ބިންގަރާސް
ބިންގަރާސް

މެންދަމުގެ އަނދިރިކަން އޭގެ އެންމެ ފުނަށް ފީނައިގަތެވެ. އިމާރާތްހެދުމުގެ މަސައްކަތުގައި ކަންފަތަށް ނުކުޅަދާނަކުރި ގޮނގުރެޓުމެޝިނާއި، ބޮޑުބުރުމާގެ އަޑު ކެނޑިއްޖެއެވެ. ހަތަރުދަމު ބަރުގޮނުއަޅަމުން އިންޖީނަށް ނުކުޅަދާނަކުރި ސައިކަލުތައް، މަގުގެ އެތައްމިތަނުގައި ބިތްޖެހިއްޖެއެވެ. ގަހަކުން ވާލެއް، މަގަކުން ބުޅަލެއް ގޮވައިލާ އަޑު ނޫން އަޑެއް ނީވެއެވެ. ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގެ މަގުތައް އޮތީ ފަޅުވެ، ހަމަހިމޭންވެފައެވެ. ވާރޭނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ހިރަފުހުން ކަޅިވެފައިވާ ގަސްތައް ހުރީ ދަހަނގުވެފައެވެ. އެ ފަދަ ދަނޑިވަޅެއްގައި ބިމާ ދިމާއަށް ދަތުރުކުރަމުން އައި ފުރަތަމަ ވާރޭފެން ތިކި، އައި ގޮތަށް އައިސް ފަތެއްގައި ޖެހިފައި ހިރަފުސްތައް ވަޔަށް ބުރުއްސައިލިއެވެ. ރޭސް ނިންމަން ދުވުންތެރިން އައި މިސާލުގައި ދެން އޮހިގަތް ވާރޭ، މާލެ އެއް އަޑަކަށް ގުގުމައިލި ނަމަވެސް، ތަންމަތީގައި ތިބި މީހުންނަށް އެއީ މިޔުޒިކެކެވެ. އުފާވެރިކަމެކެވެ. އަރާމު ނިންޖެއްގެ ތެރެއަށް ގަންބައިލަދިން ޖާދޫއެކެވެ. އެކަކު ފިޔަވައެވެ. އޭނަގެ ލޮލަކު ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެއީ ދިފްލާއެވެ.

ދިފްލާއަކީ ފޮޅިފައިވާ މަލެވެ. އެ މާނަ ދިފްލާގެ މިޒާޖާ ބަރާބަރަށް ދިމާވެއެވެ. ހަނަފަސް ބަގީޗާއަކަށް ދިފްލާ ވަދެއްޖެ ނަމަ، މާތައް ފަރިވެ ފޮޅެއެވެ. މާޔޫސްވެފައިވާ ބަޔެއްގެ ތެރޭގައި ދިފްލާ އިން ނަމަ، އެންމެންގެ ތުންފަތަށް އުފާވެރިކަން ގެނެސްދެއެވެ. އުމުރުން ފަނަރަ އަހަރުގެ ދިފްލާއަކީ އެ ކަހަލަ ކުއްޖެކެވެ. ކުލަފަތި، ސަކަ، މުރާލި ކުއްޖެކެވެ. ގެވެހި، ރައްޓެހިންނާ ގުޅޭ، ދޫހަލުވި ކުއްޖެކެވެ. އިސްތަށިގަނޑު ފަން، ކުލަ އަލި، މެދުމިނުގެ އިސްކޮޅާ އެކަށޭނަ ހަށިގަނޑެއްގެ ވެރިޔެކެވެ. ހަމަ އެހެންމެ ހުސިޔާރު، އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމުކުރާ ކުއްޖެކެވެ. ދިފްލާގެ އެންމެ ހާއްސަ ސިފަޔަކީ ވެސް އެއީއެވެ. އޭގެ ސަބަބުން ދިފްލާގެ ހިތަށް ހަމަޖެހުން ލިބެއެވެ. އެންމެންގެ ހިތުން ޖާގަހޯދެއެވެ. ދެން ހުރި ވާހަކަތައް ދިފްލާ ނުދައްކައެވެ. އޭނަ ބޭނުންވަނީ އެ ވާހަކަތައް ހަނދާންނައްތައިލާށެވެ.

ދަންވަރު މީހުންގެ ފައިހިލަވަޅު އޮބުނީމައި ވެސް ދިފްލާ ބޭނުންވަނީ، ކަމެއްގައި މަސްރޫފުވެގެން އުޅޭށެވެ. ނުނިދި އެނދުގައި ފުރޮޅެން އޮތުމަށްވުރެ އެ ގޮތް ދިފްލާއަށް ބުއްދިވެރިއެވެ. އެ އުމުރުގައި ވެސް ދިފްލާ ކޭކުއަޅައެވެ. ކަރުދާހާއި، ރަބަރާއި، ޕުލާސްޓިކުން މާ ހަދައެވެ. އަމިއްލަ އަންނައުނު ފަހައެވެ. އެހެން މީހަކު ވިޔަސް، ދިފްލާ ފަހާ ހިތްވާ ކަހަލަ ހެދުމެއް ފައްސަން އަތުވެއްޖެ ނަމަ، އަގަށް ފަހައިދެއެވެ. ކައިވެންޏާއި އުފަންދުވަސް ފާހަގަކުރުމުގެ ފޯވަހި އައިސްގެން އުޅޭ އިރު، ދިފްލާއަށް ނޭވައިލާނެ ވަގުތެއް ވެސް ނުލިބެއެވެ.

ދިފްލާ ދިރިއުޅޭ ފަންގިފިލާގައި އިތުރު ދެ ކޮޓަރި ހުރެއެވެ. މައިންބަފައިންގެ ކޮޓަރިއަކާއި އުމުރުން ސާދަ އަހަރުގެ ކޮއްކޮ ޔަމާނީގެ ކޮޓަރިއެވެ. ކޭކުއަޅަން ދިފްލާ ހޭލައި އުޅޭ އިރު، ބައެއް ފަހަރު ކޮއްކޮ ވެސް އައިސް އެހީތެރިވެދެއެވެ. ދެބެން ގުޅިގެން ކުރާ މަސައްކަތުގެ އުޖޫރަ ވެސް ދެބެންގެ މެދުގައި ދިފްލާ ބަހައިލައެވެ. އެންމެނަށް ވެސް ދިފްލާ ކަމުދަނީ އެ ފަދަ އެތަކެއް ރީތި ސިފަތަކެއް ދިފްލާގެ ހުންނާތީއެވެ.

"ކޮބާ ހޭލާތަ؟" ދިފްލާގެ ފޯނަށް މެސެޖެއް އައިސްގެން ބަލައިލި އިރު އޮތީ އެހެންނެވެ.

މެސެޖު ފޮނުވީ ފިރިހެނެކެވެ. ކުޑައިރުގެ އެކުވެރިއެކެވެ. ވަކި ހިސާބަކުން އޭނަގެ ނިޔަތާ މެދު ދިފްލާގެ ހިތުގައި ޝައްކުއުފެދުނީއެވެ. ހިތް ނުރުހޭ މީހަކާ ދިފްލާ ވައި ވެސް ނޭޅޭނެއެވެ. ވީމާ، އެ މެސެޖަކަށް ދިފްލާ ޖަވާބެއް ނުދެއެވެ. މާ އުނދަގޫ ބޮޑުވުމުން އެ ނަންބަރުން ނުގުޅޭ ގޮތް ހެދިއެވެ. ނުގުޅޭނެ ނަންބަރުގެ ލިސްޓަށް އަނެއްކާ ވެސް އެއް ނަންބަރު އިތުރުވީއެވެ. އެ ލިސްޓަށް ބަލަން ހުރެލައިފައި، ފޯނުގެ ފޮޓޯތައް ހާވައިލައިފައި، ކޭކެއްގެ ފޮޓޯއަށް ދިފްލާ ނަޒަރުހުއްޓައިލިއެވެ. އެއީ އެރޭ ދިފްލާ ހަދަމުންދިޔަ ކައިވެނިކޭކެެވެ. ހަގީގަތުގައި ދިފްލާއަށް ބެލުނީ ކޭކާ ދިމާގައި ލިޔެފައިވާ ލިޔުންކޮޅުގައި އޮތް "ވެޑިންގް" އަށެވެ. ދިފްލާ ހިތަށްއެރިއެވެ. އެންމެނަށް އެ ދުވަސް އަންނަންޏާ، ދިފްލާއަށް ވެސް އަންނާނެއެވެ. އެ ދުވަހަކުން ދިފްލާ ފުރިހަމަ ކޭކެއް އަޅާނެއެވެ. އެ ކޭކު ހުންނާނެ އުސްމިނާއި، ފަރުމާ ވެސް ދިފްލާއަށް އެނގެއެވެ. ނޭނގެނީ ދިފްލާގެ ފިރިއަކަށްވާނެ މީހާގެ ނަމެވެ. އެ ހިޔާލުގައި ހުއްޓައި، ކޮޓަރީގެ ދޮރު ހުޅުވައިލައިފައި ޔަމާނީ ނުކުތެވެ. ނިދާހެދުމުގައި، ބޯހާވައިލައިގެންހުރި ޔަމާނީ ފެނުމުން ދިފްލާ ހަނދާންވީ ކުޑައިރުގެ ޔަމާނީއެވެ.

"ގުގުރާތީ ބިރުގަތީތަ؟" ހިނިތުންވެލައިފައި ދިފްލާ އެހިއެވެ. "ދަންތަ ވާހަކައެއް ކިޔައިދޭން؟"

"ދޮންތައަށް އަބަދުވެސް މާނީ ފެންނާނީ ބޭބީއެއްހެން،" ނިދިމޮޅި ރާގެއްގައި އެހެން ބުނަމުން އައިސް މޭޒު ކައިރީގައި ޔަމާނީ އިށީނެވެ. "މާނީ ކުޑައީ އެންމެ އަހަރެކޭ. ތީ އެއްކަލަ ކޭކުތަ؟ ދީބަލަ ކޭކުކޮޅެއް. އައިސްކްރީމް އެބަހުރިތަ؟"

"ހޫނ! އެއްކަލަ ސުވިޗުޖެހުނީ،" ދިފްލާ ބުންޏެވެ. "މި ގެނެސްދެނީ. ދަތްއުނގުޅައިގެން ނިދާތި!"

ދަތްއުނގުޅާ ބުރުހަށް ބަލަހައްޓައިގެން ނަޖްވާން ހުއްޓެވެ. ފެންފޮދެއްގައި ޖެހެން ބޭނުން ނުވެފައެވެ. މެންދުރު ބާރަޖަހާ އިރު ހޭލިޔަސް ނަޖްވާނަށް ވަނީ އެ ވަރެވެ. ފާހާނައިގައި ހޫނުފެން ވެސް އެބަ ހުއްޓެވެ. އެކަމަކު ފެންވަރައި، ބޯދޮންނާނެ ހިތްވަރެއް ވެސް ނަޖްވާންގެ ނެތެވެ. ލޯގަނޑަށް ބަލަހައްޓައިގެން އެތައް އިރަކު ހުރެފައި ނަޖްވާން ފާހާނައިން ނުކުތެވެ. މަތިހަދައިލައިގެން ނުކުންނަން އުޅެފައި ފޯނަށް ބަލައިލި ވަގުތު، ރާއިދުގެ މެސެޖެއް ފެނިގެން ފޯނު ހިފައިގެން އެނދުގައި އޮށޯތެވެ. އުމުރުން ވިހި އަހަރުގެ ރާއިދަކީ ނަޖްވާންގެ ހިތުގެ ވިންދެވެ. ނިދުމުގެ ކުރިން ވާހަކަދައްކައިފައި، ހޭލައިފައި ވެސް ނަޖްވާން ފުރަތަމަ ވާހަކަދައްކައިލަން ބޭނުންވާ މީހަކީ ރާއިދެވެ. ވީމާ ރާއިދަށް ފޯނުކުރިއެވެ.

"ހިނގާ ސައިބޯން ދާން." ނަޖްވާން އެދުނެވެ.

"ސައިބޯށޭ؟" އޮފީސް މޭޒުދޮށުގައި އިން ރާއިދު ބުންޏެވެ. "ދެން ބްރަންޗެއް ނަގަންޖެހޭނީ. މިހާރު ބާރަޖަހަނީ. އަހަރެން ވެސް ހިތަށްއަރާ އެކެއްޖަހަންދެން ތި ގޮތަށް ނިދަން އޮވެވޭނެ ނަމައޭ! ޔޫ އާ ސޯ ލަކީ. ހިނގާ ލަންޗަށް ދަމާ!"

"އެކަމަކު ވަރަށް ފުޅަވެފަ މިއޮތީ،" ކަންނެތްވެފައިވާ ރާގެއްގައި ނަޖްވާން ބުންޏެވެ. "ޓޮއިލެޓަށް ވަދެފަ ވެސް ފެންނުވަރާ މި ނުކުތީ."

"ކީއްކުރަން ފެންވަރަނީ؟" ރާއިދު އެހިއެވެ. "ކޮންމެ ގޮތަކަށް ހުއްޓަސް ތިހާ ލޯބިކުއްޖެއް ލާހިކެއް ނޫން ހޯދާކަށް. މި ދަނީ ތި ގެއަށް ކޮފީބޯން އިނގޭ!"

"ސަޅި އައިޑިޔާއެއް،" ނަޖްވާން އެއްބަސްވިއެވެ. "ނަޓެއްލާ ސޭންޑްވިޗެއް ހިފައިގެން އަންނާތި!"

މާލެއިން ކިޔަވަން ބޭނުންވި ވަރަށް ކިޔެވުމަށް ފަހު، ވަޒީފާއަކަށް ނުކުންނަ ހިޔާލެއް ނަޖްވާން ނުކުރެއެވެ. މައިންބަފައިންގެ ޝަކުވާއެއް ނެތެވެ. ފައިސާގެ ދަތިކަމެއް ވެސް ނެތެވެ. އުމުރުން ނަވާރަ އަހަރުގައި ނަޖްވާން އުޅެމުންގެންދިޔައީ ނަޖްވާން އުޅެން އެންމެ ބޭނުންވި ދިރިއުޅުމެވެ.

"އެއްކަލަ ޗީޒް ބިސްގަނޑު ކަވަނީ ހަމަ،" ރާއިދު ބުންޏެވެ. "އެކްސްޓްރާ ޗީޒް އަޅައްޗޭ!"

ފޯނު ބާއްވާފައި ނަޖްވާން ދުވެފައި ކޮޓަރިން ނުކުތެވެ. ބޮޑުކޮޓަރީގެ ޓީވީ ހުރީ ހުޅުވައިފައެވެ. މަންމަ އިނީ ޓީވީބަލާށެވެ.

"މަންމާ! އެއްކަލަ ޗީޒް އޮމްލެޓް ބޭނުންވެއްޖެ!" ސޯފާއަށް ވެއްޓިގަންނަމުން ނަޖްވާން ބުންޏެވެ. "ރާއިދު އެބަ އާދޭ!"

"ކާކު އަންނަނީއޭ؟" ދިފްލާ އެހިއެވެ.

"ބަސް އެބަ އާދެޔޭ!" މައުސޫމާ ބުންޏެވެ. "ހިނގާބަލަ ޕޭމަންޓަށް އަރަން."

ހަވީރު ވަގުތެވެ. މައުސޫމާއާ އެކުގައި ދިފްލާ ނުކުތީ ގެއަކަށް ދިޔުމަށް ޓަކައެވެ. މައުސޫމާއަކީ މަގުމައްޗަށް ނުކުންނަން ވަރަށް ބިރުގަންނަ މީހެކެވެ. ދުއްވާ އެއްޗެހި ގިނަކަމުންނެވެ.

"ޕޭމަންޓުން ހިނގެން އެބަ އޮތްތަ މަންމާ؟" މަންމަގެ އަތުގައި ހިފައިގެންހުރި ދިފްލާ ބުންޏެވެ. "މަންމަ ކައިރީގަ ބުނެފިން އަހަންނަށް ސައިކެއް ގަންދޭށޭ! އޭރުން މަގު މެދުން ރޫސްލާފަ ދިޔައިމަ ނިމުނީ."

"ދަރިފުޅަށް އަދި ފަނަރަ އަހަރޭ ރަންކޮޅާ!" މައުސޫމާ ބުންޏެވެ. "އަށާރަ ފުރުނީމައެއް ނޫންތަ ލައިސަން ލިބެނީ؟"

"ލައިސަން ދޭ މީހާއަށް އަހަރެންގެ މޫނު ފެނުނީމަ އޯކޭވާނެ،" ސަމާސާ ރާގެއްގައި ދިފްލާ ބުންޏެވެ. "ދެންމެ ދިޔަ ފިހާރައިގެ ސޭޓަށް ވީ ކިހިނެއް؟ އަހަރެން އޭނައަށް ހީލިކަން އެކަނި. ފިފްޓީ ދިނީމަ ބާކީ ދިން ފޯ ފިފްޓީ! މަންމަޔާ ހެދިޔޭ އެ ލާރިކޮޅު ކަޓުވާނުލެވުނީ."

"ދަރިފުޅު ގޮވައިގެން ނޯންނާނެ ފިހާރަޔަކަށް ވަދެވޭކަށް،" ހީނގެންފައި މައުސޫމާ ބުންޏެވެ. "ކިހިނެއްވެފަތަ އެ މީހާ އިނީ؟"

ވާހަކައިގައި ހެމުން، ސަމާސާކުރަމުން ދެމައިން ގޮސް ގެއެއްގެ ދޮރުމައްޗަށް ހުއްޓުނެވެ. ދޮރާށި ކައިރީގައިހުރި ރަނގަބީލު ޖަހައިލިއެވެ. އެ ވަގުތު ދޮރު ހުޅުވީ ރާއިދެވެ.

"މީނަތަ މިހާރު ދޮރު ވެސް ހުޅުވަނީ؟" ހިނިތުންވެލައިފައި ދިފްލާ އެހިއެވެ.

"ހަމަ ގެއަށް ވަންތަނާ ވިއްޔަ ދިފްލާ ތި ބެލްޖެހީ،" ރާއިދު ބުންޏެވެ. "ވަދޭވަދޭ!"

ދެމައިން އެކުގައި ވަނެވެ. ރާއިދު އެތެރެއަށް ވަދެގެން ދިޔައީއެވެ. އެ ގެއަކީ ކުރީ ޒަމާނުގެ ގެއެކެވެ. މައުސޫމާ އެ ގެއަށް ދަނީ ރާއިދު މަންމަ ފާއިޒާގެ ރަހުމަތްތެރިކަމުގައެވެ. އެ ދެ ރައްޓެހިންނަކީ ގަސްހެއްދުމަށް މާ ޝައުގުވެރިކަމެއް ހުންނަ ދެ މީހުންނެވެ. ދިފްލާ އެ ގެއަށް ދާ އެންމެ ބޮޑު ސަބަބަކީ، ގެ ހަދާފައިހުރި ގޮތް ދިފްލާއަށް ރީތިވީމައެވެ. ދޮރޯށިން އެތެރެއަށް ވަދެފައި، ގެއަށް ވަންނަންހުންނަ ދޮރުގެ ބޮޑުބައި ހުންނަނީ ސާފު ބިއްލޫރިންނެވެ. އެތެރެއިން ދޮރުފޮތިގަނޑު ދަމައިލާ ގޮތަށެވެ. ފޮތިގަނޑު ހަރުކޮށްފައިހުންނަނީ ދޮރުގައެވެ. އެއީ ދިފްލާއަށް ވަރަށް ޝާހީ ގޮތެކެވެ. އެ ގެއަކީ ބުރިބުރިއަށް ހުންނަ ގެއެއް ނޫނެވެ. ގޯތިތެރެއިން ގޮސް ގޭގެ ފެންޑާއަށް ވަންނަ ދިމާގައި ހުންނަނީ ހުދުކުލައިގެ ވަށް ތަނބުޖަހައިފައެވެ. ވަށް ތަނބަކީ ދިފްލާ މާ ގަޔާވާ އެއްޗެކެވެ. ފުރަތަމަ ވަދެވޭ ބައިގައި ސޯފާއަކާއި ބޮޑު އުނދޯއްޔެއް ހުރެއެވެ. ދިފްލާއަކީ ކުޑަ އިރުއްސުރެ އުނދޯލިހެއްލާ ހިތްވާ ކުއްޖެކެވެ. އުނދޯލީގައި ލަވަކިޔަން ދިފްލާ އެތައް އިރެއްވަންދެން ވެސް އިނދެފާނެއެވެ. ގޭގެ ބޮޑުކޮޓަރިއަށް ވަދެވެނީ އުނދޯލި ހުރަސްކޮށްފައެވެ. ކޮޓަރިތަކަށް ވަދެވެނީ ބޮޑުކޮޓަރި ތެރެއިންލާފައި ގޮހެވެ. އެންމެ ބިއްދޮށުގައި ހުންނަނީ ބަދިގެއެވެ. އެ ސަރަހައްދު ތަނަވަސްވެފައި ވަރަށް ގިނަ މާގަސްތައް އޮވެއެވެ. ދިފްލާއަށް އެނގިފައިވާ ގޮތުގައި، އެ ގޭގެ ކޮންމެވެސް ދިމާއެއްގައި ބިންގަރާހެއް ވެސް އޮވެއެވެ. އެ ތަން ބަލައިލަން ދިފްލާ ވަރަށް ބޭނުމެވެ.

ނުނިމޭ