ދިރާގު އީޒޯނުން ލަޔަންސްގޭޓަށް ސަބްސްކްރައިބް ކުރެވޭނެ
ދިރާގު އީޒޯނުން ލަޔަންސްގޭޓަށް ސަބްސްކްރައިބް ކުރެވޭނެ

ފިލްމާއި ސީރީޒް އަދި މުނިފޫހިފިލުވުމުގެ ޑިޖިޓަލް ކޮންޓެންޓް އުފައްދާ ސްޓްރީމިން ޕްލެޓްފޯމް ލަޔަންސް ގޭޓުގެ ކޮންޓެންޓު ދިވެހިންނަށް ފޯރުކޮށްދިނުމަށް ދިރާގުން އެ ކުންފުންޏާއި އެކު ޕާޓްނާޝިޕެއް ގާއިމުކޮށްފި އެވެ.

މި ޕާޓްނާޝިޕުގެ ދަށުން ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

ލަޔަންސްގޭޓް ޕްލޭ އަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ކުންފުނި، ލަޔަންސްގޭޓްގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެވެ. ލަޔަންސްގޭޓަކީ 'ދަ ހަންގާ ގޭމްސް'، 'ޖޯން ވިކް'، 'ލާ ލާ ލޭންޑް' އަދި 'ނައިވްސް އައުޓް' ފަދަ މަޝްހޫރު، އެވޯޑު ލިބިފައިވާ ފިލްމުތަކުގެ އިތުރުން އެކި ޓީވީ ސީރީޒްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފައްދާ ކުންފުންޏެކެވެ.

މި ޕާޓްނަރޝިޕް ފާހަގަކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން ވަނީ ލަޔަންސްގޭޓް ޕްލޭގެ ލިމިޓެޑް އަދަދެއްގެ ހިލޭ ސަބްސްކްރިޕްޝަން ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ނިންމާފަ އެވެ. ދިރާގު އީޒޯންއިން ލަޔަންސްގޭޓް ޕްލޭގެ ހިލޭ އެއް މަސްދުވަހުގެ ސަބްކްރިޕްޝަން ނަގައިގެން ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވޭނެއެވެ. އެގޮތުން ސަބްސްކްރިޕްޝަން ބޭނުންކުރުމަށް، ކަސްޓަމަރުންގެ އެޕަލް ނުވަތަ ގޫގުލް ޕްލޭ ސްޓޯރުގެ އައިޑީ އަކީ ރާއްޖޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވިފައިވާ އައިޑީއަކަށް ވާންޖެހެ އެވެ.

ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ޕާޓްނާޝިޕާއި އެކު ލަޔަންސްގޭޓް ޕްލޭގެ އެކްސްކްލޫސިވް ކޮންޓެންޓް ރާއްޖެއިން ބަލާލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތްތަކަށް ދިރާގު ކަސްޓަމަރުންނަށް ވެގެންދާނެ ކަމަށެވެ. އަދި ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލަޔަންސްގޭޓް ޕްލޭގެ ފިލްމުތައް ބެލޭނެކަން ފާހަގަކުރެއްވި އެވެ.

ލަޔަންސްގޭޓް ޕްލޭ އޭޝިއާގެ ޕްރެސިޑެންޓް، ރޯހިތު ޖެއިން ވިދާޅުވި ގޮތުގައި ދިރާގާއި ލަޔަންސްގޭޓް ޕްލޭއާ ދެމެދު ގާއިމުކުރި ޕާޓްނާޝިޕްގެ ސަބަބުން ދެކުނު އޭޝިއާގައި އެކުންފުނީގެ ބައިވެރިވުން ވަރުގަދަވުމުގެ އިތުރުން، ރާއްޖޭގެ ތަފާތު އޯޑިއަންސްތަކާ އެކު ވެސް ގުޅުން ބަދަހިވެގެންދާނެ އެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ލަޔަންސްގޭޓް ޕްލޭގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހައިން ރާއްޖޭގެ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ބެލުންތެރިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށް ރޯހިތު ވިދާޅުވި އެވެ.