20 ފެބުރުއަރީ 2017 - 06:07

ހަނޑުލުގައި އާސެނިކް ހުންނާތީ ދަރިންނަށް ތުއްތުއިރު ބަތް ކާން ނުދޭ ކަމަށް ވިދާޅުވެ ތަޖުރިބާކާރަކު އޭގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދަވައިފި އެވެ.
ބަލްޓިމޯ ގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ކީވް ނަޗްމަން ވިދާޅުވީ އޭނާގެ ދަރިންނަށް ކުޑައިރު ބަތް ކާން ނުދެނީ އޭގެ ނުރައްކާތެރިކަން އޭނާއަށް ޔަގީންވާތީ ކަމަށެވެ. ނަޗްމަން އަކީ ހަނޑުލުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހަދާފައިވާ ބައިނަލްއަގުވާމީ ރިސާޗްތަކެއްގައި އިސްކޮށް މަސައްކަތްކުރެއްވި ތަޖުރިބާކާރެކެވެ.
އާސެނިކް އަކީ ދުނިޔޭގެ ކްރަސްޓްގައި 20 ވަނަ އަށް އެންމެ ގިނައިން ހުންނަ އެލެމެންޓެވެ. ބިންމަތީގައި ހައްދާފައި ހުންނަ ގަސްތަކަށް މި އާސެނިކްގެ އަސަރު ކުރެ އެވެ. އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ މި ވިހަ ބާވަތް ދަނޑުތަކުގައި ހައްދާ ބައެއް ގަސްތަކަށް ވަރަށް ބޮޑަށް ކުރެ އެވެ.
ކާއެއްޗެހީގައި އާސެނިކް ވަރަށް ކުޑަކޮށް ނަމަވެސް ހުރުމަކީ ސިއްހަތަށް ނުރައްކާވާ ކަމަކަށް ވާތީ ސައިންސްވެރިން މިކަމާ ކަންބޮޑުވެ އެވެ. އާސެނިކަކީ ކެންސަރާއި ހިތުގެ ބަލިތައް އަދި ފުއްޕާމޭގެ ބަލިތަކާއި ހަކުރު ބަލި އަދި ސިކުނޑީގެ މައްސަލަތައް ވެސް ކުޑަކުދިންނަށް ޖެހުމަށް މެދުވެރިކުރުވާ އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ހަނޑުލުންނެވެ. ސަބަބަކީ ހަނޑޫ ހައްދަނީ ޗަކަ ބިމުގައި ކަމަށް ވެފައި ބިމުގައި ހުންނަ އާސެނިކްގެ އަސަރު އެ ގަސްތަކަށް ކުރާ މިންވަރު ބޮޑުކަމުންނެވެ.
އާސެނިކްގެ މަދު މިންވަރެއް ނަމަވެސް ހުންނަ ކާނާއެއް ކެވިއްޖެ ނަމަ އެންމެ ބޮޑު ގެއްލުމެއް ލިބެނީ ތުއްތު ކުދިންނަށެވެ. ސަބަބަކީ ކުޑަކުދިންނަށް ތައްޔާރުކޮށްފައި ހުންނަ ބައެއް ކާނާގައި ބަތްޕެން ފާޑު އެއްޗެހި ބޭނުންކޮށްފައި ހުރުމާއި ކުޑަކުދިންގެ ތައްޔާރީ ކާނާތަކުގައި ވެސް ހަނޑޫ ބޭނުންކޮށްފައި ހުންނާތީ އެވެ.
އެމެރިކަން އެސޯސިއޭޝަން ފޯ ދަ އެޑްވާންސްމަންޓް އޮފް ސައިންސްގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ އޭނާގެ އަމިއްލަ ދަރިންނަށް ތުއްތުއިރު އެއްގޮތަކަށް ވެސް ހަނޑުލުގެ ކަނާ ނުދޭ ކަމަށެވެ.
"އަހަރެންގެ ދެ ދަރިން އެބަތިބި. އެ ކުދިން އުފަންވިއިރު އަހަރެން މަސައްކަތް ކުރަމުންދިޔައީ ކެއުމުގައި އާސެނިކް އެކުލެވޭ މިންވަރު ބެލުމުގެ ޕްރޮޖެކްޓެއްގައި. އެހެންވެ ހަނޑުލުގައި އާސެނިކް އެކުލެވޭކަން އަހަންނަށް އެނގުނު. އެހެންވެ އަހަރެންގެ އާއިލާއަށް ދެނީ އެހެން ބާވަތްތަކުގެ ސީރިއަލްސް. އެކަމަކު އަހަރެމެން އަދިވެސް ހަނޑުލުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތި ކޮންމެވެސް ވަރަކަށް ބޭނުންކުރަން،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޗްމަން ވިދާޅުވި ގޮތުގައި ހަނޑުލުގައި އާސެނިކް ހުންނަންޖެހޭ ރައްކާތެރި މިންވަރެއް ނޭނގެ އެވެ. ނަމަވެސް މި ތަކެތި ކެއުން ހުއްޓާލުމަކީ ވެސް ކުރެވޭނެކަމެއް ނޫންކަމަށް ޑޮކްޓަރު އެއްބަސްވެ ވަޑައިގެންނެވި އެވެ.
ހަނޑޫ ނޫނަސް މާ ބޮޑަށް ޗަކަ ތަންތަނުގައި އާސެނިކް ލެވެލް މައްޗަށް ހުންނާނެތީ އެ ތަންތަނުގައި ހައްދާ ލެޓިއުސް، ރެޑިޝް، ބްރޯކޮލީ، ބްރަސަލްސް، ސްޕްރައުޓްސް، ކާލޭ އަދި ބޮނޑިކޮޕީ ފަދަ އެއްޗެހީގައި ވެސް މިގޮތަށް އާސެނިކް ހުންނާނެ ކަމަށާއި އެފަދަ ތަކެތި ކެއުން މަދުކުރަން ޖެހޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުދިންނަށް މާ ގިނައިން މޭވާ ޖޫސް ދިނުން ވެސް ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކޮށާލާފައި ކާން ދިނުމުގެ ފައިދާ ބޮޑުކަމަށް ވެސް ތަޖުރިބާކާރު ވިދާޅުވި އެވެ.