13 އެޕްރީލް 2024 - 19:09

މި ދިޔަ ބުދަ ދުވަހު ފާހަގަކުރި ފިތުރު އީދުގައި ދިރާގުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނި ގޮތުގައި އީދު ނަމާދަށް ފަހު މި އަހަރު ވެސް ކުރިއަށް ގެންދިޔަ އީދު ބޯކިބާ ހަރަކާތުގައި އާއްމުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ. މިކަން މި އަހަރު އޮތީ ހުޅުމާލެ ސިންތެޓިކް ޓްރެކާއި މާލޭގެ އާޓިފިޝަލް ބީޗުގަ އެވެ.

އީދު ދުވަހުގެ ސަގާފަތްތައް ދިރުވުމަށް ދިރާގުން އީދު ބޯކިބާގެ އިތުރުން ކުޑަކުދިންނަށް ގިފްޓް ޕެކުތައް އީދު ހަދިޔާގެ ގޮތުގައި މާލެ، ހުޅުމާލެ އަދި ހދ. ކުޅުދުއްފުށި، އައްޑޫ، ފުވައްމުލައް، ގއ. ތިނަދޫ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެތިގައި ވަނީ ބަހައިފަ އެވެ.
ދިރާގުން އީދު ދުވަހުގެ ފޯރި އިތުރުކުރުމުގެ ގޮތުން މާލޭގައި "ސާދާ ތިރީސް އަށެއް" ގްރޫޕުން އިންތިޒާމްކޮށް ކުރިއަށްގެންދިޔަ ފިތުރު އީދު ހަރަކާތްތުގެ ޕާޓްނަރެއްގެ ގޮތުގައި ވެސް ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތުގައި އީދުގެ ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ފެންކުޅި އާއި ބޮޑު މަސް އަދި މާލި ޕެރޭޑެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވަނީ މި އަހަރު ދިރާގުން ކުރިއަށްގެން ދިޔަ ފިތުރު އީދުގެ ހަރަކާތްތަކުގައި އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެ ކުންފުންޏަކީ ހެޔޮ ހިތުން މުޖުތަމައުގެ އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް އާލާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.