15 އެޕްރީލް 2024 - 05:53

މެދުއިރުމައްޗާއި ދުނިޔެ ވެސް އޮތީ އިތުރު ހަނގުރާމައަކަށް ކުރިމަތިލެވޭ ހާލަތެއްގައި ނޫން ކަމަށް ވިދާޅުވެ އީރާނާއި އިޒްރޭލުގެ މައްސަލައިގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.

"ސަރަހައްދު ވެސް އަދި ދުނިޔެ ވެސް އޮތީ އިތުރު ހަނގުރާމައަކާ ކުރިމަތިލެވޭ ހާލަތެއްގައެއް ނޫން،" ގުޓަރެސް ވިދާޅުވި އެވެ.

މި މަހު 1 ގައި، ސީރިއާގައި ހުންނަ އީރާންގެ ކޮންސިއުލާ އެނެކްސްއަކަށް ހަމަލާދީ އީރާން ސިފައިންގެ އިސް ދެ ބޭފުޅަކު އަވަހާރަކޮށްލި ހަމަލާގެ ބަދަލު ހިފުމަށް އީރާނުން އިޒްރޭލަށް ދިން ހަމަލާތަކުގެ މައްސަލައިގައި ބޭއްވި ބައްދަލުވުމުގައި ގުޓަރެސް ވިދާޅުވީ މެދުއިރުމަތި އޮތީ އެންމެ ނުރައްކާ ހާލަތުގައި ކަމަށެވެ.
"އެންމެ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭ މެދުއިރުމަތީގެ އާންމުންނަށް ކުރިމަތިވެފައިވަނީ ވަރަށް ނުރައްކާ ހާލަތެއް. މިހާރު މި އޮތީ އެ ހަމަނުޖެހުންތައް މައިތިރިކޮށް ކަންކަން ހަމަޔަކަށް އަޅުވަންޖެހޭ ވަގުތު ޖެހިފައި،" ބަދަލުހިފުމުގެ ރޫހު ދޫކޮށްލުމަށް ގޮވާލައި ގުޓަރެސް ވިދާޅުވި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އީރާނުން އިޒްރޭލަށް މިސައިލާއި ޑްރޯންގެ 300 އަށްވުރެ ގިނަ ހަމަލާ ފޮނުވާލި އެވެ. އެކަމަކު އިޒްރޭލާއި އެމެރިކާ އާއި ޖޯޑަން އާއި އިނގިރޭސި ވިލާތުގެ ސިފައިން އެ ހުރިހާ ހަމަލާތަކެއްހެން އިންޓަސެޕްޓްކޮށް ވަނީ ޖުމްލަ ގޮތެއްގައި ނާކާމިޔާބުކޮށްލައިފަ އެވެ.
އިޒްރޭލުން ބުނީ ހަމަލާތަކުގައި 12 މީހަކު ޒަހަމްވި ކަމަށެވެ.
ބަދަލުހިފުމުގެ ހަމަލާއާ ގުޅިގެން އިޒްރޭލުގެ ހުށަހެޅުމަކަށް ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އިޒްރޭލުން ވަނީ އެ މަޖިލީހުން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ހަމަލާ ކުށްވެރިކުރުމަށް ގޮވާލައިފަ އެވެ.
"މާބޮޑަށް ލަސް ނުކޮށް އީރާނާ ދެކޮޅަށް ދަތިކުރުުމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭ،" އިޒްރޭލުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ގިލާދް އުރްދާން ވިދާޅުވި އެވެ.
އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރް ސައީދީ އިރަވާނީ ވިދާޅުވީ އީރާނުން ދިން ހަމަލާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ ގައުމުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށެވެ.
"ސަލާމަތީ މަޖިލިސް އޮތީ ދުނިޔެއަށް ސުލްހަ ގެނައުމުގައި ފެއިލްވެފައި،" އިރަވާނީ ވިދާޅުވި އެވެ.
އެހެންވެ އޭނާ ވިދާޅުވީ އީރާނުން އަމިއްލަ ދިފާއުގައި ރައްދު ހަމަލާ ދޭން މަޖުބޫރުވީ ކަމަށާއި އިތުރު ހަނގުރާމައެއް ފަށައި ހާލަތު އިތުރަށް ގޯސްކުރުމަކީ އީރާނުން ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އދ.ގެ ވެރިޔާ ދެއްކެވި ވާހަކައިގައި އީރާނުން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރެއްވި އިރު އިޒްރޭލުން ސީރިއާގެ ކޮންސިއުލޭޓަށް ދިން ހަމަލާ ވެސް ކުށްވެރިކުރެއްވި އެވެ. -- އޭއެފްޕީ