14 އެޕްރީލް 2024 - 04:48

އީރާނުން އިޒްރޭލަށް އަމާޒުކޮށް ޑްރޯން އާއި މިސައިލްގެ ހަމަލާތަކެއް ދީފި އެވެ.

ސީރިއާގައި ހުންނަ އީރާން އެމްބަސީ އަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ފޮނުވާލި ހަަމަލާތަކާ އެކު ޑްރޯންތަކާއި މިސައިލްތައް ވައްޓާލުމަށް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން މަސައްކަތް ފެށީ އިޒްރޭލު ގަޑިން މެންދަމުން އަލިވެ 3:00 ހާއިރު އެވެ.
"އީރާންގެ ސަރަހައްދުން އިޒްރޭލަށް އަމާޒުކޮށް ޔޫއޭވީ ހަމަލާތަކެއް ވަނީ ފޮނުވާލާފައި،" އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުންޏެވެ.
އީރާނުން ވެސް ވަނީ ހަމަލާ ދޭން ފެށިކަން ކަށަަވަރުކޮށްދީފަ އެވެ. އީރާންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ބެލަސްޓިކް މިސައިލް ވެސް އީރާނަށް އަމާޒުކޮށް ވަނީ ފޮނުވާލައިފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި ޑްރޯން އާއި މިސައިލްގެ 100 އަށް ވުރެ ހަމަލާ އީރާނުން ވަނީ ފޮނުވާލައިފަ އެވެ. އަދި އިތުރު ހަމަލާތައް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އީރާންގެ ކޮންމެ ހަމަލާއެއް އިންޓަސެޕްޓްކުރުމުގެ ހުއްދަ އެމެރިކާގެ އަސްކަރިއްޔާއަށް ދެއްވައިފަ އެވެ. އެއާ އެކު އީރާނުން ވަނީ މިކަމުގެ ތެރެއަށް އެމެރިކާ ނުވަނުމަށް ވެސް އިންޒާރު ދީފަ އެވެ.
އެކަމަކު އދ. އަށް ކަނޑައަޅާފައިވާ އީރާންގެ މިޝަނުން ބުނި ގޮތުގައި ސީރިއާގައި ހުންނަ އީރާން އެމްބަސީއަށް ބަދަލު ހިފުމުގެ ހަމަލާތައް މި ހިސާބުން ނިމުނީ އެވެ. މި ހަމަލާތަކުގެ ބަދަލު ހިފުމަށް އިޒްރޭލުން ހަމަލާ ނުދިނުމަށް އިޒްރޭލަށް އެ މިޝަނުން އިންޒާރު ދިނެވެ.
އެކަމަކު އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އީރާންގެ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. މިހާތަނަށް ޑްރޯން އާއި މިސައިލްގެ 200 ހަމަލާ ފޮނުވާލާފައިވާ ކަމަށާއި މީގެ ތެރެއިން ބޮޑު ބައި ވަނީ އިންޓަސެޕްޓްކޮށް ވައިގެ ތެރޭގައި ގޮއްވާލާފައި ކަމަށް ވެސް އިޒްރޭލުން ބުންޏެވެ. އެމެރިކާއިން ވެސް ވަނީ އީރާންގެ ބައެއް ހަމަލާތައް އިންޓަސެޕްޓްކޮށް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ބުނެފަ އެވެ.
އިޒްރޭލުން ބުނީ ހަމަލާތަކުގައި އަސްކަރީ މަރުކަޒަކަށް ކޮންމެވެސް ވަރަކަށް ގެއްލުންވި ކަމަށާއި އަދި މިހާތަނަށް މީހަކަށް އަނިޔާއެއްވި ކަމުގެ ވެސް ލިބިފައިވަނީ އެންމެ ރިޕޯޓެއް ކަމަށެވެ.
ތެލް އަވީވާއި އިޒްރޭލުގެ އެކި ހިސާބުތަކަށް މިސައިލްތައް އަމާޒުވެ ވަރުގަދަ ގޮވުންތައް ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. އިޒްރޭލުގެ އާންމުން ރައްކާތެރިކަން ހޯދަން ތަންތަނަށް ވަދެ މަގުތައް ހުސްވެފައި އޮތް އިރު ހަމަލާތަކާ އެކު ފަލަސްތީނުގެ އެތައް ހާސް ބަޔަކު ހުޅަނގު އައްސޭރީގައި މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުންދެ އެވެ. އަދި ގުދުސްގައި ހުންނަ އަގްސާ ހަރަމްފުޅަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ އެކު ސަރަހައްދުގެ އަމާންކަން ގެއްލިފައި ވަނިކޮށް އީރާނުން ދިން ހަމަލާގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ދުނިޔޭގެ ލީޑަރުން ގެންދަނީ ފާޅުކުރައްވަމުންނެވެ.
އީރާންގެ ހަމަލާތައް ފޮނުވާލީ ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު ކުރަމުން ގެންދާ މަޝްވަރާގައި ހަމާސްގެ ޖަވާބު މިހާރު ހުށަހަޅާފައިވާ ކަމަށް ބުނިތާ އިރުކޮޅެއް ފަހުންނެވެ.