15 އެޕްރީލް 2024 - 16:57

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިންގެ އަމަލުތައް ފެންނަމުންދާ ކަމަށާއި ތާއީދު ހޯދުމަށް ބޭނުން ކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭފަދަ މެސެޖުތައް ދައުރު ކުރަމުންދާ ކަމަށެވެ.
ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކުރުމާއި ކެންޑިޑޭޓަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުން މަނާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ސުލޫކީ މިންގަނޑަށް ތަބާވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އީސީން ބުންޏެވެ.
މި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ ފާހަގަކޮށް އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލައިފަ އެވެ.