20 ފެބުރުއަރީ 2017 - 06:08

ޑޮކްޓަރުން އޭނާގެ އަތަށް ލޯގަނޑެއް ދިއްކޮށްލާނެ ދުވަހަކަށް އޭނާ ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެ ވަގުތު އައިސް ޖެހުމުން އެންޑީ ސޭންޑްނަސް ލޯގަނޑުން އޭނާގެ މޫނަށް ބަލަހައްޓައިގެން އިނީ އެވެ. އެ ސޫރަޔަކީ ހަމަގައިމުވެސް އޭނާ ދަންނަ ސިފައެއް ނޫނެވެ. މިހާރު ހުރީ މުޅިން އާ މޫނެކެވެ. އެހެން ފިރިހެނެއްގެ މޫނެވެ.

މާޔޯ ކްލިނިކްގައި އޮތް ސޭންޑްނަސް ދުޅަވެ ފުފިފައިވާ މޫނުގައި އަތްޖައްސައި ބަލަމުން ދިޔައިރު އޭނާގެ ބައްޕަ އާއި ބޭބެ އަދި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ބަލަން ތިއްބެވެ. ދުނިޔޭގައި ވަރަށް މަދުން ނޫނީ ކޮށްފައިވާ ނުވާ އޮޕަރޭޝަނަކަށް ފަހު އައި ބަދަލު ބަލަން އެންމެން ތިބީ އިންތިޒާރުގަ އެވެ. އެއީ މޫނު ޓްރާންސްޕްލާންޓެވެ. މާޔޯ މެޑިކަލް ސެންޓަރުގައި ވެސް ކުރި ފުރަތަމަ މިފަދަ އޮޕަރޭޝަނެވެ.
ސޭންޑްނަސްގެ ނޭފަތް، ކޯތާފަތް، އަނގަ، ތުންފަތް، ދަތްދޮޅި، ކޯ އަދި ދަތްތަކަކީ ވެސް އޭނާއަށް މޫނު ހަދިޔާކުރި މީހާގެ ގުނަވަންތަކެވެ.
ފޭސް ޓްރާންސްޕްލާންޓަށް ފަހު ސޭންޑްނަސް މަޑުމަޑުން ފަސޭހަވަމުން އައިނަމަވެސް ފުރަތަމަ އޭނާއަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކެ އެވެ. ނަމަވެސް ވަރަށް މުހިއްމު ވާހަކައެއް ބުނަން އޭނާ ބޭނުންވެގެން ނޯޓު ފޮތެއްގައި އެ ވާހަކަ ލިޔުނެވެ.
"އުންމީދުކުރި ވަރަށް ވުރެ ވެސް މާ ފުރިހަމަ" މިއީ ސޭންޑްނަސް ލިޔުނު ޖުމްލަ އެވެ.
މި ލިޔުން އޭނާގެ ޓްރާންސްޕްލާންޓްގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ސަމީރް މަރްދީނީ އާ ހަވާލުކުރުމުން އޭނާ އެ ތަނުގައި ތިބި ހުރިހާ ޑޮކްޓަރުންނަށް އިވޭ ވަރަށް އެ ޖުމްލަ ވިދާޅުވި އެވެ.
މޫނު ބަދަލުކުރުމުގެ މި ދަތުރުގެ ވާހަކައަކީ ވެސް އިބްރަތުން ފުރިގެންވީ ހާދިސާއެކެވެ.
މޫނު ޓްރާންސްޕްލާންޓް ކުރި މީހާ އާއި މޫނު ހަދިޔާކުރި މީހާ އަކީ ބުރަ މަސައްކަތްކޮށްގެން އުޅުނު 21 އަހަރުގެ ދެ ޒުވާނުންނެވެ. ދެ މީހުންނަކީ ވަރަށް ވިޔާނުދާ ދިރިއުޅުމެއް އުޅެމުންއައި ބައެކެވެ. އަމިއްލައަށް މަރުވާން މި ދެ މީހުން ވެސް މަސައްކަތްކޮށްފައިވެ އެވެ. ސޭންޑްނަސް އަމިއްލައަށް އަނގަޔާ ދިމާލުން މޫނަށް ބަޑި ޖެހިއިރު އަނެއް މީހާ ބަޑި ޖެހީ ނިތްކުރިއަށެވެ. މި ހާދިސާއިން ސޭންޑްނަސް ސަލާމަތްވި ނަމަވެސް އޭނަގެ އަނގަމަތި އޮތީ ފުނޑުފުނޑު ވެފަ އެވެ. އަނެއް މީހާ ވީ މަރެވެ.
މި ދެ މީހުން ދުވަހަކު ވެސް ބައްދަލެއް ނުވެ އެވެ. އެންމެ ފުރަތަމަ ވެސް އެމީހުންނަށް ބައްދަލުވެވުނީ އޮޕަރޭޝަން ތިއޭޓަރުންނެވެ. އޭރު އެކަކުގެ ފުރާނައެއް ނެތެވެ. އަނެކަކު އޮތީ އާ ދިރިއުޅުމެއްގެ އުންމީދުގަ އެވެ.
އެއީ 2006ގެ ޑިސެމްބަރު ފަހުކޮޅެވެ. ރާބޮއެ މަސްތުވެގެން ގޮސް ސޭންޑްނަސް އަމިއްލަ ފުރާނަ ދުއްވާލާ ހިސާބަށް ގޮސް އަމިއްލައަށް މޫނަށް ބަޑިޖެހި އެވެ. އެއާ އެކު މި ކުރެވުނީ ގޯސްކަމެއްކަން އޭނާއަށް ވިސްނިގެން ފުރާނަ ސަލާމަތްކުރަން ތެޅެން ފެށި އެވެ. ނަމަވެސް އޭރު ބަޑީގެ ވަޒަން ވަދެ އޭނާގެ އަނގަ ފުނޑުފުނޑު ކޮށްލައިފި އެވެ.
ސޭންޑްނަސް އަށް ދެ ހޮސްޕިޓަލަކުން ފަރުވާ ދިނުމަށް ފަހު މާޔޯ ކްލިނިކަށް ބަދަލުކުރީ އެވެ. އޭނާ ހޭއެރިއިރު ކައިރީގައި އަތުގައި ހިފަހައްޓާލައިގެން މަންމަ ހުއްޓެވެ. އަނގަ ފުނޑުފުނޑުވެފައިވާތީ ސޭންޑްނަސް އަށް މަންމައާ ވާހަކަ ދެއްކޭ ގޮތެއް ނުވި އެވެ. ނަމަވެސް ކަރުދާހެއްގައި ގަލަމުން "އައި އޭމް ސޮރީ" އޭ ލިޔެ މާފަށް އެދުނެވެ. މަންމަ އޭނާއަށް ހިތްވަރުދީ އޭނާ ދެކެ ލޯބިވާ ވާހަކަ ބުނުމުން ސޭންޑްނަސް މާ ބޮޑަށް ދެރަވި އެވެ. އާއިލާއަށް މި ދެވުނު ހިތާމަ ހިތަށް އަރައި ދެން ވާނެ ގޮތަކާ މެދު ވިސްނާލާފަ އެވެ.
އޭގެ ފަހުން ސޭންޑްނަސް އަށް ޕްލާސްޓިކް ސާޖަން މަރްދިނީއާ ބައްދަލުވި އެވެ. އޭނާއަކީ މީހުންގެ މޫނު "މަރާމާތުކުރުމަށް" މަޝްހޫރު މީހެކެވެ. ސޭންޑްނަސް މާޔޯ ކްލިނިކަށް ގެންދިޔަ ދުވަހު ޑޮކްޓަރު ހުރީ އޮން ކޯލްގަ އެވެ. އޭނައަށް ވީ އެންމެ ރަނގަޅަކަށް މޫނު އަލުން ރަނގަޅުކޮށްދޭނެކަމުގެ ޔަގީންކަން އެ ދުވަހު ޑޮކްޓަރު ސޭންޑްނަސް އަށް ދިނެވެ.
މި ދުވަސްވަރު އެންޑީއަށް ލޯގަނޑުން އޭނާގެ މޫނު ބަލާކަށް ނުކެރެ އެވެ. އެ މޫނުގައި ނޭފަތެއް ކޯ ކަށިގަނޑެއް ނެތެވެ. އޭނާގެ އަނގައިގެ ދެ ދަތް ފިޔަވައި އެންމެ ދަތެއް ވެސް ނެތެވެ. ލޮލުގެ ފެނުމަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. ތުންފަތެއް ވެސް ނެތެވެ. ނޭވާލަނީ ވެސް ހޮޅިއަކުންނެވެ.
ޑރ. މަރްދީނީ އާއި އޭނާގެ ޓީމުން، ސޭންޑްނަސްގެ މޫނުމަތީގައި ހުރި މަރުވެފައިވާ ޓީޝޫތަކާއި ފުނޑުފުނޑުވެފައިވާ ކަށިތައް ނަގައި ޓައިޓޭނިއަމް ޕްލޭޓްގައި އިސްކުރު ޖަހައިގެން މޫނު އަލުން މަރާމާތު ކުރި އެވެ. އަދި ގައިގެ އެކި ތަންތަނުން ކައްޓާއި މަހާ ނަގައިގެން ކޯ ކަށިގަނޑުވެސް ހެދި އެވެ.
ހަތަރު މަހާއި ބައި ތެރޭގައި އަށް ސާޖަރީ ހެދި އެވެ. އޭގެ ފަހުން އޭނާ ގެއަށް ގޮސް ރައްޓެހިންނާއި އާއިލާ އާއެކު ދިރިއުޅެން ފެށި އެވެ. އަދި ވަޒީފާ ވެސް އަދާކުރަން ފެށި އެވެ. ނަމަވެސް ބޭރަށް ނުކުމެއްޖެ ނަމަ ކުޑަކުދިން ވެސް އޭނާއާ ދިމާލަށް އިނގިލި ދިއްކޮށްފައި އެއީ ކިހިނެއްވެފައި ހުރި މީހެއްތޯ ސުވާލުކުރާތަން ސޭންޑްނަސް އަށް ފެނެ އެވެ. އެހެންވެ ބޭރަށް ގޮސް އުޅެނީ މަދުންނެވެ.
އޭނާގެ އަނގަ ހުޅުވެނީ އެންމެ އިންޗިއަކަށެވެ. ކުޑަ ސަމުސަލެއް ވެސް ނުވަދެ އެވެ. އެހެންވެ އޭނާ ކާން ޖެހެނީ ވަރަށް ކުދިކުދި ކޮށްގެންނެވެ. ޖަހައިގެން އުޅޭ ނޭފަތް ދޭތެރެއަކުން އޮންނަނީ ބިންމައްޗަށް ވެއްޓިފަ އެވެ.
ޑރ.މަރްދިނީ ވިދާޅުވަނީ ކިރިޔާ ވެސް ބަލާލެވޭ ވަރަށް މޫނު ތައްޔާރުކުރުމަށް އިތުރަށް 15 ސާޖަރީ ހަދަން ޖެހޭ ކަމަށެވެ. އެއީ ސޭންޑްނަސް ވަރަށް ބިރުގަންނަ ކަމެކެވެ. އޭނާ އިތުރަށް ސްކިން ގްރާފްޓާއި ލަކުނު ލާކަށް ބޭނުމެއް ނޫނެވެ. އަދި ދަތްތައް ވެސް ހަމަޖައްސަން މަސައްކަތްކުރާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ އެ ހުރިހާ ސާޖަރީއަކަށް ފަހުވެސް އޭނާގެ މޫނުގައި އައިބުތައް ހުންނާނެ ކަން ޔަގީންވާތީ އެވެ. ބޭރަށް ނުކުތުމުން ކުޑަކުދިން ބިރުން ނޫޅޭ ވަރު ނުވާނެކަން އެނގޭތީ އެވެ.
އޭގެ ފަހުން ފާއިތުވީ ފަސް އަހަރުވެސް ސޭންޑްނަސް ގަވާއިދުން މާޔޯ ކްލިނިކަށް ދައްކަމުން ދިޔަ އެވެ. ދެން ކުއްލިއަކަށް 2012 ވަނަ އަހަރު ސޭންޑްނަސް އަށް ފޯނު ކޯލެއް ލިބުނެވެ. އެއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ފޯނު ކޯލެކެވެ.
އެ ދުވަހު ޑރ. މަރްދީނީ ވިދާޅުވީ އެ ކްލިނިކްގައި މޫނު ޓްރާންސްޕްލާންޓްކުރުމުގެ ޕްރޮގްރާމެއް ފަށާ ކަމަށާއި ސޭންޑްނެސް އަކީ މި ކަމަށް އެންމެ ކަމުދާ އެކަކު ކަމަށެވެ.
މާޔޯ ކްލިނިކް ފޭސް ޓްރާންސްޕްލާންޓް ހެދުމަށް ތައްޔާރުވާން ފެށި އެވެ. އަދި ޑރ. މަރްދިނީ އެކި ގައުމުތަކަށާއި ރަށްތަކަށް ޒިޔާރަތްކޮށް މޫނު ޓްރާންސްޕްލާންޓްކޮށްދޭ ޑޮކްޓަރުންނާ ބައްދަލުކޮށް އެކަމާ ބެހޭ މައުލޫމާތާއި ތަޖުރިބާ ހޯއްދެވި އެވެ. އަދި މަރުވެފައިވާ ބައެއް މީހުންގެ މޫނު ނަގައިގެން އެ ކްލިނިކްގައި އެ މަސައްކަތް ފެށުމަށް ޕްރެކްޓިސް ކުރަން ފެށި އެވެ.
ފޭސް ޓްރާންސްޕްލާންޓް ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި ސޭންޑްނަސް ތިން އަހަރު ހުއްޓެެވެ. އެހާ ދުވަސްވީއިރު މާޔޯ ކްލިނިކުން ފޭސް ޓްރާންސްޕްލާންޓަށް ވަރަށް ބޮޑަށް ތައްޔާރުވެއްޖެ އެވެ. އަދި ސޭންޑްނަސް އަށް ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ސެޝަންތައް ނަގަން ޖެހުނެވެ. ސަބަބަކީ އޭނާއަކީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާ މީހަކަށް ވާތީ އެވެ. އޭނާ ފަދަ މީހަކަށް މިފަދަ ޓްރާންސްޕްލާންޓެއް ހައްގުތޯ ވެސް ސޭންޑްނަސް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މެދުގައި ބަހުސް ކުރެވުނެވެ.
ނަމަވެސް ވަރަށް ގިނަ ކަންތައްތައް ސޭންޑްނަސްއާ އެއްކޮޅަށް ދިޔަ އެވެ. އޭނާގެ ބަދަލުވެފައިވާ ދިރިއުޅުމާއި މިޒާޖު އަދި ކެތްތެރިކަމާއި އަޒުމެވެ. އަދި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އޭނާއަށް ލިބެމުންދިޔަ އެހީތެރިކަމެވެ. އަދި ވަކިން ޚާއްސަކޮށް ޑރ މަރްދީނީއާ އެކު އޮތް ދުވަސްވީ ގުޅުމެވެ. އެންމެ ފަހުން ޖެނުއަރީ 2016 ގައި އެންޑީގެ ނަން ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ޑައިރެކްޓަރީއަށް އަރައި ވެއިޓް ލިސްޓް ކުރެވުނެވެ.
މޫނު ބަދަލުކުރަން ޑޯނަރެއް ލިބުން އިންތިހާއަށް އުނދަގޫ ކަމަކަށް ވާއިރު ލިބޭ ޑޯނަރުގެ ފުރިހަމަވާން ޖެހޭ ޝަރުތުތައް ވެސް ގިނަ އެވެ. އޭނާގެ ލެއާއި ޓިޝޫގެ ބާވަތާއި ހެދިހުރި އިސްކޮޅާއި ބޮޑުމިން އަދި ހަމުގެ ކުލަ ސޭންޑްނަސް އާ މުޅީން އެއްގޮތް ވާން ޖެހެ އެވެ. އަދި އުމުރުގައި ވެސް 10 ވަރަކަށް އަހަރަށް ވުރެ ބޮޑު ތަފާތެއް ހުރެގެން ނުވެ އެވެ.
ނަމަވެސް އެންމެ ފަސް މަސް ދުވަހުގެ ތެރޭގައި ޑރ މަރްދިނީ ގުޅާފައި، ޑޯނާއެއް ލިބިއްޖެކަމަށް ބުންޏެވެ. ނަމަވެސް އެހާ ބޮޑަށް އުއްމީދު ނުކުރުމަށް ވެސް އެދުނެވެ.
ޑޯނާގެ އާއިލާގެ ފަރާތުން އެ މޫނު ސޭންޑްނަސް އަށް ހަދިޔާ ކުރުމުގައި މައްސަލައެއް ނެތްކަމަށް ބުންޏެވެ.
ސޭންޑްނަސް އަށް މޫނު ހަދިޔާކުރަން ނިންމަންޖެހުނީ މަރުވެފައިވާ މީހާއާ އެންމެ 19 އަހަރުގައި އަލަތު ކައިވެނިކުރި ލިލީ އަށެވެ. އޭނާގެ ފިރިމީހާ ކާލެން ރޮސް އަމިއްލައަށް ބޮލަށް ބަޑި ޖަހައިގެން މަރުވިއިރު ލިލީގެ ބަނޑަށް އަށް މަހެވެ.
ފިރިމީހާ މަރުވުމުގެ ހިތާމަކުރަމުން ވެސް އޭނާގެ އެންމެ ފަހުގެ އެދުން ލިލީ ފުރިހަމަ ކުރި އެވެ. ރޮސްގެ ޑްރައިވިން ލައިސަންސްގައި، އޭނާ މަރުވުމުން އިންސާނިއްޔަތަށް ގުނަވަންތައް ހަދިޔާކުރަން ބޭނުންވާކަމަށް ލިޔެފައި އޮތެވެ. ބޮލަށް ބަޑި ޖަހާފައި ވިޔަސް 21 އަހަރުގެ ރޮސްގެ ހިތާއި ފުއްޕާމޭ، ލިވާ އާއި ކިޑްނީ ބަރާބަރެވެ. އަދި މާޔޯ ކްލިނިކުން ވެއިޓް ލިސްޓްކޮށްފައިވާ ފޭސް ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ބަލި މީހާގެ މޫނާ ވެސް ރޮސްގެ މޫނާ ގުޅެ އެވެ.
ފިރިމީހާގެ މޫނު އެހެން މީހެއްގެ މޫނުގައި ޓްރާންސްޕްލާންޓް ކުރާކަށް ލިލީ އަކަށް ފުރަތަމަ އެއްބަހެއް ނުވެވުނެވެ. ފިރިމީހާގެ ސިފަ ހުރި އެހެން މީހަކު ފެންނަން ބޭނުން ނުވާތީ އެވެ. ނަމަވެސް ޑޮކްޓަރުން ލިލީ އަށް ޔަގީންކޮށްދިނީ ފޭސް ޓްރާންސްޕްލާންޓް ކުރިޔަސް ދެލޮލާއި ނިތްކުރިކުރި ބަދަލުނުކުރާތީ ލިލީގެ ފިރިމީހާއާ ސޭންޑްނަސްއާ ވައްތަރު ނުވާނެ ކަމަށެވެ.
އެންމެ ފަހުން މިދިޔަ އަހަރުގެ ޖޫން 16 ވަނަ ދުވަހު ސޭންޑްނަސްގެ މޫނުގައި ރޮސްގެ މޫނު ޖަހައި ޓްރާންސްޕްލާންޓް ކުރި އެވެ.
މި އޮޕަރޭޝަންގައި 60 ސާޖަނުންނާއި ނަރުހުން އަދި ހޭނައްތާ ޑޮކްޓަރުން ބައިވެރިވި އެވެ. އަދި އޮޕަރޭޝަން 56 ގަޑިއިރަށް ދެމިގެން ދިޔަ އެވެ.
ޑޯނާގެ މޫނުގައިވާ ކަށިތަކާއި މަސްތައް ހަމާއި ނާރުތައް ނަގަން ވެސް 24 ގަޑިއިރު ހޭދަވި އެވެ. އަދި ހަމަ އެ ވަގުތުގެ ތެރޭގައި ސޭންޑްނަސްގެ މޫނުގައިވާ އެ ބައިތައް ވެސް ނަގަން ޖެހުނެވެ. އަދި އޭނާގެ މުޅި މޫނު ލޮލުން ފެށިގެން ތިރި ބަދަލުކުރަން ތައްޔާރު ކުރިި އެވެ. މިކަމަށް އިތުރު 32 ގަޑިއިރުނެގި އެވެ. އޮޕަރޭޝަންގައި ބައިވެރިވި މެޑިކަލް ޓީމްތައް ކޮންމެ ހަތަރު ގަޑިއިރަކުން ބަދަލުކުރަމުން އެއްބަޔަކު ވަރުބަލި ފިލުވަމުން އަނެއް ބަޔަކު މަސައްކަތްކުރަމުން ގެންދިޔަ އެވެ.
އެންމެ އުނދަގޫ ކަމަކަށްވީ މޫނުގައިވާ ނާރުތައް ގުޅުވުމެވެ. ނަމަވެސް ޑރ. މަރްދީނީ އާއި ޓީމުގެ މަސައްކަތް ކާމިޔާބެވެ.
ސޭންޑްނަސް ހޭނައްތާފައި ގިނަ ދުވަސްތަކެއް ބޭއްވި އެވެ. އޭނާ ހަމައަކަށް އެޅުނީ އޮޕަރޭޝަން ކުރިތާ ތިން ހަފުތާ ފަހުންނެވެ. ފުރަތަމަ ފަހަރަށް ލޯގަނޑުން މޫނު ބަލާލުމުގެ ފުރުސަތު ސޭންޑްނަސް އަށް ލިބުނީ އެ ދުވަހު އެވެ. އެ މޫނަކީ އޭނާ ދަންނަ މޫނެއް ނޫނެވެ. ނަމަވެސް އެ މޫނާއެކު އޭނާއަށް އަލުން ރީތި ސިފައެއް ލިބުނީތީ އުފަލުން އޭނާގެ ދެ ލޯ ކަރުނުން ފުރުނެވެ. ހަޔާތުގައި މިކަހަލަ ދެ ވަނަ ފުރުސަތެއް ލިބޭނީ ވަރަށް މަދު މީހަކަށެވެ.