ ޕޯސްޓަށް އަން ލައިކް ކުރުމެވެ.
ނަމަވެސް އޭނާއާ މެދު ފިޔަވަޅެއް އަޅާނެތޯ ނިންމާނީ ޓެން ހަގް ކަމަށް، އީއެސްޕީންއާ ވާހަކަ ދެއްކި އެ ކްލަބްގެ އޮފިޝަލަކު ބުންޏެވެ.
ހޮނިހިރު ދުވަހު ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފަށް ފަހު ގާނާޗާ ބަދަލު ކުރި އެވެ.
އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ޓެން ހަގް ބުނީ ގާނާޗޯ ކުޅުނު ފަޅިން ބޯޅަތައް އެކަށީގެންވާ ވަރަށް ކުޅެފައި ނުވުމުން ބަދަލެއް ގެންނަން ބޭނުންވީ ކަމަށެވެ.
އުމުރުން 19 އަހަރުގެ ފޯވާޑާ މެދު ޓެން ހަގްގެ ވިސްނުން ބަދަލުވުމަކީ ގާތުގައިވާ ކަމެކެވެ.
ޓެން ހަގް ފާހަގަ ކުރެވިފައި ވަނީ ކުޅުންތެރިންނަށް ފިޔަވަޅު އަޅަން އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކޯޗެއްގެ ގޮތުގަ އެވެ. މި ސީޒަނުގައި އޭނާ ވަނީ މާކޯސް ރަޝްފޯޑް އާއި ޖާޑަން ސަންޗޯ އަށް ފިޔަވަޅު އަޅައިފަ އެވެ.
ރަޝްފޯޑަށް ފިޔަވަޅު އެޅީ ނައިޓް ކްލަބަކަށް ގޮސް ޖެހިގެން އައި ދުވަހު ޓީމުގެ ޕްރެކްޓިހަށް ހާޒިރުނުވުމުންނެވެ. އޭނާ އަށް ފިޔަވަޅު އަޅައި އަދަބުވެރި ކުރުވުމަށް ފަހު މިދިޔަ ޖެނުއަރީ މަހު އަލުން ޓީމުގައި ބައިވެރި ކުރުވަން ފެށި އެވެ.
އާސެނަލްއާ ދެކޮޅަށް ސެޕްޓެމްބަރު މަހު ކުޅުނު މެޗުގެ ސްކޮޑުން ސަންޗޯ އުނިކުރި މައްސަލައިގައި އޭނާ ޓެން ހަގަށް ފާޑުކިޔުމުން، ޓީމުން އެކަހެރި ކުރި އެވެ. އެއަށް ފަހު އޭނާ އަށް އެންގީ ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށެވެ.
ހަތަރު މަސް ވަންދެން ޓީމާ ވަކިން ފަރިތަ ކުރި ފަހުން ވެސް ސަންޗޯ އަށް އަލުން ފުރުސަތު ނުލިބުމުން ޖެނުއަރީ ޓްރާންސްފާގައި އޭނާ ބަދަލުވީ ކުރިން ވެސް ކުޅުނު ބޮރޫޝިއާ ޑޯޓްމަންޑަށެވެ.