19 ފެބުރުއަރީ 2017 - 18:36

ޖަމިއްޔަތުއް ސަލަފުން ބާއްވާ ނޫސްވެރިކަމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
ސަލަފުގެ ރައީސް އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހުގައި މި މަހުގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށެވެ. އެ ޖަމިއްޔާ އިން މިފަދަ ކޯހެއް ކުރި އަށް ގެންދަނީ، އަބްދުﷲ ވިދާޅުވި ގޮތުގައި، އިޖުތިމާއީ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަޔަކަށް ވާތީ ކަމަށެވެ.
ނޫސްވެރިކަމުގެ ދާއިރާ އަށް މުޅިން އަލަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
އަންނަ މަހުގެ 1-16 ވަނަ ދުވަހާ ހަމައަށް ކުރި އަށް ގެންދާ މި ކޯހުގައި ބައިވެރިވާން ފޯމެއް ފުރަން ޖެހޭނެ އެވެ. ކޯސް ކުރި އަށް ގެންދާނީ ރޭގަނޑު 8:00 އަށް 10:00 އަށެވެ. އަދި ނޫސްވެރިކަމުގެ މި ކޯހުގައި ބައިވެރިވާން 2000ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
ކޯހުގައި ކިޔަވައިދޭނީ، ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި މި ވަގުތު ތިބި އެންމެ ތަޖުރިބާކާރު ނޫސްވެރިން ކަމަށް ވެސް ސަލަފުން ބުންޏެވެ.
އަބްދުﷲ ވިދާޅުވީ އެއްޗެހިތަކެއް ކިޔަވައިދިނުމުގެ އިތުރުން، މަސައްކަތުގެ މާހައުލަށް ނުކުމެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށެވެ.
"ހަމައެކަނި ކިޔަވައިދޭނީއެއް ނޫން. މަސައްކަތުގެ މާހައުލަށް ނުކުމެ ކަންތައް ކުރާނެ ގޮތް ވެސް ކިޔައިދެވޭނެ. އެހެންވީމަ މިއީ ނޫސްވެރިކަމުގެ ދާއިރާ އަށް އަލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް، ވަރަށް ރަނގަޅު ފުރުސަތެއް،" އަބްދުﷲ ވިދާޅުވި އެވެ.
ކޯހުގެ ތެރޭގައި ދީނީ ނަޒަރަކުން ނޫސްވެރިކަމުގެ މައުލޫމާތު ވެސް ފޯރުކޮށްދޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
މިއީ ސަލަފުން ބާއްވާ މިފަދަ ދެ ވަނަ ވޯކްޝޮޕެވެ. މީގެ ދެ ތިން އަހަރު ކުރިން ބޭއްވި ވޯކްޝޮޕަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، އެ ފަހަރުގެ ކޯހުގައި ބައިވެރިވި މީހުން މީޑިއާތަކުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.