13 އެޕްރީލް 2024 - 23:17

ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުމަކީ ތަރައްގީއަށް އެޅޭނެ އެންމެ ބޮޑު ހުރަސް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފ. ނިލަންދޫ އަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މުޅި ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް އެ މަނިކުފާނު ރިޔާސީ މެނިފެސްޓޯގައި ހިމަނައިގެން ރައްޔިތުންގެ ވޯޓާ އެކު އެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
އެ މަސައްކަތަށް ހުރަސް އެޅުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި އެ އަތޮޅުތަކުގެ ދާއިރާތަކަށް ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ނުހޮވައިފި ނަމަ ތަރައްގީއަށް ހުރަސް އެޅިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަތޮޅުގެ ދާއިރާތަކުގެ މަޖިލިސް ގޮނޑިތަކަށް ހޮވައިދޭ ބޭފުޅުންނަކީ މި ކަމަށް 100 ޕަސެންޓް އެއްބާރުލުން ދޭނެ ބޭފުޅުންނަށް ރައްޔިތުން ނުހައްދަވައިފިއްޔާ ހަމަ ހުރަސް އެޅޭނެ. އަޅާނެ. މިދިޔަ ހަތަރު މަސް ތެރޭގައި އެކަމެއް ނޫންތޯ ފެނުނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓުގައި މަޝްރޫއުތައް ހިމަނާފައި ވަނީ ނަމެއްގަ އެވެ.
އަލަށް ފަށަން ވައުދުވެފައި އޮތް ބަނދަރެއް ހަދަން ވިޔަސް އެންމެ 200،000ރ. ހިމަނާފައިވާ ކަމަށާއި ނަމަވެސް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހަކުން ހިމަނާނީ ސަރުކާރުން އެދޭ ގޮތަށް ރައްޔިތުންނަށް އެކަން ކޮށްދެވޭ ވަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ބަޖެޓު ފާސްކުރަނީ މަޖިލީހުން، މަޖިލީހާ ނުލައި ތަރައްގީ ކުރިއަކަށް ނުގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ނިލަންދޫގައި ކުރިޔަށް ގެންދާ މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީގެ ލިސްޓުގެ އެންމެ ފުލުގައި އޮތަސް އެއާޕޯޓުގެ މަސައްކަތް މިހާރު އޮތީ ހަގީގަތަކަށް ހަދައިދީފައި ކަމަށެވެ.
އެ މަސައްކަތް ދެން ނުހުއްޓޭނެ ކަމަށާއި ބިން ހިއްކައި ބާރު ސްޕީޑުގައި ނިންމާލެވޭނެ ކަމަށާއި ޖެޓް ޖެއްސޭ ފެންވަރުގެ ފުރިހަމަ އެއާޕޯޓެއް ވަރަށް އަވަހަށް ނިލަންދޫގައި އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރަށުގެ މަގު ހެދުމުގެ ކުރިން ނަރުދަމާގެ ނިޒާމް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއަށް ފަހު ރަނގަޅު ފެންވަރަކަށް މަގުތައް ވެސް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ނިލަންދޫގައި ފުރިހަމަ ވަސީލަތްތަކާ އެކު ސިއްހީ ހިދުމަތް ފުޅާކޮށް ސަރަހައްދީ އާބަން ސެންޓަރެއް ފެންވަރަށް ތަރައްގީކުރާ އެއް ރަށަކަށް ވެގެން ދާނެ އެވެ.
އެއަށް ފަހު ރައީސް އަނެއްކާވެސް ތަކުރާރު ކުރެއްވީ އެ ހުރިހާ ކަމެއް ހަގީގަތަކަށް ހެދުމަށް މަޖިލީހުގެ މެޖޯރިޓީގެ މުހިންމުކަމެވެ.
"ހަގީގީ މާނާގައި އިހުލާސްތެރިކަމާއެކީ ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ހުރި މީހަކާ އެކީ ބާރު ސްޕީޑުގައި ދާން ރައްޔިތުން ވެވަޑައިގަންނަވާ." ރައީސް ވިދާޅުވި އެވެ.