ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ސަރުކާރު: ސައުތު ކޮރެއާ
ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ސަރުކާރު: ސައުތު ކޮރެއާ

ސޯލް (ފެބްރުއަރީ 19) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ އެއްބަފާ ބޭބެ ކިމް ޖޮން-ނަމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ސަރުކާރު ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.

ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ސަރުކާރު: ސައުތު ކޮރެއާ
ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ސަރުކާރު: ސައުތު ކޮރެއާ

ކިމް ޖޮން-ނަމް މިދިޔަ ހަފުތާގައި މަރާލާފައި ވަނީ ކުއާލަ ލަމްޕޫރު އެއާޕޯޓުން މަކާއޫ އަށް ފުރަން ތައްޔާރުވެފައި ވަނިކޮށެވެ. ޑިޕާޗާ ޓާމިނަލްގައި އޭނާ ހުއްޓާ ދެ އަންހެނަކު ގޮސް މޫނުގައި ފޮތިގަނޑަށް އެޅި ކަމަށް ޚަބަރުތައް ބުނެ އެވެ.

"މިއީ ނޯތު ކޮރެއާ ސަކާރުން ހިންގި ކަމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ. މި މައްސަލައިގެ ތުހުމަތު މިހާރު ވެސް މި ވަނީ ނޯތު ކޮރެއާގެ ފަސް މީހެއްގެ މައްޗަށް ކޮށްފައި،" ސައުތު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި އެވެ.

ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި މިހާރު ވަނީ ނޯތު ކޮރެއާ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އިތުރު ހަތަރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ހަތަރު މީހުން މެލޭޝިއާ އިން ފުރާފައި ވަނީ ކިމް ޖޮން-ނަމް މަރާލި ދުވަހު ކަމަށް މެލޭޝިއާ ފުލުހުން ބުންޏެވެ.

ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން މިހާރު ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ނޯތު ކޮރެއާ މީހަކާއި އިންޑޮނީޝިއާ އަންހެނަކާއި މެލޭޝިއާ ފިރިހެނަކާ އަދި ވިއެޓްނާމުގެ ޕާސްޕޯޓް ގެންގުޅޭ އަންހެނެކެވެ. އިންޑޮނީޝިއާ އަންހެން މީހާ ވަނީ ކިމް ޖޮން-ނަމްގެ މޫނުގައި ފޮތިގަނޑު އެޅީ މަޖަލަކަށް ކަމަށް ބުނެފަ އެވެ. އަދި އޭނާ އެކަން ކުރަން ފައިސާ ދިން ކަމަށް ވެސް ބުނެފައިވެ އެވެ.

ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް އަވަހާރަވުމާ ގުޅިގެން ކޮއްކޮ ކިމް ޖޮން-އުން އަށް އެ ގައުމުގެ ލީޑަރުކަން ދިނުމާ ގުޅިގެން ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ގައުމުން ބޭރުގަ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.