މާލޭ ގެއެއްގައި ރޯވެެއްޖެ
މާލޭ ގެއެއްގައި ރޯވެެއްޖެ

މާލޭގެ ކެނެރީ މަގުގައި ހުރި ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މާލޭ ގެއެއްގައި ރޯވެެއްޖެ
މާލޭ ގެއެއްގައި ރޯވެެއްޖެ

އެމްއެންޑީއެފްއިން ބުނިގޮތުގައި ރޯވީ މ. ރަބީއުވިލާ ގޭގެ ހަތަރު ވަނަ ފްލޯގަ އެވެ. އެ ހާދިސާގެ ރިޕޯޓް މިރޭ ލިބުމާ އެކު ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވެ، އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބައްލަވާލައްވައިފަ އެވެ. އެ މަނިކުފާނާ އެކު، ޗީފް އޮފް ޑިފެންސް އަބްދުއްރަހީމް އަބްދުއްލަތީފު ވެސް އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބެއްލެވި އެވެ.

އެނގިފައިވާ ގޮތުގައި ރޯވެފައިވާ ގެއަކީ ގިނަ ދުވަސްވެ، ބާވެފައިވާ އިމާރާތެކެވެ. އެތަން ބޮލަށް ވެއްޓެން ގާތްވެފައިވާއިރު، އެ ތަނުގެ ތެރޭގައި މީހުން ގާނޫނާ ހިލާފް ކަންކަން ކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވެ އެވެ.

ފުލުހުން ބުނީ، ރަބީއުވިލާ ގެ އަށް ލިބުނު ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދައި، ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ މަގު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައި ކަމަށެވެ.

"އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ވެސް އެ މަގުގައި ހިނގައިބިނގާވެ އުޅޭ އިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރެއްވުމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.