ގެނބިގެން މަރުވި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި
ގެނބިގެން މަރުވި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

ތ. ވިލުފުށީ ކައިރީ ފަޅު ރަަށަކަށް ދަތުރު ގޮސްގެން އުޅެނިކޮށް ގެނބިގެން މިއަދު މަރުވި ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

މަރުވެފައި ވަނީ އައިޝަތު ސައިމާ ކިޔާ 17 އަހަރުގެ އަންހެން ކުއްޖެކެވެ.

އެ ރަށު ކައުންސިލުން ބުނީ އެ މައްސަލަ އަކީ ފުލުހުން ބަލާ މައްސަލައެއް ކަމަށާއި މިއަދު ހަވީރު ލޯންވުގައި އެ ކުއްޖާގެ ހަށިގަނޑު މާލެއަށް ފޮނުވާލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނައީ އެ ރަށުން ނެހެދޭ ސްކޭންތަކެއް ހުރުމުންނެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ވިލުފުށީ ހެލްތު ސެންޓަރަށް އެ ކުއްޖާ ގެންދިޔައީ މެންދުރު 12:45 ހާއިރު ކަމަށެވެ. އެ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާއަކީ މާލޭ ކުއްޖެއް ނަމަވެސް ގެންގުޅެ ބަލަހައްޓަމުން ދަނީ ވިލުފުށީ އާއިލާއަކުންނެވެ.