19 ފެބުރުއަރީ 2017 - 18:19

ބޭންކް އޮފް މޯޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ތަރައްގީކޮށް ފުޅާ ކުރުމުގެ ގޮތުން އެ ބޭންކްގެ ކޮންޓެކްޓް ސެންޓަރު އިތުރަށް ޒަމާނީކޮށް މިއަދު ރަސްމީކޮށް އައްޑޫގައި ހުޅުވައިފި އެވެ.

ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރު މިހާތަނަށް ހިންގަމުން އައީ ހިތަދޫ ލިންކް ރޯޑްގައި ހުންނަ ބީއެމްއެލް ބްރާންޗްގަ އެވެ. ނަމަވެސް އާ ކޮންޓެކްޓް ސެންޓަރު ގާއިމުކޮށްފައި ވަނީ ހިތަދޫގައި ދިރާގު އޮފީހުގެ އިމާރާތުގެ ބައެއްގަ އެވެ.

އެ ސެންޓަރު ހުޅުވަން މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގެވެ.

މި ރަސްމިއްޔާތުގައި ހީލީ ވިދާޅުވީ ކޮންޓެކްޓް ސެންޓަރުގެ މަސައްކަތް ކުރިއަށް ވުރެ މިހާރު ހަރުދަނާ ވާނެ ކަމަށެވެ. އަދި އެ ތަނުގެ މުވައްޒަފުންގެ އަދަދު ވެސް މިހާރު އިތުރު ވާނެ ކަމަށް ވިދާޅުވި އެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް، އަވަސް ކުރުން،" ހީލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބީއެމްއެލުން ކަސްޓަމަރުންނަށް މިހާރު ވަރަށް ގިނަ ފުރުސަތުތަކެއް "އަހަރެންގެ ބޭންކް، ދިވެހި ބޭންކް" ކެމްޕޭނުގެ ދަށުން ވެސް ހުޅުވާލެވިފައިވާ ކަމަށާއި ކޮންޓެކްޓް ސެންޓަރުގެ ސަބަބުން މައުލޫމާތުތައް ފަސޭހަކޮށް، އަވަހަށް ފޯރުކޮށް ދެވޭނެ ކަމަށެވެ.
ހީލީ ފާހަގަ ކުރެއްވި ގޮތުގައި ދިވެހި ބޭންކްގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 270،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ހަމައެކަނި ފާއިތުވި އަހަރު އެކަނި ވެސް 20،000 ކަސްޓަމަރުން އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލްގެ 31 ބްރާންޗެއް ރާއްޖޭގެ 20 އަތޮޅެއްގައި މިހާރު އެބަ ހުއްޓެވެ. އައްޑޫގައި އެ ބޭންކްގެ ތިން ބްރާންޗް ހުރެ އެވެ.
ހިތަދޫގައި ކޮންޓެކްޓް ސެންޓަރު ހުޅުވުމުގެ އިތުރަށް ހިތަދޫ ބްރާންޗާއި މަރަދޫފޭދޫގައި ހުންނަ ގަން ބްރާންޗްގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ވެސް މިއަދު ވަނީ ރަސްމީކޮށް އިފުތިތާހުކޮށްފަ އެވެ.