އެއްވެ އުޅުމަށް ގާނޫނީ އިމުގެ ތެރެއިން އެންމެ މަތީ މިންވަރަށް ޖާގަ ދޭނަން: ޕީއެންސީ
އެއްވެ އުޅުމަށް ގާނޫނީ އިމުގެ ތެރެއިން އެންމެ މަތީ މިންވަރަށް ޖާގަ ދޭނަން: ޕީއެންސީ

އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ގާނޫނީ އިމުގެ ތެރެއިން އެ އޮންނަ އެންމެ މަތީ މިންވަރަށް ޖާގަ ދޭނެ ކަމަށް، މަޖިލިސް އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، "އިންޑިއާ އައުޓް" ގަރާރުގެ މައްސަލައިގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުރުސަތު ހުޅުވާލާފައި ކަމަށެވެ.

އެހެންވުމުން، ގާނޫނީ އިމުގެ ތެރެއިން އެ އޮންނަ އެންމެ މަތީ މިންވަރަށް އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ ދެވޭނެ ކަމަށް، އެންސްޕާގެ ސީއީއޯކަން ވެސް ކުރައްވާ ހީނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ހުރިހާ ޕާޓީތަކުން ވެސް ސިޔާސީ ހަރަކާތް ކުރިއަށްގެންދަވަން. އެ ފުރުސަތު މިހާރު އެބައޮތް. އެއްވެސް ގާނޫނީ ހުރަހެއް ނެތް ނުވަތަ އެއްވެސް ކަހަލަ ހުރަހެއް ނެތް އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް،" އޭނާ ވިދާޅުވި އެވެ.

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމަކަށް ވާތީ ކޮންމެ ކަމަކާ ގުޅިގެން ވިޔަސް އެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ހީނާ ވިދާޅުވި އެވެ.

އެ ނޫސްވެރިޔާ ސުވާލުކުރީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި އިންޑިއާއާ ދެކޮޅު ކެމްޕެއިން، "އިންޑިއާ އައުޓް" ގެ ހަރަކާތްތައް މަނާކުރާ ގަރާރު ބާތިލްކުރުމުގެ ވިސްނުމެއް، މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާކުރެއްވި ރައީސް މުއިއްޒު ގެންގުޅުއްވާތޯ ސާފުކުރުމަށެވެ. ނަމަވެސް، އެ ސުވާލަށް ހީނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައި ކަމަށާއި ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައް އެ މަނިކުފާނު ކުރައްވާނެ ކަމަށެވެ.

ކުރީގެ ވެރިކަމުގައި، އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީން އޮވެ ބޭއްވި ހަރަކާތްތަކަށް ފުރުސަތެއް ނުދިން ކަމަށް ހީނާ ވިދާޅުވި އެވެ. އެގޮތުން، ޕީޕީއެމް އޮފީސް ކައިރި ބަންދުކޮށް، ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަން ކެންޑިޑޭޓުންނަށް ފުރުސަތެއް ނުދިނުމާއި މުޒާހަރާތަކުގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޓާގެޓުކޮށްގެން ފުލުހުން މެދުވެރިކޮށް އަނިޔާ ދިން ކަމަށް ހީނާ ވިދާޅުވި އެވެ.

ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރިކަން ފާހަގަކުރައްވައި، އޭނާ ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ހުރަސްއެޅީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަމަށް ވިދާޅުވެފައި އެވެ.

ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އޭރުގެ ރައީސް އިބޫ، އިދިކޮޅު ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުކުރި ކަމަށާއި އޭގެ ފަހުން އެކި ދުވަސްތަކުގައި ފުލުހަށް ހާޒިރުކުރުމަށްފަހު ޔާމީން ހައްޔަރުކުރިކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ. އޭރު މަޖިލިސް އިންތިހާބު އޮތީ ވަރަށް ކައިރިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި ސަރުކާރުން ހުރިހާ އެންމެންނަށް ވެސް ސިޔާސީ ހަރަކާތްތައް ހިންގަން ޖާގަ ދޭނެ ކަމަށް ޕީއެންސީން ބުންޏެވެ.

"މި ސަރުކާރުން ސިޔާސީ މީހުންނަށް ބިރު ދައްކައި ހައްޔަރެއް ނުކުރާނެ. އެ މީހުންނަށް ވެސް މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ދޭނެ،" ހީނާ ވިދާޅުވި އެވެ.

ޕީއެންސީން ވަނީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތައް އިސްވެ ދޮގު ހަބަރު ފަތުރައި އެންޓި ކެމްޕެއިން ކުރަމުންދާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފަ އެވެ.

އެއްވެ އުޅުމަށް ގާނޫނު ތަންދޭ އެންމެ މަތީ މިންވަރަށް ޖާގަ ދޭނެ ކަމަށް ހީނާ ވިދާޅުވިއިރު، ޕީޕީއެމްއިން ވަކިވެވަޑައިގެން، ޔާމީން އިސްވެ އުފައްދަވާފައިވާ ޕީއެންއެފް ޖަލްސާއަށް ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުރަސްއަޅައިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައި ވެސް ވެ އެވެ.