09 އެޕްރީލް 2024 - 19:47

ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން މަރާމާތުކޮށް، ރޭ އަލުން ބޭނުންކުރަން ފެށީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުމްހޫރީ މައިދާނުގައި ހެދި ފެންއަރުވާ ވަޑާން ނުވަތަ "ޖުމްހޫރީ ފަށްވާރާ" ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އަލުން މި ހުޅުއްވައި ދެއްވީ އެ ތަން ބޭނުން ނުކުރާތާ ވަރަށް ގިނަ ދުވަސް ވީ ފަހުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ތަނާ އެއްވެސް ވަރަކަށް އަޅައެއް ނުލައި އޮތީ ދޫކޮށްލައިފަ އެވެ. އެހެންވެ، އަލުން އެ ތަން ބޭނުންކުރަން ފެށީ ވެސް މަރާމާތުތަކަކަށް ފަހު އެވެ.
އެމްޓީސީސީ އިން ބުނީ، ފެންއަރުވާ ވަޑާން މަރާމާތު މަރާމާތު ކުރުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. ވީރާނާވަމުން ދިޔަ ފެންއަރުވާ ވަޑާން ރައީސް މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތުކޮށް، މާދަމާ ފާހަގަކުރާ ކުޑަ އީދަށް އެތަން އަލުން ހުޅުވުމުގެ މަސައްކަތް އެމްޓީސީސީ އިން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވުނީ 2015 ވަނަ އަހަރު ފާހަގަކުރި "މިނިވަން 50" މުނާސަބަތާއި ގުޅިގެންނެވެ. އެތަން ޑިޒައިން ކުރުމުގައި އިސްދައުރެއް އަދާކުރެއްވީ މިހާރުގެ ރައީސް އަދި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒެވެ. ފެންއަރުވާ ވަޑާން ޑިޒައިންކުރީ ރާއްޖޭގައި ކުރީ ޒަމާނުގެ ރަސްރަސްކަލުން ފެންވަރުމަށް ބޭނުންކުރާ ވެވު ރަމްޒެއް ކަމަށް ބަލައިގެންނެވެ. އެ މަސައްކަތް އޭރު ވެސް ކުރީ އެމްޓީސީސީއިންނެވެ.
އެ ކުންފުނިން ބުނީ، ފެންވަރުވާ ވަޑާން ހަދާފައިވަނީ އާންމު ސިއްހަތާއި ރައްކާތެރިކަމަށް ބަލައިގެން ކަމަށެވެ. އެ ތަނުގެ ފެން ފިލްޓަކުރާ ނިޒާމް ހަދާފައިވަނީ ފެން ސާފުކުރެވޭނެ ގޮތަކަށެވެ. ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފެންއަރުވާ ވަޑާމުގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށެވެ.