ކުރިއަށް އޮތް 24-48 ގަޑިއިރު ތެރޭ އީރާނުން އިޒްރޭލަށް ހަމަލާ ދީފާނެ ކަމަށް ބުނެފި
ކުރިއަށް އޮތް 24-48 ގަޑިއިރު ތެރޭ އީރާނުން އިޒްރޭލަށް ހަމަލާ ދީފާނެ ކަމަށް ބުނެފި

ކުރިއަށް އޮތް 24-48 ގަޑިއިރު ތެރޭ އީރާނުން އިޒްރޭލަށް ހަމަލާދީފާނެ ކަމުގެ މައުލޫމާތު އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބުނެފި އެވެ.

އީރާން ސިފައިންގެ އިސް ބަޔަކު ހިމެނޭ ގޮތަށް މި މަހުގެ 1 ގައި، ސީރިއާގައި ހުންނަ އީރާން އެމްބަސީގެ އެނެކްސް އަކަށް ހަަމަލާދީ އެތައް ބަޔަކު މަރާލި ހަމަލާ އަކީ އިޒްރޭލުގެ އަމަލެއް ކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިޒްރޭލުން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ސީރިއާގައި ދޭ ހަމަލާތައް މޮނިޓަކުރާ ޖަމިއްޔާތަކުން ވެސް ބުނެފައިވަނީ އެއީ އިޒްރޭލުގެ ޑްރޯނަކުން ދިން ހަމަލާއެއް ކަމަށެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ އީރާނުން ބަދަލު ހިފުމަށް ހަމަލާ ދޭނީ އިޒްރޭލުގެ މަސްލަހު ހިމެނޭ، އިޒްރޭލުން ބޭރުގައިވާ ތަންތަނަށް ކަމަށް ކުރިން ބެލެވުނަސް މިިހާރު ބެލެވެނީ ސީދާ އިޒްރޭލުގައި ހަމަލާ ދޭނެ ކަމަށެވެ. އެ ނޫހަށް ވާހަކަ ދެެއްކެވި އޮފިޝަލް ވިދާޅުވީ އިޒްރޭލުގެ އުތުރު ނުވަތަ ދެކުނަށް އީރާނުން ހަަމަލާ ދީފާނެ ކަމަށް ބޮޑަށް ބެލެވޭތީ އިޒްރޭލު މިހާރު އޮތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

އީރާން މިހާރު އޮތީ އިޒްރޭލަށް ހަމަލާ ދެވޭ ހާލަތަށް ތައްޔާރުވެފައި ކަމަށާއި އެކަމަކު ހަމަލާ ދިނުމާ މެދު އެންމެ ފަހުން ނިންމުން އަދި ނުނިންމާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އީރާންގެ އަސްކަރިއްޔާއިން ވަނީ އިޒްރޭލަށް ހަމަލާ ދެވޭނެ އެކި އިހްތިޔާރުތައް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ހުށަހަޅާފައި ކަމަށާއި އޭގެ ތެރޭގައި މެދު ރާސްތާގެ މިސައިލުން ސީދާ އިޒްރޭލަށް ހަމަލާ ދިނުން ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

"ހަމަލާއާ މެދު ފަހުގެ ނިންމުން ނިންމަވާނީ ޚާމަނާއީ،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.

އެކަމަކު އީރާނުން ދޭ މިސައިލް ހަމަލާއެއް އިޒްރޭލުން ނާކާމިޔާބުކޮށްލައިފި ނަމަ، އިޒްރޭލުން ރައްދުގައި އީރާނަށް މާ ބޮޑު ހަމަލާއެއް ދީފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށާއި އެެހެންވެ ޚާމަނާއީ އަދި ނިންމަވާނީ ކިހިނެއް ކަމެއް އަދި ޔަގީންނުވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ވަނީ ބުނެފަ އެވެ.

އީރާންގެ އިންޒާރުތަކާ ގުޅިގެން އިޒްރޭލުން ވައިގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ސިފައިންނަށް ޗުއްޓީ ދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ. މި ބިރާ އެކު އެމެރިކާގެ މަނަވަރުތައް އިޒްރޭލު ކައިރިއަށް ފޮނުވައި، އެމެރިކާ އިން ވަނީ އިޒްރޭލު ހިމާޔަތްކުރާނެ ކަމަށް ބުނެފަ އެވެ.

އީރާންގެ ރޫހީ ލީޑަރު ޚާމަނާއީ ވަނީ އިޒްރޭލަށް އަދަބު ދޭންޖެހޭ ކަމަށާއި އެ އަދަބު ދޭނެ ކަމަށް ވިދާޅުވެ އިންޒާރު ތަކުރާރު ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން އޭނާގެ މުޝީރަކު ވެސް ވަނީ އިޒްރޭލުގެ އެއްވެސް އެމްބަސީ އަކީ މިހާރު ރައްކާތެރި ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދެމުން ދާއިރު، އީރާންގެ ބިރު އިޒްރޭލަށް އިތުރުވުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވަނީ ބުނެފަ އެވެ.

އީރާނާއި އިޒްރޭލުގެ މަސްރަހު ހޫނުވެ ނުރައްކާ ބޮޑުވުމުން އެކި ގައުމުތަކުން ދަނީ ބަދަލުހިފުން ދޫކޮށްލައި، މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެއް ނުކުރުމަށް އިލްތިމާސްކުރަމުންނެވެ.