09 އެޕްރީލް 2024 - 13:03

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގައި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންސް އެވެ. ދެން އެންމެ ގިނައީ ހިރޮއިން އެވެ.
ސިންތެޓިކް ކެތިނޯންސްގެ 6،544 ގްރާމް
ހިރޮއިންގެ 5،300 ގްރާމް
އެމްޑީއެމްއޭގެ 1،152 ގްރާމް
މެތަމްފެޓަމިންގެ 570 ގްރާމް
އެމްފެޓަމިންގެ 350 ގްރާމް
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދޮރުތައް ބަންދުކުރުމަށް ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން މިފަހުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ތަފާތު ވަސީލަތްތައް ހޯދުމާއި ތަމްރީނުތައް ވަރުގަދަ ކުރުން ހިމެނެ އެވެ.
ފުލުހުން މި މަހުގެ ތިންވަނަ ދުވަހު ބުނެފައި ވަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އޭގެ ކުރީ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެންމެފަހުން ވިދާޅުވެފައިވާ ގޮތުގައި، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ.