13 އެޕްރީލް 2024 - 23:27

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ފަސް ގެއަކުން ވަގުތީ ބޯހިޔާވަހިކަމަށް މީހުން ބަދަލުކުރަން ނިންމައިފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނީ އެ އިދާރާއިން ހެދި ރެޕިޑް އެސިސްމަންޓުގައި، އުޅެން ދަތިވާ ކަމަށް ފާހަގަކުރެވުނު ނުވަ ގެއެއްގެ ތެރެއިން ފަސް ގެއަކުން 34 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަމުން އަންނަ ކަމަށެވެ.
ބަދަލުކުރި ގެތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފާހަނާކުރަން ދަތިތައް ކުރިމަތިވެ، ނަޖިސް ލީކުވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހިކަމާ އެކު ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. އަދި ސްކޫލްތަކުގެ އިމްތިހާން ވެސް މާދަމާ ފަށާތީ ދަރިވަރުންނަށް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ބުންޏެވެ.
މެދުކެނޑުމެއް ނެތި އެތައް އިރެއް ވަންދެން ވާރޭވެހުމުގެ ސަބަބުން މުޅި މާލޭގައި ކަހަލަ ގޮތަކަށް ވަނީ ފެންބޮޑުވެފަ އެވެ. ތަންތަނަށް ފެން ވަނުން ހުއްޓުވަން މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ޖަހާފައިވެ އެވެ.