15 އެޕްރީލް 2024 - 14:06

ކަރަންޓު ކެނޑިފައިވާ ހދ. ކުޅުދުއްފުއްޓަށް ކަރަންޓު ލިބޭނީ މިރޭ އިރުއޮއްސޭއިރު ކަމަށް ފެނަކައިން ބުނެފި އެވެ.
ކަރަންޓުގެ ކެނޑުމުގެ މައްސަލަ ކުޅުދުއްފުއްޓަށް ދިމާވާތާ ގިނަ ދުވަސްތަކެއްވެ، މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް މުޅި ރަށުން ކަރަންޓު ކެނޑުނީ މިއަދު ހެނދުނު 9:25ގަ އެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު އެ ރަށުން ކަރަންޓު ކެނޑުނީ ރަށަށް ކަރަންޓު ދޫކުރަމުންދާ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
"މި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވެނީ މިއަދު (އިރުއޮއްސި) 6:00 ގައެވެ. ވީމާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ،" ފެނަކައިން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ޖަނަރޭޓަރެއް އެ ރަށަށް ފޮނުވީ މިދިޔަ މަހު 27ގަ އެވެ. ކަރަންޓު މައްސަލައަށް ހައްލެއް ނުލިބެނީ އެ ޖަނަރޭޓަރު އިންސްޓޯލްކޮށް އަދިވެސް ނުނިމޭތީ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކަރަންޓުގެ މައްސަލަ ހައްލު ނުވެ މަހަކަށްވުރެ ގިނަ ދުވަސްވެފައި ވާތީ މިދިޔަ ހަފްތާގައި އެ ރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.