10 އެޕްރީލް 2024 - 08:09

ފިތުރު އީދު ދުވަހު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަންވީ ކަމަކީ އިޖްތިމާއީ ގުޅުންތައް ވަރުގަދަކުރުން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

އީދު ހުތުބާގައި ބުނީ އީދަކީ އިޖްތިމާއީ ގުޅުންތައް ވަރުގަދަ ކުރުމަށާއި އެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
"ދަރިން އެ މީހުންގެ މައިންބަފައިންނަށް އިހުސާންތެރި ވާށެވެ. މައިންބަފައިން އެ މީހުންގެ ދަރިންނަށް ލޯބިދީ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ކުރާށެވެ. އަނބިން އެ މީހުންގެ ފިރިންނަށް ކިޔަމަންތެރިވާށެވެ. ފިރިން އެ މީހުންގެ އަނބިންނަށް އޯގާތެރިވާށެވެ." ހުތުބާގައި ބުންޏެވެ.
ބައެއްގެ އިޖްތިމާއީ ފޭރާން ވަރުގަދަވުމުން މުޖްތަމައު އަށް ފާގަތިކަމާއި އަމާންކަން ގެނުވާ ކަމަށާއި އެ ބައެއްގެ ތެރޭގައި ރިވެތި އަހުލާގު ފެތުރިއްޖެ ނަމަ އެ ބައެއްގެ ތެރޭގައި އެއްބައިވަންތަކަން އާލާ ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ރިވެތި އަހުލާގު ވީރާނާ ވިޔަ ނުދިނުމަށް ހުތުބާގައި ގޮވާލި އެވެ.
"ދުލުގެ އާފާތްތަކުގެ ޝިކާރައަކަށްވެ ޣީބަ ބުނުމާއި ދެބައޮޑުވުމާއި ދޮގު ހެދުމާއި ދޮގު ހެކި ދިނުމާއި މަލާމާތްކޮށް ފުރައްސާރަ ކުރުމާއި ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ބަޔަކަށް ނުވާށެވެ." ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އިސްލާމް ދީނަކީ ފިތުރަތުގެ ދީނެއް ކަމަށާއި މުސްލިމުން އެ މީހުންގެ އީދު ފާހަގަ ކުރާނީ ﷲ ހުއްދަ ކުރެއްވި އިމުގެ ތެރެއިން ކަމަށެވެ. އަދި އުފާ ފާޅު ކުރުމުގައި ހައްދު ފަހަނަ އަޅައި ނުދިނުމަށް ހުތުބާގައި ގޮވާލި އެވެ.
ފިތުރު އީދުގައި އުފާފާޅުކޮށް ހަދިޔާ ބަދަލުކޮށް ސަލާން ކުރަމުން ގެންދާއިރު ފަލަސްތީންގައި އަނިޔާ ލިބެމުންދާ އަހުންނާއި އުހްތުންގެ މަތިން ހަނދާން ނައްތާ ނުލަން ހުތުބާގައި ގޮވާލި އެވެ. އެ މާތް ބިމުގައި އެ މީހުން ޖިހާދު ކުރަމުން އަންނަ ކަމަށާއި ނިމިގެން ދިޔަ ރޯދަ މަހު ވެސް އެ މީހުން އުޅުނީ ނިކަމެތި ހާލުގައި ކަމަށް ހުތުބާގައި ހަނދާން ކޮށްދިނެވެ.
ފިތުރު އީދުގެ އުފާ ރާއްޖޭގެ ކަންކޮޅުތަކުގައި ވެސް މިއަދު ފާހަގަކުރުން ފެށީ އީދު ނަމާދުންނެވެ. މާލެ އާއި އެކި ރަށްރަށުގައި މައިދާންތަކަށް ނުކުމެ އެތައް ހާސް ބަޔަކު ބޮޑު ޖަމާއަތުގައި ވަނީ އީދު ނަމާދުކޮށްފަ އެވެ.