10 އެޕްރީލް 2024 - 00:56

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ރޭ ބާއްވައިފި އެވެ.

ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން އެންމެ ފުރަތަމަ ތާވަލްކުރީ ރޭ 9:00 ގައި މާލޭގެ އަމިއްލަ ސްކޫލެއް ކަމަށްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގަ އެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން، ޕީއެންއެފަށް ޣިޔާސުއްދީންގެ ހޯލް ދޫކުރުމުގެ އެއްބަސްވުން މިއަދު މެންދުރުފަހު ވަނީ ބާތިލްކޮށް، އެކަން އީމެއިލްގެ ޒަރީއާ އިން ޕީއެންއެފަށް އަންގައިފަ އެވެ.

އެކަމަކު، އެކަން އެންގި ނަމަވެސް އެ އަށް ބެލުމެއް ނެތި އެ ސްކޫލްގެ ހޯލުގައި ރޭ ޖަލްސާ ބާއްވަން އުޅުމުން ވަނީ ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިންގައިފަ އެވެ.

އެ ކުރިމަތިލުން ހިނގީ ޣިޔާސުއްދީންގެ ހުއްދަ ނެތި އެ ސްކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތް ކުރުމުން ރައްކާތެރިކަމަށް އެދި ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުމާ އެކު، ފުލުހުން ސްކޫލްގެ ގޭޓް ބަންދު ކުރުމުންނެވެ.
އޭގެ ފަހުން އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ސަރުކާރުގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ޖަލްސާ އޮންނަ ތަން ކުރީގެ ނިއު ޕޯޓު ސަރަހައްދު ނުވަތަ ސިނަމާލެ ބްރިޖު ޕްލެޓްފޯމަށް ބަދަލުކޮށްފައިވާތީ، ހުރިހާ ބައިވެރިން އެ ތަނަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.
ޔާމީން ވެރިކަމުގައި ހެދި ބްރިޖު ޕްލެޓްފޯމުގައި ޕީއެންއެފުން އަމިއްލަ އަށް ކަރަންޓު ދީގެން ބޭއްވި އެ ޖަލްސާ ފެށީ ރޭ 12:20 ހާއިރު އެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ޖަލްސާގެ ހާޒިރީ ބެލުމަށް ފަހު، 300 މެންބަރުންގެ ކޯރަމް ހަމަވުމުންނެވެ. ޖަލްސާގައި 329 މެންބަރުން ބައިވެރިވި ކަމަށް އިއުލާންކުރި އެވެ.
ޕީއެންއެފްގެ އިސް ބައެއް މަގާމުތަކަށް ބައެއް ބޭފުޅުން ރޭ އައްޔަން ކުރިއިރު، ޕާޓީގެ މުއައްސިސް އަދި ޔާމީންގެ ދަރިކަލުން ޒޭން ޔާމީންގެ ނަން ވަނީ ފާސްކޮށްފަ އެވެ.
ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެންދެން އެކުލަވާލި ވަގުތީ ކޮމިޓީއަށް 20 ނަމެއް ފާސްކުރި އެވެ. އެ ލިސްޓުގެ އެންމެ ކުރީގައި ހިމަނާފައިވަނީ ޔާމީންގެ ނަމެވެ. އަދި ޒޭން ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަހުމަދާއި މަލީހުގެ ނަން ހިމެނެ އެވެ.
މި ޖަލްސާގައި ވަނީ ޕާޓީގެ ލޯގޯ އާއި އަސާސީ ގަވައިދުގެ އިތުރުން ޕާޓީގެ ކުލަ ފާސްކޮށްފަ އެވެ. ޕާޓީގެ ކުލައަކަށް ފާސްކޮށްފައިވަނީ ދަނބު ކުލަ އެވެ.
މި ޖަލްސާގައި ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕާޓީ އިން ކުރިން އިއުލާންކުރި ނަމަވެސް ޔާމީން ވަޑައިގަތީ ޖަލްސާ ނިމުމުންނެވެ.