މޯލްޑިވްސް ވޭވްގެ ކުންފުންޏަކުން ވެހިކަލް ގަންނަން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ބަލަނީ
މޯލްޑިވްސް ވޭވްގެ ކުންފުންޏަކުން ވެހިކަލް ގަންނަން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ބަލަނީ

ގަޑި ވިއްކުމުގައި މަޝްހޫރުކަން ހޯދި މޯލްޑިވްސް ވޭވްގެ ކުންފުންޏަކުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް މި މަހު ހުށަހަޅާފައިވާ ކަމަށެވެ.

އެކަމުގައި އިތުރު ބަޔަކަށް ގެއްލުން ލިބިފައިވޭތޯ ބަލަން އިއުލާނުކޮށް، އޭގެ މައުލޫމާތުތައް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު، 9790048 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ކާރު ގެނެސްދިނުމުގެ ނަމުގައި މޯލްޑިވްސް ވޭވް ކުންފުނިން ވަނީ އެކި މީހުންގެ އަތުން 50 މިލިއަނެއްހާ ރުފިޔާ ނަގައިފަ އެވެ. ނަމަވެސް، އެ ގަންނަން ފައިސާ ދެއްކި މީހުންނަށް ކާރު ނުލިބި ގިނަ ދުވަސްވާތީ، މި ފަހުން ސޯޝަލް މީޑިއާގައި ވެސް އޭގެ ޝަކުވާތަކެއް ހުއްޓެވެ.

މީގެ ހަތަރު އަހަރު ކުރިން އުފެއްދި މޯލްޑިވްސް ވޭވްގެ ގަޑިތަކުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ މަގުބޫލުކަން ހޯދި އެވެ. ސޯޝަލް މީޑިއާގައި ވެސް މީގެ ކުރިން ހަރަކާތްތެރިއަސް، އެ ކުންފުނީގެ ޕޭޖުން އަޕްޑޭޓުނުކުރާތާ ދެ މަސް ދުވަސްވެއްޖެ އެވެ.