އިޒްރޭލާ ގުޅުން އޮންނަ ކާގޯ ބޯޓެއް އީރާނުން ހިފަހައްޓައިފި
އިޒްރޭލާ ގުޅުން އޮންނަ ކާގޯ ބޯޓެއް އީރާނުން ހިފަހައްޓައިފި

އިޒްރޭލާ ގުޅުން އޮންނަ ކާގޯ ބޯޓަކަށް އީރާން ސިފައިން އަރައި އެ ބޯޓު އީރާންގެ ސަރަހައްދަށް މިއަދު ވައްދައިފި އެވެ.

އިޒްރޭލުގެ މީޑިއާއިން ބުނި ގޮތުގައި "އެމްއެސްސީ އޭރީޒް" އަށް ސިފައިން އެރީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށެވެ.

ކަނޑު އުޅަނދުތައް ޓްރެކްކުރާ މެރިން ޓްރެފިކް ވެބްސައިޓުން ދައްކާ ގޮތުން އެ ބޯޓު އޭރު ދަތުރުކުރަމުން ދިޔައީ އިންޑިއާއަށެވެ. މި ބޯޓު ދަތުރުކުރީ ޕޯޗްގީޒްގެ ދިދައިގަ އެވެ.

އެމްއެސްސީ އަށް ދިގު މުއްދަތަކަށް، ގޯޓަލް ޝިޕިން އިން ކުއްޔަށް ދޫކޮށްފައިވާ މި އުޅަނދަކީ އިޒްރޭލުގެ ވިޔަފާރިވެރިއަކު ހިއްސާވާ ޒޮޑިއެކް މެރިޓައިމް ޝިޕިން ކޮމްޕެނީއާ ވެސް ގުޅުން އޮންނަ ބޯޓެކެވެ.

އީރާން ސިފައިން ބޯޓަށް އަރައި އޭގެ ކޮންޓްރޯލް ނެގި އިރު އޭގައި ތިބީ ފިލިޕިންސްގެ 20 ފަޅުވެރިއެކެވެ.

އީރާންގެ ގައުމީ މީޑިއާއިން ބުނީ އީރާން ސިފައިން ބޯޓަށް އެރީ މިއީ އިޒްރޭލާ ގުުޅުން އޮތް ބޯޓަަކަށް ވާތީ ކަމަށާއި އީރާންގެ ސަރަހައްދަށް ބޯޓު ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި ބޯޓަށް ހެލިކޮޕްޓަރުގައި ގޮސް ސިފައިން ފައިބައި މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފަ އެވެ.

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ ބޯޓު އަތުލައިގެންފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އިރު އުތުރުން 50 ނޯޓިކަލް މޭލު ދުރުން ކަމަށެވެ.

މި ބޯޓު އަތުލައިގެންފައި މި ވަނީ ސީރިއާގައި ހުންނަ އީރާން އެމްބަސީއަށް ހަމަލާދީ އީރާން ސިފައިންގެ އިސް ބަޔަކު މަރާލުމުން އެއީ އިޒްރޭލުގެ އަމަލެއް ކަމަށް ބުނެ އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނަމުންދާ ވަގުތެއްގަ އެވެ.