20 ފެބުރުއަރީ 2017 - 06:12

އެމީ ޖެކްސަން އާއި ސަލްމާން ޚާންގެ ގުޅުމާ ބެހޭ ގޮތުން މިހާރު ދަނީ އެކި ފާޑުުގެ ވާހަކަތައް ދައްކަމުންނެވެ.
އިނގިރޭސި ވިލާތަށް އުފަން އެމީ ބަތަލާގެ ރޯލު އަދާކުރި، ރަޖްނީކާންތާއި އަކްޝޭ ކުމާރު އަދި ނަވާޒުއްދީން ސިއްދީގީގެ "2.0"ގެ ޓްރެއިލާ ލޯންޗުކުރި ރަސްމިއްޔާތަށް ދައުވަތު ނުދެނީ ސަލްމާން ޚާން ދިޔަ ހިސާބުން އެމީ އާއި ސަލްމާންގެ ގުޅުމާ ބެހޭ ގޮތުން ތަފާތު އަޑުތައް ދަނީ ފެތުރެމުންނެވެ. އެ ފަހަރު ސަލްމާން ބުނީ އޭނާއަށް ދައުވަތު ދީފައި ނެތަސް ހަފުލާއަށް ދިޔައީ އެމީ އަކީ ރައްޓެއްސަކަށް ވާތީ ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.
ސަލްމާންގެ "ބީން ހިއުމަން" ފައުންޑޭޝަންގެ ކެމްޕެއިނެއްގެ އެމްބެސެޑަރަކަށް އެމީ ހަމަޖައްސައި ސަލްމާން ވަނީ އެމީއާ އެކު އިޝްތިހާރެއް ވެސް ކުޅެފަ އެވެ.
ސަލްމާން ދެން އެންމެ އަވަހަށް ކުޅެން ފަށާ "ދަބަންގް 3"ގެ ބަތަލާގެ ބައި ވެސް އެމީއަށް ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ. އެމީ ވެސް ދަނީ ސަލްމާނާ އެކު ވަރަށް އަވަހަށް ފިލްމެއް ފަށަން އުޅޭކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ.
އެމީ ބުނީ އޭނާ ސަލްމާނާ އެކު ފިލްމެއް ކުޅެން ފެށޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ސަލްމާނާއި އޭނާ އުޅެނީ ރައްޓެހިވެގެންތޯ ވެސް ނޫސްވެރިއަކު އެމީއާ ސުވާލުކުރި އެވެ. ޖަވާބުގައި އެމީ ކުރީ ސުވާލެކެވެ. ސަލްމާނާ ރައްޓެހިވާން ބޭނުން ނުވާނީ ކޮން އަންހެންކުއްޖެއްތޯ އެވެ؟ ނަމަވެސް އޭނާ ހުރީ ހުސްކޮށް ކަމަށް އެމީ ބުންޏެވެ.
ސަލްމާން ތަންކޮޅެއް ކުރިން ކުޅުނު "ކިކް"ގެ ބަތަލާގެ ބައި ވެސް އެމީ އަށް ކުޅެން ލިބުނެވެ. އެމީ ބުނީ އޭރު އޭނާ ސައުތު އިންޑިއާގެ ފިލްމެއް ކުޅެމުން ދިއުމުން އެ ފިލްމު ނުނިމި ދިގުލައިގެން ގޮސް "ކިކް"ގެ މަސައްކަތް ކުރެވޭ ގޮތް ނުވީ ކަމަށެވެ.
އަދި "ކިކް" ދޫކޮށްލަން ޖެހުނަސް އެކަމާ ހިތާމަ ނުކުރާ ކަމަށާއި ދެކުނު އިންޑިޔާ ފިލްމުން އޭނާއަށް ވަރަށް ގިނަ ފިލްމީ ތަޖުރިބާލިބި އެކްޓަރެއްގެ ގޮތުން ކުރިޔަށްދާން ފުރުސަތު ލިބުނުކަމަށް ވެސް އެމީ ބުންޏެވެ.
"ދަބަންގް 3" ގެ ބަތަލާއަކަށް ކުރިން ހަމަޖެހިފައި އޮތީ ސޮނާކްޝީ ސިންހާ އެވެ. "ދަބަންގް" ސިލްސިލާގެ ކުރީގެ ދެ ފިލްމުގެ ބަތަލާ އަކީ ވެސް ސޮނާކްޝީ އެވެ. ނަމަވެސް މިފަހަރުގެ ފިލްމުގައި އެމީ އަށް ދެނީ ސޮނާކްޝީގެ ރޯލު ކަމެއް ނުވަތަ މުޅިން އާ ރޯލެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.
ސަލްމާނަކީ ހުޅަނގުގެ ގައުމުތަކުން ބޮލީވުޑް ފިލްމު ކުޅުމުގެ ޝައުގުވެރިކަމުގައި އަންނަ ރީތި ބަތަލާއިންގެ ތެރެއިން ގިނަ ބަޔަކަށް ވަރަށް އެހީތެރިކަން ފޯރުކޮށްދޭ އެކްޓަރެކެވެ.