ހޮލީވުޑް ތަރިންގެ މިލްކުވެރި ކްލަބް އިނގިރޭސި ޗެމްޕިއަންޝިޕަށް
ހޮލީވުޑް ތަރިންގެ މިލްކުވެރި ކްލަބް އިނގިރޭސި ޗެމްޕިއަންޝިޕަށް

ރެކްސަމް، ވޭލްސް (އޭޕްރީލް 14) – ހޮލީވުޑްގެ ތަރިންގެ މިލުކުވެރިކަމުގެ ދަށުން ހިންގާ ރެކްސްހެ×ަޒަޒޒދދ މް، އިނގިރޭސި ދެވަނަ ޑިވިޝަނަށް ކޮލިފައި ވެއްޖެ އެވެ.

ވޭލްސް އަށް ނިސްބަތްވާ ކްލަބްގެ މިލުކުވެރިންނަކީ ހޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ، ރޮބް މެކްއެލްހެނީ އާއި ރަޔަން ރޭނޯލްޑްސް އެވެ.

އިނގިރޭސި ލީގު ދޭއް (ތިންވަނަ ޑިވިޝަނުގައި) މި ސީޒަންގައި ވާދަކުރަމުން އަންނަ ރެކްސްހެމް އިން އިނގިރޭސި ޗެމްޕިއަންޝިޕަށް ކޮލިފައިވީ، އިއްޔެ ކުޅުނު މެޗުގައި ފޮރެސްޓް ގްރީންގެ މައްޗަށް 6-0 މޮޅުވެގެންނެވެ. ލީގު ދޭއްގައި ރެކްސްހެމް މިހާރު އޮތީ ތާވަލުގެ ދެވަނައިގަ އެވެ.

މެކްއެލްހެނީ އާއި ރޭނޯލްޑްސް އެ ކްލަބް ގަތީ 2021 ގަ އެވެ. އެ ދެތަރިންގެ އިންވެސްޓްމެންޓާ އެކު އެ ކްލަބް ވަރުގަދަކޮށް، ދެ ޑިވިޝަނަކުން ޕްރޮމޯޓްވި ވިދިވިދިގެން ދެވަނަ ފަހަރެވެ. އިނގިރޭސި ޗެމްޕިއަންޝިޕަށް އެ ޓީމު ކޮލިފައި އެ ވީ 15 އަހަރު ފަހުންނެވެ.

އެ ދެ ތަރިން ކްލަބް ހިންގުމާ ހަވާލުވެ، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެ ކްލަބްގެ މަގުބޫލުކަން އިތުރުކުރަން މަސައްކަތްތަކެއް ކުރި އެވެ. ޑިޒްނީ ޓީވީން ތައްޔާރު ކުރި ޑޮކިޔުމެންޓްރީ ސިލްސިލާއެއްގައި އެ ކްލަބްގެ ޑޮކިޔުމެންޓްރީއެއް ގެނެސް ދިނެވެ.

އެމެރިކާގައި އެ ކްލަބަށް ލިބުނު މަގުބޫލު ކަމާ އެކު ޕްރީ ސީޒަން ޓްއާގައި އުތުރު އެމެރިކާ އަށް ދަތުރުކުރުމުގެ ފުރުސަތު ވެސް އެ ކްލަބަށް މިހާރު ވަނީ ލިބިފަ އެވެ. އެ ޓްއާގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާ ދެކޮޅަށް ކުޅެން ވެސް އެ ކްލަބަށް ފުރުސަތު އޮތީ ލިބިފަ އެވެ.

އެ ކްލަބްގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި މެކްއެލްހެނީ އާއި ރޭނޯލްޑްސް އަށް މިހާރު ޖެހިފައި ވަނީ އެ ކްލަބަށް 11 މިލިއަން ޑޮލަރު ހޯދަން ޖެހިފަ އެވެ. މިދިޔަ ސީޒަނުގައި އެ ކްލަބަށް ފަސް މިލިއަން ޑޮލަރުގެ ގެއްލުންވި އެވެ.

އެކަމަކު އެކަމަކީ ސަޕޯޓަރުން ވިސްނާ ކަމެއް ނޫނެވެ. ސަޕޯޓަރުންނަށް މުހިންމީ އެ ކްލަބް ގެންގޮސް ޗެމްޕިއަންޝިޕަށް ޕްރޮމޯޓް ކުރުމެވެ.