19 ފެބުރުއަރީ 2017 - 15:17

ސިވިލް ކޯޓުގެ ގާޒީ ގާޒީ މަރިޔަމް ވަހީދު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ފަނޑިޔާރުންނަށް ދިން އިންޒާރެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވ. ބޮޑުމޮހޮރާގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތުގެ މައްޗަށް އަަމުރުކޮށް ސިވިލް ކޯޓުން މެރިން ޓެކްނޮލޮޖީއާ އެއްކޮޅަށް ކުރިން އިއްވި ހުކުމެއް ތަންފީޒުކުރަން ގާޒީ މަރިޔަމް ކުރެއްވި ހުކުމާ ގުޅިގެން، ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ ފަނޑިޔާރުކަން ކުރެއްވުމުގެ އެއްވެސް ހައިސިއްޔަތެއް އޭނާގެ ނެތް ކަމަށެވެ. އަދި އޭނާގެ ހުކުމް ވެސް ވަނީ ބާތިލްކޮށްފަ އެވެ.
އެ މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ގާޒީ މަރިޔަމްއާ މެދު ސުޕްރީމް ކޯޓުން ފިޔަވަޅު އެޅީ އިންސާފުގެ އެއްވެސް ހަމައަކުން ނޫން ކަމަށާއި އެއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކުރި ކަމެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ދިން ނުރައްކާތެރި އިންޒާރެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ ގާޒީ މަރިޔަމް މަގާމުން ދުރުކުރީ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން އޭނާ ނިންމެވި ނިންމުމަކާ ގުޅިގެން ކަމަށާއި އެއީ ކުށަކާ ނުލައި، ނުހައްގުން ދިން އަދަބެއް ކަމަށެވެ. އަދި އެވަރުގެ ފިޔަވަޅެއް އޭނާއަށް އެޅީ ސަރުކާރާ ދެކޮޅަށް މައްސަލައެއް ނިންމުމުން، ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިއީ ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން ކޯޓަކުން ފަނޑިޔާރަކާ މެދު ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. އެކަމަކު ގާނޫނީ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ.