އީރާންގެ ހަމަލާއެއްގެ ބިރަށް އިޒްރޭލު ތައްޔާރީ ހާލަތުގައި
އީރާންގެ ހަމަލާއެއްގެ ބިރަށް އިޒްރޭލު ތައްޔާރީ ހާލަތުގައި

ސީރިއާގައި ހުންނަ އީރާންގެ އެމްބަސީގެ އިމާރާތަކަށް ހަމަލާދީ އީރާން ސިފައިންގެ އިސް ދެ ޖެނެރަލަކު އަވާހަރަކޮށްލި ހާދިސާގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށް އީރާނުން ދެމުން ގެންދާ އިންޒާރުތައް ވަރުގަދަވެ އިޒްރޭލުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

އީރާން ސިފައިންގެ އިސް ބަޔަކު ހިމެނޭ ގޮތަށް މި މަހުގެ 1 ގައި އެތައް ބަޔަކު މަރާލި ހަމަލާ އަކީ އިޒްރޭލުގެ އަމަލެއް ކަމަށް ބުނި ނަމަވެސް އެކަމާ ގުޅޭ ގޮތުން އިޒްރޭލުން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ސީރިއާގައި ދޭ ހަމަލާތައް މޮނިޓަކުރާ ޖަމިއްޔާތަކުން ވެސް ބުނެފައިވަނީ އެއީ އިޒްރޭލުގެ ޑްރޯނަކުން ދިން ހަމަލާއެއް ކަމަށެވެ.

އީރާންގެ އިންޒާރުތަކާ ގުޅިގެން އިޒްރޭލުން ވައިގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ސިފައިންނަށް ޗުއްޓީ ދިނުން ވެސް މެދުކަނޑާލާފައި ވަނިކޮށް އެމެރިކާއިން މިއަދު ވަނީ އީރާނުން ނުވަތަ އީރާނާ ގުޅުން އޮންނަ ޖަމާއަތަކުން އިޒްރޭލަށް ހަމަލާ ދީފާނެ ކަމުގެ ބިރު މިހާރު އިތުރަށް ބޮޑުވެފައިވާ ކަމަށް ބުނެފަ އެވެ.

"އިޒްރޭލަށް ބޮޑު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން އަންނަނީ ދެމުން،" އެމެރިކާގެ ރައީސް ޖޯ ބަޑައިގެން ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގެ މައްސަލައިގައި ބައިޑެންގެ ހިތްހަމަނުޖެހުން އިޒްރޭލާ ދެކޮޅަށް ފާޅުކުރައްވާފައި ވިޔަސް ބައިޑެން ވަނީ އީރާނުން އިޒްރޭލަށް ހަމަލާދޭ ނަމަ އިޒްރޭލު ހިމާޔަތްކުރަން ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އިއްޔެ ވެސް ވަނީ އިޒްރޭލަށް އަދަބު ދޭންޖެހޭ ކަމަށާއި އެ އަދަބު ދޭނެ ކަމަށް ވިދާޅުވެ އިންޒާރު ތަކުރާރު ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން އޭނާގެ މުޝީރަކު ވެސް ވަނީ އިޒްރޭލުގެ އެއްވެސް އެމްބަސީ އަކީ މިހާރު ރައްކާތެރި ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މި އިންޒާރުތައް ވަރުގަދަވުމުން އެމެރިކާއިން އިޒްރޭލުގެ ހިމާޔަތަށް މަސައްކަތް ފަށާފައި ވާއިރު އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ މައިކަލް ކުރީލާ އިޒްރޭލަށް ވަޑައިގެން އިޒްރޭލުގެ ޑިފެންސް މިނިސްޓަރާ އެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އެއާ ބޭސް އަކަށް ކުރި ޒިޔާރަތެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އޭގައި ނަތަންޔާހޫ ވަނީ ޣައްޒާގައި ހަމަލާތައް ކުރިއަށް ގެންދަނީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކަމަށާއި އެކަމަކު އެހެން ދިމަދިމާލުން ކުރިމަތިވެދާނެ ބިރަކަށް ވެސް މިޙާރު ތައްޔާރުވާން ޖެހިފައި ވާތީ ހާލަތު އިތުރަށް އުނދަގޫވެފައިވާ ކަމަށް ބުނެފަ އެވެ.

ޣައްޒާގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ހަމަލާތައް ހުއްޓުމަކަށް ގެނައުމާ ބެހޭ ވާހަަކަތަކުން އަދިވެސް ނަތީޖާއެއް ނުނިކުމެ އެވެ. -- އޭއެފްޕީ